ވިޔަފާރި

ދެކުނު އިމިގްރޭޝަން އޮފީސް މަރަދުއަށް ބަދަލުކޮށްފި


އައްޑޫސިޓީ ހިތަދޫގައި ހިންގަމުން އައި އިމިގްރޭޝަން އޮފީސް، މަރަދޫ ރަށްވެހިގެއަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

މިއޮފީސް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރު ޢަލީ ނިޒާރެވެ. މި ރަސްމިއްޔާތުގައި އައްޑޫސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން އިމިގްރޭޝަން ސަދަން ރީޖަން އޮފީހުގެ މުވައްޒަފުންނާއި އިސްވެރިން ބައިވެރިވިއެވެ. އިމިގްރޭޝަންގެ އައު އޮފީސް ހުޅުވާފައިވަނީ މަރަދޫ އަވަށު އޮފީސް ކައިރީގައި ހުރި ރަށްވެހިގޭގެ ޢިމާރާތުގައެވެ.

އިމިގްރޭޝަން އޮފީސް މަރަދޫ ރަށްވެހިގެއަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށާފައިވާއިރު، މިއީ އިހަށްވުރެ ރަނގަޅު މާހައުލެއް ޤާއިމްކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ. މިއޮފީހުންވެސް އިމިގްރޭޝަނުން މީގެ ކުރިން ދެމުންއައި ހުރިހާ ޚިދުމަތެއް އިތުރަށް ލުއިފަސޭހަކޮށް ލިބިގެން ދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަންގެ ސަދަން ރީޖަން އޮފީސް މީގެކުރިން ހިންގަމުންއައީ، ހިތަދޫ އަވަށު އޮފީސް ޢިމާރާތުގައެވެ. ނަމަވެސް މިތަނުގެ ޖާގައިގެ ދަތިކަން ވަރަށްބޮޑެވެ.

އައްޑޫގައި އެންމެކުރިން އިމިގްރޭޝަންގެ ޚިދުމަތް ދެމުންއައީ ކައުންސިލް އިދާރާގައެވެ. އޭގެފަހުން އަވަށު އޮފީހަށް ބަދަލު 2016ވަނަ އަހަރު އިމިގްރޭޝަން ދެކުނު ރީޖަނަލް އޮފީސް ހުޅުވިގެން ދިޔައެވެ.