އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ ޗެލެންޖްގެ އަންހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސްޓެލްކޯއިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދައިފިއެވެ.
ރޭގެ މެޗުގައި ސްޓެލްކޯއިން ނިކުތީ ވާދަވެރި ކުޅީވަރު ވުޒާރާގެ ޓީމާއި ދެކޮޅަށެވެ. މި މެޗު ސްޓެލްކޯއިން ކާމިޔާބުކުރީ ފުރަތަމަ ސެޓު 16-8 ޕޮއިންޓުންނެވެ. ދެވަނަ ސެޓް 18-10 ޕޮއިންޓުން ފަސޭހަކަމާއެކު ގެންދިޔައީ ސްޓެލްކޯއިންނެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް ސްޓެލްކޯއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާ އިދިކޮޅު ގޯލަށް ނުރައްކާކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ޔަޝްފާ އާދަމް އެވެ.
މި މުބާރާތަކީ ކުޅިވަރު ވުޒާރާއާއި ހޭންޑްބޯލް މޯލްޑިވްސްއާއި ގުޅިގެން ވަން ގޭމް އިން އިންތިޒާމުކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ގާއިމުކޮށްފައިވާ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުރިޔަށް ގެންދާ މުބާރާތެކެވެ.
މިއީ ޖޫން 23 ން ފެށިގެން މިމަހުގެ 3 ގެ ނިޔަލަށް ކުރިޔަށް ގެންދާ މުބާރާތެކެވެ.