ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ނިންމުމަށް ޓައިވާނުގެ އިލެކްޓްރޯނިކް ޗިޕް އުފައްދާ ކުންފުނިތަކުން ބޯލަނބާނެ


ޓައިވާނުގެ ޗިޕް އުފައްދާ ކުންފުނިތަކުން އެމެރިކާގެ ނިންމުންތަކަށް ބޯލަނބާނެ ކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސެމީ ކޮންޑަކްޓަރ ޗިޕް އެކްސްޕޯޓު ކުރާ ޓައިވާނުން، މިގޮތަށް ބުނެފައިވަނީ އެމެރިކާއިން ޗައިނާގެ ޗިޕް އިންޑަސްޓްރީ މަޑު ޖެއްސުމަށް ހުކުރު ދުވަހު ނެރުނު އައު ޤަވާއިދާއި އެއްކޮށެވެ. މި ޤަވާއިދުތަކުގެ ތެރޭގައި އެމެރިކާގެ އެއްވެސް އުފެއްދުމެއް ބޭނުންކޮށްގެން އުފައްދާ ޗިޕްތައް ޗައިނާއަށް ބޭނުން ނުކުރެވޭ ގޮތް ހަދަން ވަނީ ނިންމާފައެވެ.

ޓައިވާނުގެ އިކޮނޮމިކް މިނިސްޓްރީން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނީ، ޓައިވާނުގެ ސެމީ ކޮންޑަކްޓަރ އިންޑަސްޓްރީއަކީ ބޭރުގެ ގިނަ ފަރާތްތަކަށް ޗިޕް ފޯރުކޮށްދޭ ބައެއް ކަމަށާއި، މިއާއެކު ވަރަށް ބޮޑަށް ޤާނޫނީ އިމުގެ ތެރެއިން މިކަން ކުރުމަށް ބަލާ ކަމަށެވެ.

ޓައިވާނުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިއަކީ ޗައިނާ ކަމުގައިވިއަސް، ޗައިނާއިން ޓައިވާނުގެ ޗިޕް އުފެއްދުމުގެ ޓެކްނޮލޮޖީ އަމިއްލަ ކުރަން އުޅޭކަމުގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް ފާޅުކުރެއެވެ. އަދި މިކަމުގައި ސަބަބުން ޗައިނާގައި އެޤައުމުގެ ޗިޕް ކުންފުނިތަކުގެ އިންވެސްޓްމެންޓުތައް ކުރުން ވަރަށް ބޮޑަށް ޓައިވާނުން ވަނީ ހިފަހައްޓާފައެވެ.

އެމެރިކާއަކީ ޓައިވާނާއިއެކު ޑިޕްލޮމެޓިކް ގުޅުން އޮންނަ ޤައުމަކަށް ނުވިނަމަވެސް، އެމެރިކާގެ ކުންފުނިތަކަށް ބޭނުންވާ ޗިޕް އެންމެ ގިނައިން ފޯރުކޮށްދެނީ ޓައިވާނުންނެވެ.

ވިޔަފާރި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމެރިކާއިން ބޭނުންވަނީ ޗައިނާގެ ޓެކްނޮލޮޖީ އަދި އަސްކަރީ ކުރިއެރުމަށް ހުރަސް އަޅާށެވެ. އެމެރިކާ ދުނިޔޭގެ ބާރެއްގެ ގޮތުގައި ދެމިއޮތުމަށް މިފަދަ ނިންމުންތައް އެ ޤައުމަށް ވަރަށް މުހިންމު ވާނެކަމަށް އެ ފަރާތްކުން ބުނެއެވެ.

މިމައްސަލާގައި ޗައިނާއިން ބުނެފައިވަނީ، އެމެރިކާއިން މަސައްކަތް ކުރަނީ ވިޔަފާރީގެ ބާރު ބޭނުންކޮށްގެން، އެކްސްޕޯޓު ކޮންޓްރޯލް ކުރުމަށް ކަމަށާއި، މިކަމުގެ ގެއްލުން އެމެރިކާއަށް އުފުލަން ޖެހިދާނެ ކަމަށެވެ.