ޚަބަރު

ކަޕިލްގެ އައު ފިލްމު ކަމަކު ނުދިޔަ


އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ އައު ފިލްމު "ޒިވިގާޓޯ" ސިނަމާތަކުގައި އެޅުވީ މިދިޔަ ހުކުރު ދުވަހުއެވެ.

ފިލްމު އެޅުވިތާ 3 ދުވަސް ވީއިރުވެސް މި ފިލްމަށް މާބޮޑު ތަރުޚީބެއް ލިބިފައެއްނުވެއެވެ. ފިލްމު އެޅުވި ދުވަހު ލިބިފައި ވަނީ އެންމެ 43 ލައްކަ ރުޕީސްއެވެ.

"ފަޔާ" އަދި "އާތް" ފަދަ ފިލްމުތައް ޑައިރެކްޓުކޮށްފައިވާ އެކްޓަރު އަދި ޑައިރެކްޓަރު ނަންދިތާ ދާސް ލިޔެ، ޑައިރެކްޓްކޮށްފައިވާ މި އިމޯޝަނަލް ޑްރާމާ ރިލީޒްކުރިތާ ދެ ދުވަސް ފަހުން މިހާރު ލިބިފައި ވަނީ 1.05 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ.

ފިލްމުގެ ދެވަނަ ދުވަހުގެ ކަލެކްޝަންތައް ހިއްސާކުރަމުން ފިލްމު ކްރިޓިކް އަދި ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް އާދީއްތަ ދުވަހު ކުރި ޓްވީޓެއްގައި ބުނި ގޮތުގައި 2 ދުވަހުގެ ޖުމްލަ އާމްދަނީ ވަރަށް ދަށެވެ. ނަމަވެސް ތިން ވަނަ ދުވަހު ވަނީ ތަންކޮޅެއް ކުރިއަށް ޖެހިލާފައެވެ.

އާމްދަނީ މަދުވި ނަމަވެސް މި ފިލްމަށް ކްރިޓިކުންގެ ފަރާތުން ލިބިފައި ވަނީ ރަނގަޅު ރިވިއުތަކެކެވެ.

ނަންދިތާ ފުރަތަމަ ނިންމީ 20 މިނިޓްގެ ކުރު ފިލްމަކަށް މި ފިލްމު ހަދާށެވެ. ނަމަވެސް ފަހުން ފީޗާރ ފިލްމަކަށް ހަދަން ނިންމީއެވެ. ޓޮރޮންޓޯ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް، ބުސާން އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް، އަދި ކެރެލާގެ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައި މި ފިލްމު ދައްކާފައިވެއެވެ.

މީގައި ކަޕިކް ކުޅެފައި އޮޑިއްޝާގައި އުޅޭ ޑެލިވަރީ ބޯއިއެއްގެ ރޯލެވެ. ފިލްމުގައި އޭނަގެ އަންހެނުންގެ ރޯލު ކުޅުނީ ޝަހާނާ ގޮސްވާމީއެވެ. ކަޕިލް ކުރިން ކުރިން ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކިސް ކިސް ކޯ ޕިޔާރު ކަރޫ" އާއި"ފިރަންގީ" ހިމެނެއެވެ.

"ޒިވިގާޓޯ" އަކީ ނަންދިތާ ޑައިރެކްޓްކުރި ތިން ވަނަ ފިލްމެވެ. އޭނަގެ ފުރަތަމަ ޑައިރެކްޝަނަކީ 2008 ގެ "ފިރާގް" އެވެ. އަދި ދެވަނަ ފިލްމަކީ 2017 ގެ "މަންޓޯ" އެވެ.