ވިޔަފާރި

"ބިއޯންޑް އެއަރލައިންގެ ސަބަބުން ޓޫރިޒަމް އަދި ޓްރާންސްޕޮޓޭޝަންގެ ގިނަ ވަޒީފާތަކެއް އުފެދޭނެ"


ބިއޯންޑް އެއަރލައިންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ އަރަބެސްކް އާއި ގުޅިގެން ސިމްޑީން ވަނީ ބިއޯންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް ހަދާފައެވެ. ބިއޯންޑް ކުންފުނިން ވަނީ މި އެއަރލައިން ފެށުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީއާވެސް ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒުގެ އިތުރުން އެކުންފުނީގެ ސީއީއޯ ޓެރޯ ޓަސްކިލާވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވަނީ އެކުންފުނިން ރާއްޖޭގައި ތިބެގެން އެއަރލައިން ފަށާ ކަމަށްޓަކާ މަރުހަބާ ދަންނަވާފައެވެ. އަދި ކުންފުނީގެ އަމާޒުތައް މިނިސްޓްރީއާއި ހިއްސާ ކުރައްވާފައިވާ ކަމަށާއި، މިއީ ރާއްޖެއަށް އަންނަ ފަރާތްތަކަށް ހުޅުވިގެންދާ މުހިންމު މަގެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީންވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާނެ މިފަދަ މަސައްކަތްތަކުގައި އެފަރާތްތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޓްރާންސްޕޮޓޭޝަންއާއި ޓޫރިޒަމް ސެކްޓަރއަށް މިއެއަރލައިނުން ގިނަ ވަޒީފާތައް އުފައްދާނެ ކަމަށް މިނިސްޓަރ ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ކުންފުނީގެ ސީއީއޯ ޓެރޯ ޓަސްކިލާ ބުނީ ބިއޯންޑް އެއަރލައިންގެ އޮޕަރޭޝަންސްތައް ފެށުމަށް ޓައިމްލައިން އެއްކޮށް އަދި ހަމަނުޖެހުނު ނަމަވެސް، އަންނަ އަހަރު ކުރީކޮޅު ދަތުރުތައް ފެށޭ ވަރު ވާނެ ކަމަށެވެ. އަދި މިއެއަރލައިނުން އޭވިއޭޝަން ދާއިރާގެ ގިނަ އައު ވަޒީފާތައް އުފައްދާނެ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ކުންފުނީގެ ސީދާ 200 އެއްހާ ވަޒީފާ އުފެދިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ބިއޯންޑް އެއަރލައިނުން މީގެ ކުރީން ވަނީ ދުނިޔޭގެ 60 މަންޒިލަކަށް ދަތުރުކުރުމަށް އަމާޒުހިފާފައިވާ ކަން ހާމަކޮށްފައެވެ. މީގެ ތެރޭގައި އޭޝިޔާ، ޔޫރަޕް، އޮސްޓްރޭލިއާ އަދި އެފްރިކާގެ މަންޒިލްތައް ހިމެނޭ ކަމަށް އެއެއަރލައިނުން ބުނެއެވެ.