ރާއްޖެވެފައިވަނީ މުއްސަނދި ފަތުރުވެރިންގެ މެދުގައި މަޤްބޫލް މަންޒިލަކަށެެވެ. ޕްރައިވެޓު ޖެޓުތަކުގައާއި އަމިއްލަ ޔޮޓުތަކުގައި ކޮންމެ އަހަރަކުވެސް އެތައް ފަތުރުވެރިންނެއް ރާއްޖެއަށް އާދެއެވެ. 
މީގެތެރެއިންވެސް އަމިއްލަ ޔޮޓުތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންނަކީ ގިނަ ބަޔަކަށް ނަން މަޝްހޫރު ބިލިޔަނަރުންނާއި، ސެލެބްރިޓީންނެވެ. އެމީހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވަނީ އެހެން ފަތުރުވެރިންނާއި ވަކިން އަމިއްލަ މިނިވަންކަންމަތީއެވެ. 
ބުލޫމްބާގުން ދާދި ފަހުން ޝާއިޢު ކުރި ރިޕޯޓެއްގައިވާގޮތުން، މިއަހަރުގެ ފުރަތަމަ ހަފްތާތެރޭގައި ރާއްޖެއަށް 18 ސުޕަރ ޔޮޓް އައިސްފައިވެއެވެ. އެމީހުން މިމައުލޫމާތު ހޯދާފައިވަނީ ޓްރެކިންގ ޑޭޓާތަކުގެ އެހީގައެވެ. ބްލޫމްބާގުން ހާމަކުރާގޮތުގައި މިމަހުގެ 6ވަނަ ދުވަހާއި ހަމައަށް 18 ސުޕަރ ޔޮޓް ރާއްޖެއަށް އައިސްފައިވާއިރު، މީގެ 2 މަސް ދުވަސް ކުރިން ރާއްޖެއަށް އައިސްފައިވަނީ އެންމެ ޔޮޓެކެވެ. 
އަދި ރާއްޖެއަށް މިހާރު އަންނަމުންދާ ޔޮޓްތަކުގެ އަދަދަކީ ހޮންގްކޮންގް އަދި ސިންގަޕޫރަށް ދާ ޔޮޓުތަކުގެ އަދަދަށްވުރެ އިތުރު އަދަދެއްކަމަށް ބުލޫމްބާގުން ހާމަކުރެއެވެ. 
 ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ރާއްޖެއަށް އަންނަ ސުޕަރ ޔޮޓްތަކުގެ އަދަދުތައްވެސް އިތުރުވެފައިމިވަނީ ރާއްޖެއިން އެ ޔޮޓްތަކުގައި އަންނަ ފަތުރުވެރިން ބޭނުންވާ ޕްރައިވެސީ ލިބޭތީ ކަމަށެވެ. މިކަމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ސުޕަރ ޔޮޓުތަކުގައާއި ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ސެލިބްރިޓީސް އާއި ބިލިޔަނަރުންނާއި ގުޅޭ މައުލޫމާތު ސިއްރުކުރުމަށް ޚާއްސަ އިސްކަމެއް ދޭ ކަމަށެވެ. 
" ރާއްޖޭގެ އެންމެ މުހިންމު އެއް ސިފައަކީ ޕްރައިވެސީ، ވަކިން ރިސޯޓުތަކުގައިވެސް ލިބޭ ޕްރައިވެސީ، އެ ޕްރައިވެސީ ހިފެހެއްޓުމަށް ޓޫރިޒަމް މިނިސްޓްރީން ބާރު އަޅަން" މައުސޫމް ވިދާޅުވިއެވެ. 
		
										
			ޔޮޓްތަކުގެ އިތުުރުން ރާއްޖެއަށް އަންނަ ކްރޫޒްލައިނަރތަކުގެ އަދަދުވެސް މިހާރު ވަނީ އިތުރުވާން ފަށައިފައެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާއިން ބުނީ މިހާތަނަށް 9 ކްރޫޒްލައިނަރއަކުން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. 
މި ކްރޫޒްލައިނަރތަކަކީ މިދިޔަ އަހަރު ރާއްޖެއައި ކްރޫޒްލައިނަރތަކަށް ވުރެ ބޮޑު ކްރޫޒްލައިނަރތަކެއްކަމަށް މާޔާއިން ފާހަގަކުރެއެވެ. އެގޮތުން، 2826 މީހުންގެ ޖާގައިގެ ކްރޫޒްލައިނަރއަކާއި 2050 މީހުންގެ ޖާގައިގެ ކްރޫޒްލައިނަރއެއް ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި 1000 އާއި 1500 މީހުންގެ ޖާގައިގެ 4 ކްރޫޒްލައިނަރއެއްގެ އިތުރުން، 300 އާއި 700 މީހުންގެ ޖާގައިގެ 3 ކްރޫޒްލައިނަރއެއްވެސް ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މާޔާއިން މަޢުލޫމާތުދެއެވެ.