ޚަބަރު

ކަންގަނާ އުޅުނީ ފަރުބަދަމަތީ ރެސްޓޯރެންޓެއް ހުޅުވަން


އިންޑިއާގެ ފަރުބަދަމަތީ ހިސަބެއްގައި ރެސްޓޯރެންޓެއް ހުޅުވަން މިދިޔަ އަހަރު ތައްޔާރުވި ނަމަވެސް ފައިސާގެ ދަތިކަމާއިހުރެ އެކަން ނުވި ކަމަށް ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތު ބުނެފިއެވެ.

ފަރުބަދަމަތީ ހިސާބެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގެ ކުޑަ ޓައުނަކަށް އުފަން ކަންގަނާގެ އެންމެ ފަހުގެ ފިލްމު "ދާކަދު" އަކީ ބޮކްސް އޮފީހުގެ ބޮޑު ފްލޮޕެކެވެ. ބެލެވޭ ގޮތުގައި މިކަމާއި ހެދި އޭނާ އަށް ފައިސާގެ ދަތިކަން ކުރިމަތިވީއެވެ. ކަންގަނާ މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާގެ ފުރަތަމަ ސޯލޯ ޑައިރެކްޝަން "އިމަޖެންސީ" ހެދުމަށް އޭނާގެ ގެ ވަނީ ރަހުނުކޮށްފައެވެ. އެ ފިލްމުގައި އޭނާ ކުޅެނީ އިންދިރާ ގާންދީގެ ރޯލެވެ.

ފިލްމު ޓްރޭޑް އެނަލިސްޓް ކޮމާލް ނަހުތާއާ އެކު މީގެކުރިން ދިން އެއް އިންޓަވިއުއެއް ކަންގަނާ ވަނީ އިއްޔެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އިންޓަވިއުގައި އޭނާގެ ވިޝް ލިސްޓާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ ރެސްޓޯރެންޓެއް ހުޅުވުމަކީ އޭނާ ވަރަށް ބޭނުންވި ކަމެއް ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު މާލީ ގޮތުން ކޮންމެވެސް ވަރެއްގެ ނާކާމިޔާބީތަކެއް ކުރިމަތިވެ، އެކަން ނުވީ ކަމަށާއި އެހެން ނޫންނަމަ ރެސްޓޯރެންޓު ހުޅުވުނީސް ކަމަށް ކަންގަނާ ބުންޏެވެ.

މިދިޔަ ޖެނުއަރީ މަހު ކަންގަނާ ބުނެފައިވާ ގޮތުގައި އޭނާގެ ކުރިއަށް އޮތް ފިލްމު "އިމަޖެންސީ" ހެދުމަށް 'އޭނާގެ ހުރިހާ މުދަލެއް ވަނީ ރަހުނުކޮށްފައެވެ. އެ ފިލްމު ބޮކްސް އޮފީހުގައި ޕްލޮޕް ވެއްޖެނަމަ މުދާތައް ގެއްލޭނެ ކަމަށް ބުނެ ކަންގަނާ ވަނީ ނޫސްވެރިންނާއި ވާހަކަ ދައްކާފައެވެ.

ކަންގަނާ ދާދި ފަހުން ވަނީ "އިމަޖެންސީ" ގެ ޝޫޓިން ނިންމާލާފައެވެ. މި ފިލްމުގައި ކަންގަނާގެ އިތުރުން އަނޫޕަމް ކޭރް،ޝްރެޔާޝް ތަލްޕަޅޭ، މަހީމާ ޗައުދަރީ، މިލިންދް ސޯމަން، ވިޝާކް ނައިރް އަދި ދާދިފަހުން ހާތް އެޓޭކެއް ޖެހިގެން މަރުވި ސަތީޝް ކޯޝް ހިމެނެއެވެ. އޭނާ މިހާރު ދަނީ އޭނާގެ ތެލެގޫ ފިލްމު 'ޗަންދްރަމުކީ 2" ގެ މަސައްކަތް ކުރަމުންނެވެ.

ދާދިފަހުން ކަންގަނާ ވަނީ މުމްބާއީގައި ހުންނަ އޭނާގެ ގެ ވެސް އަލުން އާކޮށްލާފައެވެ. އެ ގޭގެ ފޮޓޯތައްވެސް އޭނާ ވަނީ އިންސްޓަގްރާމްގައި އާންމުކޮށްފައެވެ.