ވިޔަފާރި

ފެޑެރަލް ރިޒާވުން އިންޓްރެސްޓް ރޭޓް މަތިކުރިނަމަވެސް ބީއެމްއެލްގެ ރޭޓްތައް ބޮޑެއްނުކުރޭ: ސީއީއޯ


ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެެ ތެރޭގައި ފެޑެރަލް ރިޒާވުން 9 ފަހަރަށް އިންޓްރެސްޓް ރޭޓް މަތިކުރިނަމަވެސް ބީއެމްއެލްއިން ރާއްޖޭގެ ރޭޓްތައް ބޮޑުކޮށްފައި ނުވާކަމަށް ބެންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ ސީއޯއޯ މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި ރޭ ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެެެވެ.

ބީއެމްއެލްގެ ސީއީއޯ ވަނީ ބޭންކުގެ ކުރިމަގުގެ ތަޞައްވުރު އަދި ސްޓްރެޓަޖީގައި އިސްކަންދޭ ތިން އަމާޒުކަމުގައިވާ ކަސްޓަމަރުންނާ އިންސާފުން މުއާމަލާތްކުރުމަށާއި ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ހިންގުމަށް އަލިއަޅުވާލާފައެވެ.

އޭނާ ވިދާޅުވީ ބީއެމްއެލްގެ ޕްރޮޑަކްޓްތަކާއި ދެމުން އަންނަ ޚިދުމަތްތަކަކީ ކަސްޓަމަރުން އެދޭފަދަ އަދި ޓަރގެޓް ސެގްމަންޓަށް މުހިންމު އަދި ބޭނުންތެރި ޕްރޮޑަކްޓް އަދި ޚިދުމަތަކަށްވާންޖެހޭ ކަމަށެވެ. އަދި މިއަހަރު، ދަރިވަރުންގެ ލޯނުގެ އިންޓްރެސްޓް ރޭޓް ވަނީ ވަަރަށް ބޮޑަށް ދަށްކުރެވި، %5 އަށް ހަމަޖައްސާފައި ކަމަށާއި އަދި ދައްކަންޖެހި ނުދައްކާ ހުންނަ ލޯނުތަކުން ނަގާ އިންޓްރެސްޓްގެ މަހުފީ %2 އަށް ދަށްކޮށްފައިވާ ކަމަށްވެސް ބީއެލްއެގް ސީއީއޯ ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ ފެޑެރަލް ރިޒާވުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 9 ފަހަރަށް އިންޓްރެސްޓް ރޭޓް މަތި ކުރިނަމަވެސް ބޭންކުން ރާއްޖޭގެ ރޭޓްތައް ބޮޑުކޮށްފައި ނުވާކަމަށެވެ. މީގެ ބަދަލުގައި ބޭންކުން ވަނީ ކަސްޓަމަރުންނަށް އިންޓްރެސްޓްގެ ސަބަބުން ދިމާވާނެ ދަތިތަކަށް ވިސްނައި، އިތުރުވި ޚަރަދުތައް މެނޭޖްކޮށްފައި ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބީއެމްއެލްއިން މަސައްކަތް ކުރަމުންދަނީ މިހާރު މެނުއަލްކޮށް މަސައްކަތް ކުރަމުންދާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ބަދަލުގެނެސް ހަމަ މިދަނޑިވަޅުގައި ސެކިއުރިޓީ ކޮންޓްރޯލް އިތުރުކޮށް، ޑިޖިޓަލް ސަޕޯޓް ޕްލެޓްފޯމްތައް އިތުރުކުރަމަށް ކަމަށެެވެ.

ބޭންކުގެ ކުރިމަގާމެދު ވާހަކަ ދައްކަވަމުން ކާރލް އިތުރަށް ވިދާޅުވީ މި ދާއިރާއަށް ވާދަވެރިން އަންނާނެކަށް ޤަބޫލުކުރާ ކަމަށާއި އެއީ ހުއްޓުވޭނެ ކަމެއްވެސް ނޫންކަމަށެވެ. ނަމަވެސް ބީއެމްއެލްއިން މަސައްކަތްކުރާނީ ރާއްޖޭގައި އެންމެން އިޚްތިޔާރުކުރާ ބޭންކަކަށް ބީއެމްއެލް ހެދުމަށްކަމަށް ވެސް ބީއެމްއެލްގެ ވިދާޅުވިއެވެ.

"ރާއްޖޭގެ މާކެޓްގައި އަޅުގަނޑުމެންގެ ލިބިފައިވާ ކުރިއެރުމާއެކު އަޅުގަނޑުމެންގެ މަސައްކަތް އިތުރަށް ފުޅާކޮށް، އިތުރު އާމްދަނީ ހޯދުމަށް ބޭރުގެ މާކެޓް ތަކާއި އައު މަގުތައް ހޯދަންޖެހޭ. އަޅުގަނޑުމެންގެ ކާމިޔާބު މިނިގެންދާނީ ކަސްޓަމަރުން އަޅުގަނޑުމެންނާއެކު ބޭންކިންގ މުއާމަލާތް ކުރަން 'ޖެހޭ' ބައެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އަޅުގަނޑުމެނާއެކު ބޭންކިންގ މުއާމަލާތް ކުރަން 'އެދޭ' ބަޔަކަށް ބަދަލުކޮށްގެން. އަދި މި ބަދަލު ގެނައުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތް ކުރަންޖެހޭ." ކާލް ވިދާޅުވިއެވެ.

ބީއެމްއެލްގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު މިހާރު އެއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގ ޚިދުމަތް ދޭ ބޭންކެވެެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފޯރުކޮށްދެމުންވެ.