ޚަބަރު

ކޯވިޑުން ބައެއް ޤައުމުތައް އަރައިގަތީ ރާއްޖޭގެ ފިޔަވަޅުތައް ނަމޫނާއަކަށް ބަލައިގެން: ރައީސް


ސީޝެލްސް ފަދަ ޤައުމުތަކުން ކޯވިޑްގެ ޙާލަތުން އަރައިގަތީ ރާއްޖޭގެ ސިޔާސަތުތައް އޮޅުންފިލުވައި އެ ފިޔަވަޅުތައް ތަންފީޒްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފ. ބިލެތްދުއަށް ވަޑައިގެން، އެރަށުގައި ސަރުކާރުން ތަރައްޤީކުރެއްވި ފެނަކަ އައު އިންޖީނުގެ އާއި، އިންޖީނުގޭގެ އައު އޮފީސް ޢިމާރަތް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފެށްޓެވީ ބިލެތްދޫގައި ސަރުކާރުން ހިންގަވާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުންނެވެ. ރައީސް ވިދާޅުވީ 1980 ގައި ބިލެތްދޫގައި ފެށުނު ކަރަންޓުގެ ޚިދުމަތް ހޯދުމުގައި މިހާތަނަށް ރައްޔިތުން އެތައް ތަކުލީފެއް އުފުލަމުން ދިޔަކަމަށެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ފެނަކައިން އެ ތަކުލީފުތަކަށް ޙައްލު ގެނެސްދެމުން އަންނަކަމަށާއި، އެގޮތުން ބިލެތްދޫގައި 400 ކިލޯވީޓާއި 500 ކިލޯވީޓުގެ ދެ ޖަނެރޭޓަރުން ކަރަންޓުދެމުން އަންނަނީ އެންމެ ޒަމާނީ ވަޞީލަތްތަކާ އެކުކަމަށެވެ.

ސަރުކާރުގެ ޕްލޭނަކީ މެދުނުކެނޑި އެފަދަ ޚިދުމަތްތައް ރައްޔިތުންނަށް ލިބުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށަކުން ފެންނަނީ އެފަދަ އެތައް މުހިންމު މަޝްރޫޢުތައް ކުރިއަށްދާތަން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެނަކައިގެ 61 އޮފީހާއި 48 އައު އިންޖީނުގެ ޤާއިމްކޮށްފައިވާ ކަމަށާއި، 28 ރަށެއްގައި އިންޖީނުގޭގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބިލެތްދޫގައި ކުރިއަށް އޮތްތަނުގައި އެންމެ އަވަހަށް ކުރައްވާނެ މަސައްކަތަކީ، ޖުލައި މަހުގެ ތެރޭގައި އޭޓީއެމް ޤާއިމްކުރުމާއި، ބަނދަރު ތަރައްޤީކޮށް ބިން ހިއްކުންކަމަށެވެ.

"ފަޅު ކުޑަނަމަވެސް ހިއްކެން އޮތް މިންވަރަށް ހިއްކުމަކީ ރައްޔިތުންގެ ބޮޑު އެދުމެއް. ރިޔާސީ ވަޢުދުގެ ތެރޭގައި ބިން ހިއްކާ ބޯހިޔާވަހިކަންދޭނެކަމަށް ވާނީ އަޅުގަނޑުމެން ވަޢުދުވެފައި. މިހާރު ވާނީ ބަނދަރު ހަދަން އެމްޓީސީސީއާ ޙަވާލުކޮށްފައި. އެކަންކުރާނީ އޮޑިދޯނިފަހަރަށް އެންމެ ފަސޭހައިން ބޭނުންކުރެވޭގޮތަށް ތަރައްޤީކުރާނެކަމުގެ ޔަޤީންކަން އަރުވަން" ރއީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ބިލެތްދޫގައިވެސް ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. މިއާއެކު ރަށުގައި ތިބެ އިންވެސްޓްކުރާނެ ފަރާތްތައް އިތުރުވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ބިލެތްދުއާއި ކައިރިން މަގޫދޫގައި އެއަރޕޯޓެއް ތަރައްޤީކުރެވެމުންދާއިރު، ގެސްޓްހައުސް ފަދަ ވިޔަފާރިތައް ފުޅާކުރުމަށް އިލްތިމާސް ކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ލުއިލޯނު، އެއިން މަންފާ ލިބޭނެގޮތަށް ބޭނުންކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ކަމަށާއި، މުޅި ރާއްޖެ ތަރައްޤީކުރެވޭނީ ރަށް ހިންގުމުގެ ބާރު ވީހާވެސް ބޮޑަށް ކައުންސިލަށް ދޫކޮށްގެން ކަމަށް ވިދާޅުވިއެވެ. މި ސަރުކާރު އައިރު މަގޫދޫ ކައުންސިލް ހިންގީ އަމިއްލަ މީހެއްގެ ޢިމާރާތުގައި ކަމަށާއި، ނަމަވެސް މިހާރު ކައުންސިލް ޢިމާރާތެއް އަޅައިދެއްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރަށްރަށުގެ ތަރައްޤީއަށް ހިންގެވި މިފަދަ މަޝްރޫޢުތަކަށް ކޯވިޑްގެ ސަބަބުން ކުޑަ މަޑުޖެހުމެއް ކުރިމަތިވިކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އެއްވެސް މަޝްރޫޢެއް ހުއްޓަވައިނުލައްވައި ކުރިއަށް ގެންދެވުމުން އެކަމުގެ ރަނގަޅު ނަތީޖާ ފެނުނުކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއީ ބުރަ ބޮޑު މަސައްކަތެއް ނަމަވެސް އެންމެ ބޮޑު އަމާޒަކަށްވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިދެއްވުންކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާއި ސްރީލަންކާގެ ވަޒީރަކާ ބައްދަލުވެވަޑައިގެން ދެކެވުނު ވާހަކަފުޅުތަކުގައި ވެސް އެޤައުމަށް ހެދުނު އެންމެ ބޮޑު ގޯހަކީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލުންކަމަށް ވިދާޅުވިކަމަށެވެ. އެއާ ޚިލާފަށް ރާއްޖެއިން އެ ދަތިތަކުން އަރައިގަނެވުނީ ޞިއްޙީ ދާއިރާގެ ލަފާ ހޯދައިގެން ކުރިއަށް ދިއުމުންކަމަށް ރައީސް ތަކުރާރުކުރެއްވިއެވެ.

"ލަންކާގެ މިނިސްޓަރު ވިދާޅުވި ހެދުނު އެންމެ ބޮޑު ގޯހަކީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލުންކަމަށް. މުޅި ރަށް ހުއްޓުމަކަށް އައޭ. ވަޒީފާތައް ގެއްލުނޭ. އަދި ވިޔަފާރިތައްވެސް ހުއްޓުނޭ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސީޝެލްގެ ރައީސްވެސް އެމަނިކުފާނަށް ގުޅުއްވައި އެޤައުމުން ކޯވިޑްގައި ދިމާވަމުން ދިޔަ ގޮންޖެހުންތައް ޙިއްޞާކުރެއްވި ކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދިޔަ ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލުކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއިން އެޅި ފިޔަވަޅުތައް ނަމޫނާއަކަށް ބަލައިގެން އެޤައުމުގެ ސިޔާސަތުތައް ތަންފިޒްކުރުމުން އެޤައުމުގެ ޙާލަތުވެސް ރަނގަޅުވިކަމަށް ސީޝެލްގެ ރައީސް ވިދާޅުވިކަމަށް ރައީސް ޙިއްޞާކުރެއްވިއެވެ.

"ސީޝޭލްސްއިން ކޮންމެ ދުވަހަކު 3 މީހުން ނުވަތަ 4 މީހުން މަރުވަމުން ދިޔަ. އެޤައުމުން އެ ޙާލަތުން އަރައިގަތީ ރާއްޖެ ނަމޫނާއަކަށް ބަލައިގެން. ސީޝެލްސްގެ ރައީސް ވިދާޅުވީ، އެޤައުމުން ރާއްޖެއިން އެޅި ކޮންމެ ފިޔަވަޅެއް ބަލަމުންދިޔަކަމަށް. އެއީ އެންމެ ރަނގަޅުގޮތްކަމަށް ފެނުނުކަމަށް ވިދާޅުވި" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ސިޔާސަތުތައް ކަނޑައަޅަންވާނީ އެކަމެއްގައި ހިމެނޭ ބައެއްގެ ޚިޔާލު ހޯދައިގެން ކަމަށެވެ. އެކަމުގެ ސަބަބުން ކަންކަން ނިންމުމަށް ފަސޭހަވެ، ރައްޔިތުން އެދޭ ބަދަލު ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.