ދުނިޔޭގެ ވިޔަފާރި

ޕާކިސްތާނުގައި އިންފްލޭޝަން ރެކޯޑު އަދަދަކަށް މައްޗަށް!


ކާބޯތަކެތީގެ އަގު އުފުލުމާއިއެކު ޕާކިސްތާނުގެ އިންފްލޭޝަން ރެކޯޑު އަދަދަކަށް މަތިވެއްޖެއެވެ.

މައިގަނޑު ގޮތެއްގައި ކާބޯތަކެތީގެ އަގު އުފުލުމުގެ ސަބަބުން އޭޕްރީލްމަހުގެ ނިޔަލަށް ޕާކިސްތާނުގެ އިންފްލޭޝަން ރެކޯޑް އަދަދެއް ކަމަށްވާ %36.4 އަށް މައްޗަށް ގޮސްފައިވާކަމަށް އެ ގައުމުގެ ތަފާސް ހިސާބުތަކާބެހޭ ބިއުރޯއިން ބުނެފިއެވެ. އަދި މިއީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިންފްލޭޝަން އެންމެ މަތިވެފައިވާ ގައުމުކަމަށްވެސް އެ ބިއުރޯއިން ބުނެއެވެ.

މާބޮޑަށް ތަރައްގީ ނުވާ ޕާކިސްތާނުގެ ސަރަހައްދުތަކުގައި ކާބޯތަކެތީގެ އިންފްލޭޝަން %40.2 ރެކޯޑްކޮށްފައިވާކަމަށް އެ ބިއުރޯއިން ރޮއިޓާސްއަށް ބުނެފައިވެއެވެ. ސިޓީތަކުގެ ކާބޯތަކެތީގެ އިންފްލޭޝަން %48.1 އަރާފައިވާއިރު، މިއީ 2016 ވަނަ އަހަރު އެ ބިއުރޯއިން ވަކިވަކިން ކެޓަގަރީތައް ރެކޯޑް ކުރަން ފެށި ކާބޯތަކެތީގެ އިންފްލޭޝަން މިހާތަނަށް އެންމެ މަތިވެފައިވާ ފަހަރެވެ.

އެ ބިއުރޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މާޗް މަހުން ފެށިގެން އޭޕްރީލްމަހުގެ ނިޔަލަށް އަގުތައް ވަނީ %2.4 މައްޗަށް ގޮސްފައެވެ.

ކަރާޗީގައި ހުންނަ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ޖޭއެސް ކެޕިޓަލްގެ ރިސާޗް ހެޑް އަމްރީން ސޫރާނީ ވިދާޅުވީ ކާބޯތަކެތީގެ ސެގްމަންޓުގައި ހައިޕަރ އިންފްލޭޝަން އަށްވުރެ މަތީ ރީޑިންގް އެއް ލިބޭނެކަމަށް ބެލެވުނުކަމަށެވެ.

މަރުކަޒީ ބޭންކުން ހަރުދަނާ މާލީ އުސޫލުތަކެއް ކަނޑައަޅާފައި އޮތްނަމަވެސް ކުރިއަށް އޮތް މަސްތަކުގައި ހެޑްލައިން އިންފްލޭޝަން ވަރަށް ބޮޑަށް މަތިވާނެކަމަށް ލަފާކުރެވޭކަމަށް މާލީ ވުޒާރާއިން ބުނެއެވެ.

ޕާކިސްތާނަށް މާލީ ދަތިކަން ކުރިމަތިވެފައިވާތާ މަސްތަކެއް ވެފައިވާއިރު، އެކަމުން އަރައިގަތުމަށް 6.5 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލް އައުޓްގެ ތެރެއިން 1.1 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއެކު ކުރެވުނު މަޝްވަރާތައް މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.

އެ ފައިސާ ހޯދުމަށް ފިޔަވަޅުތައް އަޅާފައިވާއިރު، އެކްސްޗޭންޖް ރޭޓުގެ ކެޕްތައް އުނިކުރުމާއި، އޭގެ ސަބަބުން ފައިސާގެ އަގު ދަށްވުމާއި، ޓެކްސް ބޮޑުކުރުމާއި، ސަބްސިޑީ އުނިކުރުމާއި، މުހިއްމު އިންޓަރެސްޓް ރޭޓް ރެކޯޑް އަދަދެއް ކަމަށްވާ %21 އަށް މަތިކުރުން ހިމެނެއެވެ.