ވިޔަފާރި

ފަތުވެރިކަމަށް 50: އިއްޔެއަަށްވުރެ އަންހެނުންގެ ދައުރު މިއަދު ބޮޑު


ފަތުރުވެރިކަމަކީ ދިވެހިންގެ އިގްތިޞާދުގެ މައި ނާރެވެ. މިއީ ދިވެހި ކޮންމެ އާއިލާއަކާއިވެސް ގުޅިފައިވާ ސިނާޢަތެކެވެ. މި ސިނާޢަތުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އަމާޒެކެވެ. މިކަމަށްޓަކައި ފަތުރުވެރިކަމުގެ ކުދި ވިޔަފާރިތަކާއި އަދި އެހެނިހެން ގޮތްގޮތުން ދާއިރާގެ މަސައްކަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާއްމުކޮށްފައިވާ ރިސޯޓް އެމްޕްލޯއީ ސާވޭ ދައްކާގޮތުން، 2020 ވަނަ އަހަރުގެ ނިޔަލަށް ރިސޯޓުތަކުގައި ދިވެހި މުވައްޒަފުންގެ ގޮތުގައި 35887 މީހުން މަސައްކަތް ކުރަމުން ދިޔައެވެ. މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ދިވެހި ފިރިހެނުންނެވެ. މި ސާވޭ ދައްކާގޮތުން ދިވެހި އަންހެނުން މުވައްޒަފުންގެ ގޮތުގައި ތިބީ އެންމެ 3 އިންސައްތަ މުވައްޒަފުންނެވެ.

މިހާ ބޮޑު ފަރަޤެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުންގެ މެދުގައި އޮންނަ ސަބަބުތަކެއްވެސް އެބަހުއްޓެވެ. ރާއްޖޭގައި ދާދި ފަހަކާއި ޖެހެންދެންވެސް މި ސިނާޢަތުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރުމަށް އެހާ ބޮޑަށް ހިތްވަރެއް ނުދެވެއެވެ. އަދި މިއީ އަންހެނުންނާއި އެހާ ގުޅޭ ސިނާޢަތެއް ނޫންކަމަށްވެސް ހީވެފައި އޮވެއެވެ.

ނަމަވެސް މި ސިނާޢަތުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް ސަރުކާރުން އެކި މަސައްކަތް ކުރެވި އަދި މިހާރު ކުރިއާ އަޅާ ބަލާއިރު އަންހެނުންގެ ދައުރު އިތުރުވެފައިވާކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއެވެ. މިިކަމަށް އިޝަރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ، މިކަންކަން ހައްލުކުރުމަށް ފޮތްފޮތުގައި މިހާރު ލިޔެވިފައި ހުރި ހުރިހާ ފޯމިއުލާއެއް ބޭނުން ކުރަމުންދާ ކަމަށެވެ.

"އެހެންވީމަ ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރާ ހުރިހާކަމެއް؛ އަދި މިހާރު ފޮތްފޮތުގައި ލިޔެވިފައި ހުރި ހުރިހާ ފޯމިއުލާއެއް އަޅުގަނޑުމެން އެބަ ބޭނުން ކުރަން. ހާއްސަކޮށް އަޅުގަނޑުމެންގެ ފަސްވަނަ މާސްޓަރ ޕްލޭނުގައިވެސް ވަރަށް ބޮޑު އިސްކަމެއް ދެވިފައި އެބައޮތް، އަންހެނުން ޓުއަރިޒަމް ތެރެއަށް ބާރުވެރިކޮށްގެން ނެރޭ ގޮތަށް. ޓުައަރިޒަމް ވަޒީފާގެ ތެރޭ އެކަންޏެއް ނޫން ޓުއަރިޒަމްގެ ވިޔަފާރީގެ ވެރިންގެ ގޮތުގައި. އަންހެނުންނާއި [ޒުވާނުންނަށް]، މި ދެބައަށް ހާއްސަ އަހަމީއްޔަތުކަމެއް ދީފައިވާނެ. އީއްޔެއާއި އަޅާ ބަލާއިރު މިއަދު ވަރަށް ރަނގަޅު. އެހެންވީމަ މާދަމާ އަދި މާ ރަނގަޅުވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތުގައި އެކި ދައިރާތަކުން އަންހެނުން ކުރިއާ އަޅާ ބަލާއިރު ގިނައެވެ. އެގޮތުން ވޯޓާ ސްޕޯޓްސް އަދި މެނޭޖްމެންޓް ދާއިރާގައިވެސް ހަރަކާތްތެރިވަމުންދާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓްރީގެ މަސައްކަތްތަކުގައިވެސް އަންހެނުންގެ މުވައްޒަފުންގެ ގިނަ މަސައްކަތެއް ކުރަމުންދާކަން އަމިއްލަ މިނިސްޓްރީން މިސާލު ނަންގަވާ މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން މިންތީގެ ހަމަހަމަކަން ސިނާޢަތްތަކުގައި ޤާއިމްކުރުމަށް ބަލާއިރު، ފަތުރުވެރިކަމުގެ މި ސިނާޢަތަކީ އެންމެ ބޮޑު ފަރަޤެއް އޮތް ސިނާޢަތެވެ. މި ސިނާޢަތަށް 50 އަހަރު މިއަދުވާއިރު ސިނާޢަތް މިވަނީ ވަރަށް ބޮޑަށް ކުރިއަރައި ހޭލުންތެރިވެފައިކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން ސިނާޢަތުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި އެވޯޑު ދިނުމުގެ ހަފްލާގައި ޓޫރިސްޓް ފެސިލިޓީތަކުގައި އަންހެނުންގެ ނިސްބަތަށް ބަލާ އެވޯޑު ދޭން ވަނީ ފަށާފައެވެ. މިއީވެސް ސިނާޢަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ހިތްވަރުދިނުމަށް ދޭ އެވޯޑެކެވެ. އަދި މިއެވޯޑު ކޮންމެ އަހަރަކުވެސް ދެވިގެންދާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.