"ޝަރިއާ ސްކޮލަރސް ޑައިލޮގް"ގެ ނަމުގައި އެމްއެމްއޭ އިން ފޯރަމެއް ބާއްވައިފިއެވެ. 
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވީ، މި ފޯރަމްގެ މަގުސަދަކީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ އަށް ދިމާވާ ގޮންޖެހުތަކާއި އެ ގޮންޖެހުންތަކަށް ގެނެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާކުރުން ކަމަށެވެ. 
މި ފޯރަމްގައި އިސްލާމިކް ފައިނޭންސް ދާއިރާގެ ބޭފުޅުން އެމްއެމްއޭ ޝަރިއާ ކައުންސިލްއާއި ކުރަން ބޭނުންވާ ސުވާލުތައް ކޮށް ދާއިރާ އާއި ގުޅޭ ކަންކަމުގައި ވަނީ މަޝްވަރާކޮށްފައެވެ. 
ފޯރަމްގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އެމްއެމްއޭގެ ޕޮލިސީތައް ބައްޓަންކޮށްފައި ހުންނާނީ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޝަންތަކަށް ވެސް އެހެން ފަރާތްތަކާއި ވާދަ ކުރެވޭނެހެން ފަހި ގޮތަކަށް ކަމަށެވެ. އަދި މި ފޯރަމްގައި ލިބޭ ޚިޔާލާއި މަޝްވަރާއާއެކު ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. 
		
					
									މި ފޯރަމްގައި ރާއްޖޭގައި ޚިދުމަތްދޭ ހުރިހާ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ބައިވެރިވިއެވެ. މި ފޯރަމްގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ގުޅިގެން އިސްލާމިކް ފައިނޭންސިން ކުރިއެރުވުމަށް އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.