ޚަބަރު

ރަމަޟާންމަހު ކެއުން ބުއިމުގެ އާދަތައް ބެހެއްޓުމުގައި ސަމާލުވާންވީ ކަންތައްތައް


މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް މިވަނީ އަޅުގަނޑުމެންނާއި ބައްދަލުކޮށްފައެވެ. މި މައްސަރަކީ އަޅުކަމާއި ތަޤްވާވެރިކަމުގެ އިތުރުން ކެއިންބުއިމުގެ އާދަކާދަތަކަށްވެސް ބަދަލުތަކެއް ގެނުވާ މައްސަރެކެވެ. އެހެންކަމުން އަޅުކަމުގެ އިތުރުން ކެއިންބުއިމުގައި އަޅުގަނޑުމެން ގެންގުޅެންޖެހޭ އާދަކާދަތަކާއި މިންގަނޑުތަކާއި މެދު ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

ރަމަޟާން މަހަކަސް ޢީދަކަސް ދިވެހިންނަކީ ކެއިންބުއިމުގައި އަމިއްލަ ގޮތްތަކެއް ގެންގުޅޭ ބައެކެވެ. މިކަމުގެ ހެއްކަކަށް ރޯދަވީއްލާ ވަގުތު، ސުފުރާމަތިން ފެންނަ ތިޔާގިކަން ފުދޭނެއެވެ. އެހެންނަމަވެސް ރޯދަވީއްލާ ވަގުތުގައާއި ރޯދަވީއްލުމަށްފަހު ތަފާތު ބާވަތްތަކުގެ ހެދިކާ ބަނޑަށް އަޅާއިރު އޭގެ ސަބަބުން ކުރިމަތިވެދާނެ ސިއްޙީ ނުރައްކާތަކާއިމެދު ވިސްނާލަން ޖެހެއެވެ.

ރަމަޟާން މަހު ކެއިންބުއިމުގެ އާދަތައް ރަނގަޅު މިންގަނޑަގެއްގައި ބެހެއްޓުމަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހެއެވެ. މިގޮތުން ރޯދަ ވީއްލާ ވަގުތު ކެއިންބުއިމުގެ އާދަކާދަތައް ބެހެއްޓިދާނެ ގޮތްތައް އައި.ޖީ.އެމް.އެޗްގެ އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރ މުޙައްމަދު ޢަލީ ވަނީ ޕީ.އެސް.އެމް ނިއުސްއާއި ހިއްސާކުރައްވާފައެވެ.

ކެއިންބުއިމުގެ އާދަތައް ބައްޓަން ކުރުމުގައި ސަމާލުކަން ދޭންވީ:

ރޯދަވީއްލާ ވަގުތު ސުފުރާ މަތި ފެނި ކުޅު ދިޔާވުމާއި އެއްފަހަރާ ހުރިހާ ބާވަތެއްގެ ރަހަ ބެލުމަށް އަވަސްވެގަތުމަކީ ވެދާނެ ކަމެކެވެ. އެހެންނަމަވެސް އެއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުކަމެއް ނޫންކަން ޑރ. މުޙައްމަދު ޢަލީ ފާހަގަކުރެއްވިއެވެ.

އެއްފަހަރާ މާ ގިނައިން ކެއުމުގެ ސަބަބުން މީހާ މާ ބޮޑަށް ބަރުހެލިވެ ނަމާދު ކުރުމުގައި ވެސް އުނދަގޫތަކަކާ ކުރިމަތިލާންޖެހެއެވެ. މީގެ ބަދަލުގައި ރޯދަ ވީއްލާ ވަގުތު އެންމެ ރަނގަޅު ގޮތަކީ، ފެން ތައްޓަކާއެކު 3 ކަނދުރުން ރޯދަވީއްލުން ކަމަށް ޑރ. މުޙައްމަދު ޢަލީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަޣްރިބް ނަމާދާއި ތަރާވިސް ނަމާދާ ދެމެދު އެއްޗެއް ކާ ކަމުގައިވާނަމަ ތެޔޮ އެއްޗެއްސާއި، ހަވާދުލީ އެއްޗެހީގެ އިތުރުން ހުނި އެކުލެވޭ ޒާތްޒާތުގެ ކާނާ މަދު ކުރަން ޑރ. މުޙައްމަދު ޢަލީ ވަނީ އިލްތިމާސްކުރައްވާފައެވެ. މިފަދަ އެއްޗެއްސަކީ ބޭނުންކުރުމުން މޭ ދަށަށް އުނދަގޫވެ، ގޭސްވުން ނުވަތަ މަތިން އަރާގޮތް ވެދާނެ ތަކެތި ކަމުގައި ޑރ. މުޙަައްމަދު އަލީ ވަނީ ވިދާޅުވިއެވެ. އެހެންކަމުން މި ބާވަތުގެ ތަކެތި ކެއުމުން ނަމާދުކުރުމަށާއި ތަރާވީސް ކުރުމަސް އުނދަގޫވެ ހުރަސްއެޅޭ ގޮތްވެއެވެ.

ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ، ތަރާވީސް ނަމާދުން ފައިބައިގެން ހާރު ދަމާ ދެމެދު ކެއުންބުއިމަށް ބޭނުންކުރާ ތަކެތީގައި ތިންބައިކުޅަ އެއްބައި ޕްރޮޓިންސް އަދި ކާބޯހައިޑްރޭޓްސް ހިމެނުމަށެވެ. އޭގެ ތެރޭގައި މަހާއި ބިސް ފަދަ ތަކެތި ހިމެނެއެވެ.

ހަމަމިއާއެކު ކޮފީ އާއި އެނާރޖީ ޑްރިންކްސް މަދު ކުރުމަށް ޑރ. އިރުޝާދު ދެއްވައެވެ. ޙާއްސަކޮށް ނިދުމާއި ގާތް ކޮޕީ ބުއިމަކީ ނިދަން އުނދަގޫވާނެ ކަމެއް ކަމަށާއި، އަދި އެނާރޖީ ޑްރިންކްސްގެ ސަބަބުން ކެލޮރީސް އިތުރުވާނެކަންވެސް ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

މީގެ ބަދަލުގައި ޑރ. ވަނީ ގިނައިން ދިޔާ ތަކެއްޗާއި ތަރުކާރިއާއި މޭވާ ބޭނުން ކުރުމަށް ނަސޭޙަތްތެރިވެފައެވެ. ޚާއްސަކޮށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ޑީހައިޑްރޭޓް ނުވަތަ ކަރުހިއްކާގޮތްވުމަކީ ވެދާނެ ކަމަކަށް ވުމާއެކު ރޯދަ ވީއްލުމަށްފަހު ގިނައިން ފެން ބުއިމާއި ފެން އެކުލެވޭ ބާވަތުގެ މޭވާ ނުވަތަ އެ މޭވާއެއްގެ ފަނި ބުއިމަށް އާދަކުރަންވާނެއެވެ.

އިސްލާމްދީނަކީ އަޅުކަމުގެ އިތުރުން ހުރިހާ ގޮތަކުންވެސް ލުއި ފައްސޭހަ ދީނެވެ. އެހެންކަމުން އަޅުކަންތަކުގައި މަސްޢޫލުވާއިރު ހަށިގަނޑަށް ލުއިވާގޮތަށް ކެއިންބުއިމުގެ އާދަކާދަތައް ބައްޓަން ކުރަން އެންމެންވެސް ސަމާލުކަމެއްދޭންވާނެއެވެ..