ދުނިޔޭގެ ވިޔަފާރި

ވޯލްޑް ބޭންކުގެ ރައީސަކަށް އަޖޭ ބަންގާ


ވޯލްޑް ބޭންކުގެ ރައީސަކަށް މާސްޓަރ ކާޑުގެ ކުރީގެ ސީއީއޯ، އަޖޭ ބަންގާ އައްޔަނުކޮށްފިއެވެ.

ވޯލްޑް ބެންކުގެ ރައީސްގެ މަޤާމަށް އިންޑިއާ ދަރިކޮޅުގެ، އެމެރިކާގެ ރައްޔިތެއްކަމަށްވާ، އުމުރުން 63 އަހަރުގެ އަޖޭ ބަންގާގެ ނަން ހުށަހެޅީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުންނެވެ. ކުރިއަށް އޮތް ފަސް އަހަރަށް ވޯލްޑް ބޭންކްގެ ރައީސްކަމަށް އޭނާ އައްޔަންކުރަން ބޭންކުގެ ބޯޑުން ފާސްކުރީ އިއްޔެއެވެ.

ވޯލްޑް ބޭންކަށް އައު ރައީސަކު އިންތިހާބުކުރިއިރު، މިހާރު އެ މަގާމުގައި ހުންނެވި ޑޭވިޑް މަލްޕަސްގެ ދައުރު ހަމަވާނީ އަންނަ މަހުގެ 1 ވަނަ ދުވަހުއެވެ. މަލްޕާސް 5 އަހަރުގެ ދައުރެއް ފެއްޓެވީ މީގެ 5 އަހަރު ކުރިން ޖޫންމަހުގެ 2 ވަނަ ދުވަހުއެވެ.

މާސްޓަކާޑާއި ގުޅުމުގެކުރިން ނެސްލޭއާއި ސިޓީ ގްރޫޕްގައި އޭނާ ވަނީ 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައެވެ.

ވޯލްޑް ބޭންކްގެ އައު ރައީސަކަށް އަޖޭ ހޮވުމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފައެވެ. ބައިޑަން ވިދާޅުވީ އަޖޭއަކީ ދުނިޔެއަށް މިހާރު ކުރިމަތިވެފައި އޮތް މާލީ އަދި އިޤްތިސާދީ ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކުރެއްވޭ ފެންވަރުގެ ވަރަށް ޤާބިލު ބޭފުޅެއްކަމަށެވެ. ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންވެސް ވަނީ އަޖޭއަށް މަރުހަބާ ކިޔާފައެވެ.

އަޖޭ ވާނީ ވޯލްޑް ބޭންކްގެ ރައީސްކަން ކުރައްވާ 14 ވަނަ ބޭފުޅާއަށެވެ. އޭނަ ރަސްމީކޮށް މަގާމާއި ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހު 2 ވަނަ ދުވަހުއެވެ.

ވޯލްޑް ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުގެ ހައިސިއްޔަތުން ވޯލްޑް ބޭންކް ހިންގާނެ ވެރިއެއްގެ ނަން ހުށަހަޅާނީ އެމެރިކާއިންނެވެ.

އެމެރިކާއާއި އެހެން މުއްސަނދި ގައުމުތަކުން އަންނަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޭންކުން ލޯނު ދޫކުރާ މިންވަރު އިތުރުކުރުމަށް ބާރު އަޅަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލާން ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިވުމަށް އަހަރަކު 100 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ދޭނެކަމަށް އެ ބޭންކުން ބުނެއެވެ.