ޚަބަރު

ޕުޓިން ހައްޔަރުކުރުން ވާނީ ހަނގުރާމައިގެ އަމަލަކަށް: މެޑްވެޑޭފް


ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހައްޔަރު ކުރުމަކީ ހަނގުރާމައިގެ އަމަލަކަށް ވާނެ ކަމުގައި ވިދާޅުވެ، ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭފް ބައިނަލްއަޤުވާމީ ޖިނާޢީ ކާޓު (އައި.ސީ.ސީ)އަށް އިންޒާރު ދެއްވައިފިއެވެ. އޭނާ އައި.ސީ.ސީ.އަށް ގޮންޖައްސަވައި ވާހަކަފުޅު ދައްކަވާފައި މި ވަނީ، ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ކުރުމުގެ ތުހުމަތުގައި ޕުޓިން ހައްޔަރުކުރުމަށް އައި.ސީ.ސީން އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.

2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ދެމެދު ރަޝިޔާގެ ރައީސް ކަމުގެ މަޤާމު ފުރުއްވި މެޑްވެޑޭފް ވިދާޅުވީ، ބޭރު ޤައުމަކަށް ދަތުރުކުރެއްވުމުގެ ތެރޭގައި ޕުޓިން ހައްޔަރުކުރުމަކީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމުގެ ގޮތުން އެ ޤައުމުން ބަލާނެ ކަމުގައެވެ. މެޑްވެޑޭފަކީ، ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ޕުޓިން ފައްޓަވާފައިވާ ހަނގުރާމައަށް ތާޢީދުކޮށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ބޭފުޅެކެވެ. އަދި، ޔޫކްރެއިނާ ދެކޮޅަށް ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވާފައިވެއެވެ.

އައި.ސީ.ސީން ޕުޓިން ހައްޔަރުކުރުމަށް އަމުރު ނެރެފައި ވަނީ، ޔޫކްރެއިނުގެ ކުޑަކުދިންތަކެއް، އެ ކުދިންނާއި، އެ ކުދިންގެ މައިންބަފައިންގެ ނުރުހުމުގައި، ފޭރިގަނެގެން ރަޝިޔާއަށް ގެންދިޔުމުގެ ކުށުގައެވެ. އެއީ، ހަނގުރާމަ ކުށެއްގެ ގޮތުގައި އައި.ސީ.ސީން ސިފަކުރެއެވެ. ޔޫކްރެއިނުން ބުނީ، އެ ޤައުމުގެ 16,000 އަށްވުރެ ގިނަ ކުދިން، މި ގޮތަށް ރަޝިޔާއަށް ގެންގޮސްފައިވާ ކަމުގައެވެ.

އައި.ސީ.ސީ.ގެ މެންބަރު ޤައުމުތަކުގެ ތެރޭގައި 123 ޤައުމު ހިމެނެއެވެ. އަދި، އައި.ސީ.ސީ.ގެ އަމުރުގެ ދަށުން، އެއިން އެއްވެސް ޤައުމަކަށް ޕުޓިން ވަޑައިގަންނަވައިފި ނަމަ، އޭނާ ހައްޔަރުކޮށް، ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އައި.ސީ.ސީ.ގެ މައި އިދާރާއަށް އޭނާ ހާޒިރުކުރުމުގެ ބާރު އެ ޤައުމަކަށް ލިބިގެންދާނެއެވެ.

މި އަމުރާ ގުޅޭ ގޮތުން މެޑްވެޑޭފް ވިދާޅުވީ، އެއްވެސް ޤައުމަކުން ޕުޓިން ހައްޔަރުކޮށްފި ނަމަ، އެ ޤައުމަކާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ އިޢުލާނު ކުރާނެއެވެ. އަދި، އެ ޤައުމަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

"މިސާލަކަށް ބުނާ ނަމަ، ޕުޓިން ޖަރުމަނުވިލާތަށް ވަޑައިގެންނެވުމުން އެ ޤައުމުން އޭނާ ހައްޔަރުކޮށްފި ނަމަ ދެން ވާނެ ގޮތަކާ މެދު ވިސްނައިލަމާ ހިނގާ؟ އެ އަމަލު ވާނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރުމުގެ އަމަލެއްގެ ގޮތުގައި. އެ ކަން އެ ގޮތަށް ވެއްޖެ ނަމަ، ރަޝިޔާގެ ރޮކެޓްތަކާއި މިސައިލްތަކުން ޖަރުމަނުވިލާތުގެ އުޑުމަތި ފުރައިލާނަން. އަދި، ޖަރުމަނުގެ ޤާނޫނު ހަދާ މަޖިލީހާއި ޗާންސެލަރުގެ އޮފީހަށް ބޮންއަޅައި ސުންނާފަތިކޮށްލާނަން،" އައި.ސީ.ސީ.ގެ މެންބަރު ޤައުމުތަކަށް އިންޒާރު ދެއްވަމުން މެޑްވެޑޭފް ވިދާޅުވިއެވެ.

ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ޗެއަރމަންގެ ނައިބުގެ މަޤާމު ވެސް ފުރުއްވަމުން ގެންދަވާ މެޑްވެޑޭފް ވިދާޅުވީ، އައި.ސީ.ސީ.ގެ އަމުރާ އެކު ރަޝިޔާއާއި ހުޅަނގާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހީނަރުވެގެން ގޮސްފައިވާ ކަމުގައެވެ. އައި.ސީ.ސީ.ގެ އަމުރާ ގުޅިގެން ރަޝިޔާއިން ވަނީ އެ ކޯޓުގެ ޕްރޮސިކިޔުޓަރ ކަރީމް ޚާނާއި އެހެން ބައެއް ފަނޑިޔާރުންގެ މައްޗަށް ޖިނާޢީ ތަހުޤީޤެއް ހިންގަން ފަށާފައެވެ.

ޕުޓިންގެ އިތުރުން ރަޝިޔާގެ ކުޑަކުދިންގެ ހައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ މާރިޔާ ލްވޯވާ-ބެލޯވާއާ ދެކޮޅަށް ވެސް އައި.ސީ.ސީން ވަނީ އަމުރެއް ނެރެފައެވެ. އޭނާއާ މެދު ވެސް އުފުލާފައި ވަނީ ޕުޓިންއަށް އުފުލާފައިވާ ދަޢުވާއެވެ. ނުރުހުމުގައި ޔޫކްރެއިނުގެ ކުޑަކުދިން ފޭރިގަނެގެން ރަޝިޔާއަށް ގެންދިޔުމުގެ ކުށުގެ ދަޢުވާއެވެ. މިއީ، ވެރިކަމުގައި ހުންނެވި ރައީސަކާ ދެކޮޅަށް އައި.ސީ.ސީން މި ފަދަ އަމުރެއް ނެރުނު ތިންވަނަ ފަހަރެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ހިންގަމުންދާ ކަމުގައި އ.ދ.ގެ ތަހުޤީޤީ އިދާރާއަކުން ވެސް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި، ކުޑަކުދިންގެ ކުރިމަތީގައި، އެ ކުދިންގެ މައިންބަފައިންނަށް ޖިންސީ އަނިޔާދިނުން ހިމެނޭ ކަމުގައި އ.ދ.ގެ އިދާރާއިން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް، ރަޝިޔާއިން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ.