 
										
			ކުރިއަށް އޮތްތަނުގައި ދުނިޔޭގެ އިގްތިސާދަށްވާނެ ގޮތެއް އޮތީ ނޭނގުމެއްގެ ތެރޭގައިކަމަށް ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތައް ކަމަށްވާ، ޖީ ސެވަންގެ ގައުމުތަކުގެ މާލީ ލީޑަރުން ވިދާޅުވެއްޖެއެވެ.
މާލީ ލީޑަރުން މިގޮތަށް ވިދާޅުވެފައި ވަނީ މި މަހުގެ 11 އިން 13 އަށް ޖަޕާނުގެ ނިއިގަޓާގައި ކުރިއަށްގެންދިޔަ އެ ގްރޫޕްގެ ބައްދަލުވުން ނިންމަވާލެއްމުވަމަށްފަހުއެވެ. 
ޖީ ހަތެއްގެ މާލީ ލީޑަރުން ޑްރާފްޓުކޮށްފައިވާ ފައިނަލް ޑްރާފްޓެއްގައި ބުނީ  ކޯވިޑުގެ ބަލިމަޑުކަމާއި، ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ އިތުރުން އިންފްލޭޝަންގެ ޕްރެޝަރުތައް ހިމެނޭގޮތަށް ދުނިޔޭގެ އިގްތިސާދަށް ވަނީ އެތައް ލޮޅުންތަކަކާއި ކުރިމަތިލާންޖެހިފައިކަމަށެވެ. އަދި ދުނިޔޭގެ އިގްތިސާދީ ކުރިމަގާ މެދު މާބޮޑު ޔަގީންކަމެއް ނެތް މި ދަނޑިވަޅުގައި މެކްރޯ އިގްތިސާދީ ސިޔާސަތުތައް ވަރުގަދަކުރަންޖެހޭކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. މިއާއިއެކު ބޭންކިން މައްސަލަތަކާއި ގުޅޭގޮތުން ބޭންކިން ސިސްޓަމްގައި ހުރި ޑޭޓާ، ސުޕަވައިޒަރީ، އަދި ރެގިއުލޭޓަރީ ގޭޕްސްތައް ކަމާބެހޭ ފަރާތްތަކުން ހައްލު ކުރާނެ ކަމަށްވެސް އެ ޑްރާފްޓުގައި ބުނެފައިވެއެވެ.  
އެމެރިކާއާއި ޔޫރަޕްގެ މަރުކަޒީ ބޭންކުތަކުން އުސޫލުތައް ހަރުކަށިކުރުމުގެ ސަބަބުން ލޯނު ނެގުމުގެ ހަރަދު ބޮޑުވަމުންދާ ދަނޑިވަޅެއްގައި މާކެޓްތަކަށް ކުރިމަތިވެފައިވާކަމަށް ބަޔާނުގައިވެއެވެ. 
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ހުކުރު ދުވަހު ވިދާޅުވީ 1789 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ދަރަނި ދައްކަންޖެހޭ މުއްދަތުގައި ނުދެއްކިދާނެ ކަމަށް ނުވަތަ ޑެޓް ޑީފޯލްޓް ވެދާނެ ކަމަށެވެ. އަދި މިކަމާއިބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަންނަ ހަފްތާގައި ވޯލް ސްޓްރީޓުގެ އިސް ބޭންކުތަކާއި އޭނާ ބައްދަލުކުރައްވާނެއެވެ. 
ޖީ7 ބައްދަލުވުމުގެ މިފަހަރުގެ ޗެއާ އަކީ ޖަޕާނަށްވެފައި، ޗައިނާއަށް ބަރޯސާވެފައި އޮތް މިންވަރު ކުޑަ ކުރަން ޖަޕާނުން މަސައްކަތްކުރަމުން އަންނަ އިރު ޗައިނާއަކީ ވެސް މިފަހަރުގެ ބައްދަލުވުމުގެ ލީޑަރުންގެ މެދުގައި މަޝްވަރާތަށް ކުރެވުނު މައުލޫއެކެވެ.