ދުނިޔޭގެ ވިޔަފާރި

އޯޕެކް ޤައުމުތަކުން ދުވާލެއްގެ މައްޗަށް ތެޔޮ އުފައްދާ މިންވަރު ދަށް ކުރުމަށް ވިސްނަނީ


އޯޕެކް ޤައުމުތަކުން ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ މިންވަރުން، މިލިއަނެއްހައި ފީފާގެ ތެޔޮ މަދު ކުރުމަށް އެޤައުމުތަކުން ވިސްނަމުންދާ \ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މިކަމާއގުޅިގެން އޯޕެކްގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު އޯޕެކް ޤައުމުތަކުން ބާއްވާ ބައްދަލުވުމުގައި މިކަމުގައި ގޮތެއް ނިންމާނެއެވެ. މިއީ ޕެންޑަމިކަށް ފަހު އޯޕެކް ޤައުމުތަކުން ޕްރޮޑަކްޝަން މިހާބޮޑަށް ދަށް ކުރަން ނިންމާ ފުރަތަމަ ފަހަރެވެ. މީގެ ކުރީން މިދިޔަ މަހުވެސް އެ ޤައުމުތަކުން 100،000 ފީފާ ތެޔޮ ޕްރޮޑަކްޝަނުން މަދު ކުރިއެވެ.

މިއީ ބާޒާރުގައި ތެލުގެ އަގު ވެއްޓެމުން ދިއުމާއިއެކު އަގު ހިފެހެއްޓުމަށާއި، އަދި ދަށްވަމުންދާ ޑިމާންޑަށް ބަލައި ނިންމާ ނިންމުމެއް އޯޕެކްއިން ބުނެއެވެ.

މީގެކުރީން ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތާގުޅިގެން ޕްރޮޑަކްޝަން މަތި ކުރުމަށް އޯޕެކް ޤައުމުތަކަށް އެމެރިކާފަދަ ބައެއް ޤައުމުތަކުން ގޮވާލި ނަމަވެސް އެކަމަށް އޭރު އިޖާބަ ދީފައި ނުވެއެވެ. އެހެން ނަމަވެސް އެމެރިކާ ޑޮލަރުގެ އަގަށްއައި ބަދަލާއި، ދުނިޔޭގެ އިޤްތިޞާދު ހީނަރުވުމުގެ ސަބަބުން ތެލުގެ އަގު ފާއިތުވި މަސްތަކުގައި ދިޔައީ ދަށްވަމުންނެވެ.

އެމެރިކާއިން މީގެ ކުރީން ސައުދީ އަރަބީއްޔާއަށް ޕްރޮޑަކްޝަން އިތުރުކޮށް ރަޝިޔާއަށް ތެލުގެ އަގު ވައްޓާލުމަށް ދިޔައީ ބާރު އަޅަމުންނެވެ. މިއީ ރަޝީޔާއަށް ލިބޭ އާމްދަނީ ދަށްކޮށް ހުޅަނގުން އަޅާފައިވާ ފިޔަވަޅުތަކުގެ އަސަރު ރަޝިޔާއަށް ފޯރުވުމަށް ކުރި މަސައްކަތެކެވެ. އެހެން ނަމަވެސް އޯޕެކްއިން ޕްރޮޑަކްޝަން އިތުރަށް ދަށްކުރުމުން މިކަމަށް ހުޅަނގުގެ ނުރުހުން އަންނާނެކަމަށް ބެލެވެއެވެ.

މީގެ އިތުރުން ރޮއިޓާސްއިން ރިޕޯޓު ކުރާ ގޮތުގައި، ރަޝިޔާގެ އޮފިޝަލުންވެސް ބޭނުންވަނީ އޯޕެކް ޕްރޮޑަކްޝަން މިވަގުތަށް ދަށް ކުރުމަށެވެ. މިއާއެކު ރަޝިޔާ ތެލަށް ޑިމާންޑު އިތުރުވާނެ ކަމަށް ބެލެވެއެވެ.

އޯޕެކް ޤައުމުތަކުން މީގެ ކުރީން އެންމެ ބޮޑަށް ޕްރޮޑަކްޝަން ދަށްކުރީ ޕެންޑަމިކްގެ ތެރޭގައެވެ. އޭރު ތެލަށްއޮތް ޑިމާންޑު ދަށްވުމާއިއެކު ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ ތެރެއިން 20 މިލިން ފީފާ ތެޔޮ މަދު ކުރަން އޭރު ނިންމިއެވެ. އޭގެ ފަހުން ފާއިތުވި ދެއަހަރު އެ ޤައުމުތަކުން ދިޔައީ މަޑުމަޑުން ކެޕޭސިޓީ އަލުން އިޢާދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.