ފަތުރުވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތަކާއި މި ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، އެފްއެޗްޓީއެސްގެ ދަރިވަރުން އިސްނަގައިގެން 'އަރުތަ'ގެ ނަމުގައި ފެއަރއެއް ބޭއްވުމަށް ނިންމައިފިއެވެ. 
މިމަހުގެ 25 ވަނަ ދުވަހު މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއަރގައި، ރާއްޖޭގެ ފަތުރުވެރިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިކަމާއި ގުޅުންހުރި ޙިދުމަތްދޭ ފަރާތްތައްވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. 
އެފްއެޗްޓީއެސްއިން މައުލޫމާތުދޭގޮތުގައި، މި ފެއަރއަކީ އެ ހޮސްޕިޓަލިޓީ އެންޑު ޓޫރިޒަމް ސްޓަޑީޒްގެ ދަރިވަރުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. 
		
					
									
			މި ފެއަރގެ ތެރެއިން ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެގެން އައި ގޮތް ދައްކާލެވޭނެއެވެ. އަދި ސަގާފީ ބައެއް ހަރަކާތްތައްވެސް މި ފެއަރގެ ތެރެއިން ކުރިއަށްދާނެކަމަށް އެފްއެޗްޓީއެސްއިން މައުލޫމާތުދެއެވެ. 
ފެއަރގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން ދަރިވަރުންނަށް މަޢުލޫމާތު ހިއްސާ ކުރުމަށް "ޖުބިލީ ވޯކް"ގެ ނަމުގައި ހިނގާލުމެއް ބޭއްވުމަށްވެސް އެފްއެޗްޓީއެސްއިން ދަނީ ތައްޔާރުވަމުންނެވެ. 
ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ހިނގާލުން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ.