ދުނިޔޭގެ ވިޔަފާރި

އެމެޒޯންއިން އިލެކްޓްރިކް އުޅަނދުތަކަށް 1 ބިލިއަން ޔޫރޯ އިންވެސްޓްކުރަނީ


އެމެޒޯން ކުންފުނިން ޔޫރަޕުގައި ހަރަކާތްތެރިވާ އެކުންފުނީގެ އުޅަނދުތައް އިލެކްޓްރިކް ވެހިކަލްތަކަށް ބަދަލުކުރުމަށް 1 ބިލިއަން ޔޫރޯ އިންވެސްޓް ކުރާނެކަން ހާމަކޮށްފިއެވެ.

އެކުންފުނިން މިކަން ހާމަކޮށް ހޯމަ ދުވަހު ބުނެފައިވަނީ އިލެކްޓްރިކް ވޭން އަދި ޓްރަކްތަކާއި، އަދި ލޯ އެމިޝަން ޕެކޭޖް ހަބްތަކަށް އިންވެސްޓްކުރުމަށް ރާވާފައިވާ ކަމަށެވެ. މިއީ ޓްރާންސްޕޮޓޭޝަން އިންޑަސްޓްރީ އިތުރަށް ފުޅާކޮށް އީޖާދުތައް އިތުރު ކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުންނާއި، އިތުރު ޕަބްލިކް ޗާޖިން ވަސީލަތްތައް ޤާއިމު ކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރާ އިންވެސްޓްމެންޓެއްކަމަށް އެކުންފުނިން ބުނެއެވެ.

އެކުނުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިވަގުތު ޔޫރަޕުގައި އެކުންފުނީގެ އިލެކްޓްރިކް 3000 އުޅަނދު އޮވެއެވެ. ނަމަވެސް މި އިންވެސްޓްމެންޓުގެ ސަބަބުން މިއަދަދު 3 ގުނަ އިތުރު ކުރެވި، 2025 ވަނަ އަހަރު އަންނަންވާއިރަށް 10000 އަށް އިތުރު ކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން އެންމެ ބޮޑު މުދާ އުފުލާ އުޅަނދުތަކުގެ 1500 އެއްހާ އިލެކްޓްރިކް އުޅަނދުވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ ކުންފުނިން ގަންނާނެ ކަމަށް އެކުންފުނިން ބުނެއެވެ. މިއީ އެކުންފުނީގެ "މިޑިލް-މައިލް" ޝިޕްމަންޓުތައް އުފުލުމަށް ގަންނަ އުޅަނދުތައްކަމަށް އެކުންފުނިން ބުނެއެވެ.

އެމެޒޯން ފަދަ ބޮޑެތި ގިނަ ކުންފުނިތަކުން ޒީރޯ އެމިޝަން އިލެކްޓްރިކް އުޅަނދުތައް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ޑެލިވަރީތަކުގައި އެކުންފުނިތަކުން ކުރިމަގުގައި ބޭނުން ކުރާނެ އުޅަނދުތައް ކަމަށްވެއެވެ. އެހެން ނަމަވެސް މާކެޓުގައި މިކުންފުނިތަކުގެ ޑިމާންޑަށް ވާވަރަށް އުޅަނދުތައް ނެތްކަމުގެ ކަންބޮޑުވުން އެބައޮތްކަމަށް ރޮއިޓާސްއިން ރިޕޯޓު ކުރެއެވެ. މިކަމުގައި ގިނަ އައު ކުންފުނިތައް މަސައްކަތް ފެށި ނަމަވެސް، ޖެނެރަލް މޯޓާސް އާއި ފޯޑް ފަދަ ދުވަސްވީ ކުންފުނިތަކުންވެސް މާކެޓަށް އަމާޒު ހިފުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެމެޒޯން ކުންފުނީގެ މިފަދަ އެންމެ ބޮޑު އޯޑަރެއް އައިސްފައިވަނީ ރިވިއަން ކުންފުންޏަށެވެ. އެއީ 2025 ވަނަ އަހަރު އަންނަންވާއިރަށް 1 މިލިއަން އިލެކްޓްރިކް އުޅަނދުގެ އޯޑަރެކެވެ. މިއާއެކު ޔޫރަޕުގެ އެކި ސަރަހައްދުތަކުގައި ޗާޖިން ފެސިލިޓީތަކަށްވެސް އިންވެސްޓު ކުރާނެ ކަމަށް ރިވިއަން ކުންފުނިން ވަނީ ހާމަކޮށްފައެވެ.