ދުނިޔޭގެ ވިޔަފާރި

ދެކުނު ކޮރެއާގެ ކޮންޓެންޓްތަކަށް ނެޓްފްލިކްސްއިން 2.5 ބިލިއަން ޑޮލަރު ހޭދަކުރަނީ


ގިނަ ބައެއްގެ މެދުގައި މަގުބޫލު ދެކުނު ކޮރެއާގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓްތައް އުފެއްދުމަށް ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ނެޓްފްލިކްސްއިން 2.5 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރަން ނިންމައިފިއެވެ.

ނެޓްފްލިކްސްއިން މިކަން އިއުލާނުކޮށްފައި ވަނީ އެމެރިކާއަށް މިހާރު ވަޑައިގެން އުޅުއްވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޯލްއާއެކީ ނެޓްފްލިކްސްގެ ސީއީއޯ ޓެޑް ސަރެންޑޯސް ވޮޝިންޓަންގައި ބޭއްވި ބައްދަލުވުމަށްފަހުއެވެ.

ނެޓްފްލިކްސްގެ ސީއީއޯ ޓެޑް ސަރެންޑޯސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ފައިސާ ހޭދަކުރާނީ ދެކުނު ކޮރެއާގައި ޓީވީ ޝޯތަކާއި ފިލްމުތައް އުފެއްދުމަށްކަމަށެވެ. އަދި ދެކުނު ކޮރެއާގެ ރައީސް ހުންނެވީ ގައުމުގެ މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއަރުވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވުމުގެ އަޒުމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންވެ އެ ދާއިރާ އަށް ސަރުކާރުން ދެވެން ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއްވެސް ދެއްވަން ރައީސް ތައްޔާރަށް ހުންނެވިކަމުގެ ޔަގީންކަން ދެކުނު ކޮރެޔާގެ ދެއްވިކަމަށް ސަރެންޑޯޒް ވިދާޅުވިއެވެ.

ދެކުނު ކޮރެއާގެ ކޮންޓެންޓުތަކަށް 2.5 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރަން ނެޓްފްލިކްސްއިން ނިންމިއިރު، މިއީ މިއީ 2016 ވަނަ އަހަރުގެ ފަހުން ކޮރެއާގެ ކޮންޓެންޓްތަކަށް ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ކުންފުނިން މިހާ ބޮޑު އަދަދެއް ހޭދަކުރާ ފުރަތަމަ ފަހަރެވެ.

190 އަށްވުރެ ގިނަ ގައުމުގައި ހިދުމަތްދޭ ނެޓްފްލިކްސްއަށް ވަނީ އެމެޒޯން، އެޗްބީއޯ އަދި ޑިޒްނީ ފަދަ ސްޓްރީމްކުރާ ކުންފުނިތަކުގެ ވާދަވެރިކަން ބޮޑުވެފައެވެ. މިއާއިއެކު ސަބްސްކްރައިބަރުން އިތުރުކުރުމުގެ ގޮތުން ކުންފުނީގެ ހިދުމަތްތައް ބައެއް ޤައުމުތަކުގައި ވަނީ ހެޔޮކޮށްފައެވެ.