ޚަބަރު

މި ރޯދަމަހު އެންމެ ގިނަ ވަގުތު ރޯދައަށް ތިބެންޖެހޭ ޤައުމުތައް


ރޯދަމަސް ފެށިގެން މިހާރު ކުރިއަށްދާއިރު ދުނިޔޭގެ އެކި ޤައުމުތަކުގައި ރޯދައަށް ތިބެންޖެހޭ ވަގުތުތައް ތަފާތެވެ. ބައެއް ޤައުމުތަކުން 12 ގަޑިއިރު ރޯދައަށް ތިބޭއިރު އަނެއްބައި ޤައުމުތަކުން 17 ގަޑިއިރުވެސް ރޯދައަށް ތިބެންޖެހެއެވެ.

އުތުރު ހެމިސްފިއާގައި ދިރިއުޅޭ މުސްލިމުންނަށް މިއަހަރު ރޯދަ ގަޑި ތަންކޮޅެއް ކުރުވެ، 2031 ވަނަ އަހަރާ ހަމައަށް މަދުވާނެ އެވެ. އީކުއޭޓަރުގެ ދެކުނުން ދިރިއުޅޭ މުސްލިމުންނަށް ވާނީ އޭގެ އިދިކޮޅަށެވެ. މި ރޯދަމަހު އެންމެ ގިނަ ވަގުތު ރޯދައަށް ތިބެންޖެހޭ ޤައުމުތަކުން 17 ގަޑިއިރު ރޯދައަށް ތިބެންޖެހެއެވެ.

ނޫކު، ގްރީންލޭންޑް، ރެއިކްޖަވިކް، އައިސްލޭންޑް، ފިންލޭންޑްގެ ހެލްސިންކީ، ސްޓޮކްހޯމް، ސްވިޑެން، ސްކޮޓްލޭންޑްގެ ގްލާސްގޯގައި 17 ގަޑިއިރު ރޯދައަށް ހުންނަންޖެހެއެވެ. ނެދަލެންޑްސްގެ އެމްސްޓަޑަމް، ލަންޑަން، އިނގިރޭސިވިލާތް، ކަޒަކިސްތާން، ބްރަސެލްސް، ބެލްޖިއަމްގައި ދިރިއުޅޭ މުސްލިމުން 16 ގަޑިއިރު ރޯދައަށް ހުންނަންޖެހެއެވެ.

15 ގަޑިއިރު ރޯދައަށް ތިބެންޖެހޭ ޤައުމުތަކަށް ބަލާއިރު ފްރާންސް، ސްވިޒަލޭންޑް، ކެނެޑާ، އިޓަލީ، ސްޕެއިން، ފަދަ ޤައުމުތައް ހިމެނެއެވެ.

ރާއްޖެއާއި އެންމެ ކައިރިން ބަލާލާއިރު ލަންކާ، މެލޭޝިއާ އަދި ތައިލޭންޑްގައި ރޯދައަށް ތިބެންޖެހެނީ 13 ގަޑިއިރެވެ. ދުބާއީ، ޤަތަރު، ސައުދީ އަދި އޮމާންގައި 14 ގަޑިއިރު ރޯދައަށް ތިބެންޖެހެއެވެ.

މީގެއިތުރުންވެސް ޗައިނާ، އެމެރިކާ، ތުރުކީ، މޮރޮކޯ، ޖަޕާނު، ބަންގްލަދޭޝް، ގައިވެސް ރޯދައަށް ތިބެންޖެހެނީ 14 ގަޑިއިރެވެ.