ޚަބަރު

ރާއްޖޭގެ ހާފިޡުންގެ އަދަދު 322 އަށް


  • އަމާޒަކީ މިދައުރު ތެރޭގައި ހާފިޒުންގެ އަދަދު 500 އަށް އިތުރުކުރުން

  • މިހާރުވެސް ޤުރުޢާން ހިތުދަސްކުރާ ފަރާތްތަކުގެ އަދަދު 2000 އިން މަތި

ސަރުކާރުން ދިވެހިރާއްޖޭގައި ތިބި ހާފިޡުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ރާއްޖޭގައި 322 ހާފިޡުން ތިބި ކަމަށް އިސްލާމީކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ ރާއްޖޭގައި ހާފިޡުން އަދަދު އިތުރުވެގެންދިއުމަކީ އުފާވެރި ކަމެއް ކަމަށެވެ.

މިދައުރުގެ ތެރޭގައި ރާއްޖޭގައި ތިބި ހާފިޡުންގެ އަދަދު 500 އަށް އިތުރު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަމީއްޔާތުކަމެއް ދީގެ ކުރަމުން އަންނަ މަސައްކަތެކެވެ. މިމަސައްކަތުގެ ބައެއް ތަފްސީލްތައް ހިސާކޮށްދެއްވާ މީޑިއާއަށް ހިއްސާކުރެއްވި މެސެޖެއްގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވަނީ ރާއްޖޭގެ ހާފިޡުން އިތުރުވަމުން ދާ ކަމީ އުފާވެރި ކަމެއްކަން ފާހަގަކޮށް މިދައިރާއިން ޒުވާނުންގެ އަދަދު އިތުރުވަމުންދިއުމާއެކު ޒުވާނުން ޤުރްއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަޤްބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި ވަގުތާ ހަމައަށް ރާއްޖޭގެ ހާފިޡުންގެ އަދަދު 322 އަށް އަރާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަންނަ ރޯދަ މަހު، ގިނަ އަދަދެއްގެ ހާފިޡުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ހާފިޡުންނަށް ހިއްވަރު ދިނުމުގެ ގޮތުން ހާފިޡުންނަށް ދައުލަތުން ދޭ އިނާޔަތް އިތުރުކުރައްވާފައެވެ. އަދި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައްވަނީ އިތުރަށް ފުޅާކޮށްފައިވެއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ވިދާޅުވީ މިވަގުތާ ހަމައަށް ރާއްޖޭގެ ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތު ދަސްކުރަމުންދާ ކަމަށެވެ. އަދި އެންމެ ގިނަ ދަރިވަރުން ދަސްކުރަމުންދަނީ ޤުރުއާނާ ބެހޭ މަރުކަޒުގައާއި އިލްމު އިންސްޓިޓިއުޓުގައިކަން ވަޒީރު ފާޙަގަކުރެއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މިހާރުވާނީ 30 ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް ޢަމަލީ ގޮތުން ހިންގަން ފަށާފައިވާ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް މިހާރު ކުރިއަށްދާ ކަމަށާއި، އިތުރު 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ތެރޭ ހުރިހާ ރަށަކަށް މި މަޝްރޫޢު ފޯރުކޮށްދިނުން ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވަނީ ރަށް ރަށުގައި ހިންގާ ޤުރްއާން މަރުކަޒުގެ ގޮފިތަކުގައި އިމާމުންނަށް ވެސް ޤުރްއާން ކިޔަވައި ދިނުމުގެ މަސްއޫލިއްޔަތު ވަޒީފާ ބަޔާނަށް އިތުރުކުރަމުންދާކަން ހާމަކުރައްވާފައެވެ.

ރާއްޖޭގައި ހާފިޡުންގެ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތެއް ބެއްވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސައުދީ ސަރުކާރުގައި ދިވެހި ސަރުކާރުން ވަނީ ދަންނަވާފައެވެ. ޤުރުޢާނުގެ ޢިލްމު ފެތުރުމާއި، މިދާއިރާ ތަރައްޤީގެ މަސައްކަތްތަކަށް ދައުލަތުގެ ބަޖެޓުގެ އިތުރުން ޒަކާތު ފަންޑުގެ ފީސަބީލިއްލާހީ ބައިންނާއި ހެޔޮއެދޭ ފާރާތްތަކުން އެހީފޯރުކޮށްދޭ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.