ޚަބަރު

ޝާހުގެ ޖަވާން އަށް އަނެއްކާވެސް އިތުރު ތާރީޚެއް


ޑައިރެކްޓަރު އެޓްލީ އާއިއެކު ބޮލީވުޑް ތަރި ޝާހުރުކްޙާން މަސައްކަތްކުރާ ފިލްމު "ޖަވާން" ރިލީޒްކުރަން އަނެއްކާވެސް އާ ތާރީޚެއް ހަމަޖައްސަފާނެ ކަމަށް ބޮލީވުޑް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

މީގެކުރިން މިއަހަރު ޖޫން މަހުގެ 2 އަށް ތާވަލުކޮށްފައި އޮތް މި ފިލްމު އަންނަ އޮކްޓޫބަރު މަހަށް ފަސްކޮށްފާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީޑިއާތަކުން ބުނީ އެ ފިލްމުގެ ވީއެފްއެކްސް އާއި އެޑިޓިން އަށް ކުރިން ޕްލޭންކުރި ވަރަށް ވުރެ ގިނަ ވަގުތު ނަގާނެތީ ޖޫން 2 ގައި "ޖަވާން" ރިލީޒްނުކުރުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. އެހެންކަމުން ފިލްމު އޮކްޓޯބަރަށް ފަސްކުރުމަށްޓަކައި ޑައިރެކްޓަރު އެޓްލީއާއި ޝާހްރުކް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.

ޝޫޓިން މިހާރު އެއްކޮށް ނިންމާފައިވާ މި ފިލްމަކީ ދާދިފަހުން ސިނަމާތަކުގައި އެޅުވި "ޕަތާން" އަށް ފަހު ޝާހުގެ ކުރިއަށް އޮތް ފިލްމެވެ. މީޑިއާތަކުން މި ހަފްތާގައި ރިޕޯޓުކުރި ގޮތުގައި "ޖަވާން" ގައި އެކްޓަރ ސަންޖޭ ދަތުގެ ފެނިލުމެއްވެސް ހިމެނޭނެއެވެ.

މި ފިލްމަކީ ޑައިރެކްޓަރު އެޓްލީގެ އެކްޝަން ތުރިލާއެކެވެ. ޝާހްރުކް ޑަބަލް ރޯލަކުން ފެންނާނެ ފިލްމުން ބޮލީވުޑާއި ދެކުނު ތަރިންތަކެއް ފެންނާނެއެވެ. އެގޮތުން "ޖަވާން" ގެ ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ސުނިލް ގްރޯވާ، ސާނިއާ މަލޯތްރާ، ވިޖޭ ސެތުޕަތީ، ޕްރިޔަމަނީ، އާސްތާ އަގަރްލާވް، ރިދީ ޑޮގްރާ އަދި ޔޯގީ ބާބޫ ހިމެނެއެވެ.

މީގެ އިތުރުން ޝާހު އާއިއެކު "ޕަތާން" އިން ފެނުނު ބަތަލާ ދީޕިކާގެ ވަރަށް ޚާއްސަ ފެނިލުމެއް ވެސް "ޖަވާން" ގައި ހިމެނޭނެއެވެ.