ޚަބަރު

އުތުރު ކޮރެޔާއިން ކަނޑު އަޑީގެ ޑްރޯނެއް ޓެސްޓުކޮށްފި


އުތުރު ކޮރެޔާގެ އަސްކަރިއްޔާއިން އުފައްދާފައިވާ ކަނޑު އަޑީގައި ހަރަކާތްތެރިވާ ޑްރޯންއެއް އެ ޤައުމުން ޓެސްޓުކޮށްފިއެވެ. މި ކަން ހާމަކޮށްފައި ވަނީ އެ ޤައުމުގެ ދަޢުލަތުގެ މީޑިޔާއިންނެވެ. އެ ޤައުމުން ކަނޑު އަޑީގެ ޑްރޯންއެއް ޓެސްޓު ކޮށްފައި މި ވަނީ، އެމެރިކާއާއި ދެކުނު ކޮރެޔާއިން ގުޅިގެން ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އުތުރު ކޮރެޔާއިން ބުނީ، އެ ޤައުމުން އުފައްދާފައިވާ ކަނޑުގެ ޑްރޯންއަކީ ނިއުކްލިޔަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެއް ކަމުގައެވެ. އަދި، ޓެސްޓު ކުރި އުޅަނދު ކަނޑުގެ 80 އާއި 150 މީޓަރު އަޑި 59 ގަޑިއިރަށް ދަތުރުކޮށްފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. އަދި، އެއަށްފަހު އެ ޤައުމުގެ އިރުމަތީ އައްސޭރިފަށުގައި އެ ޑްރޯންވަނީ ބޮމެއް ގޮއްވައިލާފައެވެ.

ނިއުކްލިޔަރ ބޮމެއް އުފުލުމުގެ ގާބިލުކަން ހުރި ގިނަ ޢަދަދެއްގެ ހަތިޔާރުތަކެއް އުތުރު ކޮރެޔާއިން ފަހަކަށް އައިސް ވަނީ އުފައްދައި، ދައްކައިލާފައެވެ. މީގެ ބޭނުމަކީ، އުތުރު ކޮރެޔާއަށް ހަމަލާދިނުމާ ދެކޮޅަށް އެހެން ޤައުމުތަކަށް އިންޒާރުދިނުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޚާއްޞަކޮށް، މި އިންޒާރު އަމާޒުކޮށްފައި މި ވަނީ އެމެރިކާއާއި ދެކުނު ކޮރެޔާއަށެވެ.

އެމެރިކާގެ އަސްކަރީ ގާބިލުކަމާ ގުޅޭ ގޮތުން މަސްރަޙު ދިރާސާކުރާ ފަރާތެއް ކަމުގައިވާ ކާނެގީ އެންޑައުމެންޓް ފޮރ އިންޓަރނޭޝަނަލް ޕީސްގެ އިސް އޮފިޝަލެއް ކަމުގައިވާ އަންކިތް ޕެންޑާ ބުނީ، އުތުރު ކޮރެޔާއިން ނިއުކްލިޔަރ ބޮމެއް އުފުލޭނެ، އަދި ނިއުކްލިޔަރ ހަމަލާއެއް ދެވޭނެ ގިނަ ގޮތްތަކެއް ހޯދާފައިވާ ކަމުގައެވެ. މީގެ ތެރޭގައި މިސައިލާއި، ރޭލާއި، ސަބްމެރިންއާއި، މޯބައިލް މިސައިލް ލޯންޗަރ ހިމެނެއެވެ. އަދި، މިހާރު މި ވަނީ ކަނޑު އަޑީގެ ޑޮރޯންއެއް ނުވަތަ ޓޯޕީޑޯއެއް ވެސް އުފައްދާފައެވެ.

އުތުރު ކޮރެޔާއިން އަލަށް އުފައްދާފައިވާ އަސްކަރީ ޑްރޯންއަށް ދީފައިވާ ނަމަކީ "ހައެއިލް" އެވެ. މާނައަކީ، ސުނާމީއެވެ. ކަނޑުގެ އަޑިން ދަތުރުކުރާ މި ޑްރޯންއަކީ އެހެން ޤައުމުތަކުގެ މަނަވަރުތަކާއި، އަސްކަރީ ބަނދަރުތަކަށް ހަމަލާދިނުމަށް ބޭނުން ކުރެވިދާނެ ޑްރޯންއެއް ކަމުގައި އުތުރު ކޮރެޔާއިން ބުނެއެވެ.

މި ޑްރޯން ބޭނުންކޮށްގެން ގޮއްވައިލާފައި ވަނީ ކޮން ކަހަލަ ބޮމެއް ކަން ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ދެކުނު ކޮރެޔާއިން ބުނެއެވެ. އެމެރިކާއިން ބުނީ، އެއީ ނިއުކްލިޔަރ ޓެސްޓެއް ކަމަށް ނުބެލެވޭ ކަމުގައެވެ. އަދި، އެ ފަދަ ކުޑަ އުޅަނދެއްގައި އުފުލޭ ވަރުގެ ކުޑަ ނިއުކްލިޔަރ ބޮމެއް އުތުރު ކޮރެޔާއިން އުފައްދާފައިވާ ކަން ކަށަވަރު ނޫވާ ކަމުގައި ވެސް އެމެރިކާއިން ބުނެއެވެ.