ދުނިޔޭގެ ވިޔަފާރި

ކުންފުނި ބަނގުރޫޓުވެ، ގޯ ފަސްޓުގެ ފްލައިޓްތައް ކެންސަލް


ބަގުރޫޓުވެފައިވާ އިންޑިއާގެ ބަޖެޓް އެއަރލައިން، ގޯ ފަސްޓްއިން ކުރިއަށް އޮތް 3 ދުވަހަށް ޝެޑިއުލްކޮށްފައިވާ ހުރިހާ ފްލައިޓެއް ކެންސަލްކޮށްފިއެވެ.

މިއީ 2019 ވަނަ އަހަރު ޖެޓް އެއާވޭސް ބަގުރޫޓުވި ފަހުން ބަނގުރޫޓުވުން ފައިލްކޮށްފައިވާ އިންޑިއާގެ ފުރަތަމަ އެއަރލައިނެވެ.

ގޯ ފަސްޓްއިން ބުނީ މިކަމުގެ ސަބަބުން އަސަރުކުރި ކަސްޓަމަރުންނަށް ރީފަންޑުދޭނެ ކަމަށެވެ.

ގޯ ފަސްޓްއިން ވަނީ އެމެރިކާގެ އިންޖީނު އުފައްދާ ކުންފުނި ޕްރަޓް އެންޑް ވިޓްނީގެ ސަބަބުން ގިނަ ބޯޓުތައް ގްރައުންޑް ކުރަން ޖެހުނު ކަމަށް ތުހުމަތުކޮށޮފައެވެ. އެގޮތުން ކުންފުނިން ބަގުރޫޓުވިކަމަށް ނިންމަން ޖެހުނީ ޕްރަޓް އެންޑް ވިޓްނީ އިން ފޯރުކޮށްދޭ އިންޖީނުތައް ދުވަހެއް ދުވަހަކަށް ފޭލްވަމުންދާތީކަމަށް ގޯ ފަސްޓުން ނެރުނު ބަޔާނެއްގައިވެއެވެ.

ގޯ ފަސްޓުގެ ފްލީޓުގެ ބޮޑު ބައެއް ހިއްސާކުރާ އެއާބަސް އޭ320 ނިއޯގެ އިންޖީނާއި އެއަށް ބޭނުންވާ ސްޕެއާ ފޯރުކޮށްދެނީ ޕްރަޓް އެންޑް ވިޓްނީއިންނެވެ.

ގޯ ފަސްޓް އިން ބުނީ ޕްރަޓް އެންޑް ވިޓްނީގެ އިހުމާލުގެ ސަބަބުން 25 މަތިންދާބޯޓު ނުވަތަ އެއާބަސް އޭ320ނިއޯ ބޯޓުތަކުގެ ފްލީޓުގެ ދެބައިކުޅަ އެއްބައި ގްރައުންޑް ކުރަން މަޖުބޫރުވި ކަމަށެވެ. އެކަމުގެ ސަބަބުން ގާތްގަނޑަކަށް 1.3 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ކުންފުންޏަށް ލިބިފައިވާކަމަށްވެސް އެ އެއަރލައިނުން ބުނެއެވެ.

ބަގުރޫޓުވުމާއި ގުޅިގެން ގޯ ފަސްޓުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެއަރ ލައިނުގެ ޖުމްލަ ދަރަނި 797 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ނޭޝަނަލް ކޮމްޕެނީ ލޯ ޓްރައިބިއުނަލްގައި ގޯ ފަސްޓްގެ ބޭންކްރަޕްސީ ފައިލްކޮށްފައި ވާއިރު، އޭޕްރީލްގެ ނިޔަލަށް އެ ކުންފުނީގެ އެއްވެސް ދަރަންޏެއް ނުދައްކާ ނޯންނާނެކަމަށްވެސް ގޯ ފަސްޓުން ބުނެއެވެ. ނަމަވެސް އޮޕަރޭޝަންތަކަށް ބޭނުންވާ ކަންކަމަށް ދަރަންޏަށް ތަކެތި ދޭ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ އާއި ބޯޓު ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކަށް ދައްކަންޖެހޭ 325 މިލިއަން އެމެރިކާ ޑޮލަރު ނުދެއްކި އެބައޮތް ކަމަށް އެ އެއަރލައިނުން ބުނެއެވެ.

އިންޑިއާގެ ކޮންގްލޯމެރޭޓް ވާޑިއާ ގްރޫޕްގެ ގޯ ފަސްޓް ވެއްޓުމުން އެގައުމުގެ އެއާރލައިން ދާއިރާގައި އޮތް ވަރުގަދަ ވާދަވެރިކަން ހާމަވެގެންދެއެވެ.

މިދިޔަ ނޮވެމްބަރުމަހު އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު އެއަރލައިން ކަމަށްވާ އެއަރ އިންޑިއާ އާއި ތިންވަނައަށް އެންމެ ބޮޑު އެއަރލައިން ވިސްޓާރާ އެއްކޮށްލަން ރާވާފައިވާކަން ވަނީ އިއުލާނުކޮށްފައެވެ. އޭރު އިންޑިއާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ ޖެޓް އެއާވޭސް 2019 ވަނަ އަހަރު ގްރައުންޑް ކުރީ އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޮޑު އަދަދަކުން ދަރަނިވެރިވުމުންނެވެ. އެ އެއަރލައިންގެ އޮޕަރޭޝަންތައް އަދިވެސް ވަނީ ނުފެށިއެވެ.