ވިޔަފާރި

ފަތުރުވެރިކަމަށް 50 : އާދައިގެ ގޮތަކުން ދުނިޔޭގެ އެންމެ އުހަށް


ދިވެހިންނަކީ މެހެމާންދާރީގައި ދުނިޔޭގައި ނަމޫނާއަކަށް ބަލާ ޤައުމެކެވެ. މިއީ ހަޤީގަތެއްކަން ދިވެހިން ވަނީ ފާއިތުވި އަހަރުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތުން ސާބިތުކޮށްދީފައެވެ. ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ އެވޯޑު ޖެހިޖެހިގެން ދެ އަހަރު ހޯދޭނީ ގައިމުވެސް ރަނގަޅު މެހެމާންދާރީއެއް އަދާކޮށްގެންނެވެ. ނަމަވެސް ދިވެހިންގެ މި 'ސަކްސެސް ސްޓޯރީ' އަކީ ކުއްލިއަކަށްވީ ކަމެއް ނޫނެވެ. އާދައިގެ ގޮތަކަށް ފެށި ފަތުރުވެރިކަން މިހާ ހިސާބަށް ގެނެވުނީ އެތައް ބަޔަކު ރެއާއި ދުވާލު ކުރި އަދި މިހާރުވެސް ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުންނެވެ.

1972 ވަނަ އަހަރު ހުޅުވުނު ކުރުނބާ މޯލްޑިވްސްއާއެކު ރާއްޖޭގެ ފަތުރުވެރިކަން ފެށިގެންދިޔައިރު އޭރު ފަތުރުވެރިން ބޭނުންވީ މޫދުގައި އުޅެލައި، ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލާލުމެވެ. މިއީ ރާއްޖޭގެ ރިސޯޓު އިންޑަސްޓްރީގެ ފެށުމެވެ. ހުޅުލޭގައި ރަންވޭއެއް އޮތް ކަމަކު ފަތުރުވެރިކަމަށް މީހުން ގެންނަން ބޭނުންވާ އެއާޕޯޓެއް އޭރަކު ނެތެވެ. އޭރު ފަތުރުވެރިންނަށް ވިއްކަން އޮތީ ރާއްޖޭގެ ރަށްތަކުގެ ޤުދުރަތީ ރީތިކަމެވެ. އެހެން ނަމަވެސް އެކަންވެސް ފަށަން ޖެހުނީ މަދު މީސްކޮޅަކާއި އެކީ ދަތި ހާލުންނެވެ. އެއީ އަލަށް ފެށި ކަމަކަށް ވުމުންނެވެ.

އިންޑަސްޓްރީގައި މިހާރު ބޭނުން ކުރާ ސްޓޭންޑަޑެއް އޭރަކު ނެތެވެ. ވަން އައިލޭންޑް ވަން ރިސޯޓު ކޮންސެޕްޓްވެސް ތަޢާރަފްވެގެން އައީ ފަތުރުވެރިން ބައިތިއްބަން ވަކި ތަނެއް ހޯދަން ކުރި މަސައްކަތުގެ ތެރެއިންނެވެ. މިއަދު ރާއްޖޭގައި 167 ރިސޯޓު އެބައޮތެވެ. އެންމެ އާދައިގެކޮށް އެންމެ ތަނަކުން ފެށި މަސައްކަތް މިހާހިސާބަށް ގެންނަން 50 އަހަރު ހޭދަވެފައިވާއިރު، އެކަމުގެ ތެރެއިން ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ.

މިކޮންސެޕްޓާއެކީ ލިވަބޯޑު ނުވަތަ ސަފާރީތައްވެސް ތަޢާރަފްވިއެވެ. ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދަށްވީއިރު ރާއްޖޭގެ ކަނޑުތައް މި ސިނާޢަތުގައި މުހިންމު ދައުރެއް އަދާ ކުރެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ލިވަބޯޑު ކުންފުނި ވޮޔޭޖެސް މޯލްޑިވްސް ފެށިގެން އައީ ވޮޔޭޖާ ވަންއާއެކު 1980 ވަނަ އަހަރުއެވެ. އޭރު އެންމެ ބޯޓަކުން ފެށި ކުންފުނީގައި މިހާރު ބޮޑު ފްލީޓެއް އޮތްއިރު، މިހާރު މިދާއިރާއަކީ ސިނާޢަތުގައި އެންމެ ހަރަކާތްތެރި އެއް ދާއިރާއެވެ. މިއަދު 148 އުޅަނދު މިދާއިރާގައި ރެޖިސްޓްރީކޮށްގެން ފަތުރުވެރިންނަށް ދަނީ ހިދުމަތްދެމުންނެވެ.

ފަތުރުވެރިކަން ރާއްޖޭގައި މަޑުމަޑުން ކުރިއަށްދަމުން 1986 ވަނަ އަހަރު ވާދޫ ޑައިވިން ޕެރަޑައިސްއިން ވޯޓާ ވިލާ ތަޢާރަފް ކުރިއެވެ. މިހާ ހިސާބުން މިދާއިރާ ކުރިއަރައި ދާނެކަން ހާމަވެ، ސިނާޢަތަށް ބޭނުންވާ މީހުން ބިނާ ކުރުމުގެ މަސައްކަތްވެސް ފެށިއެވެ. މިމަސައްކަތް ކުރުމަށް ހޮސްޕިޓަލިޓީ ތަމްރީނު ދޭ މަރުކަޒެއް 1987 ގައި ޤާޢިމު ކުރެވިގެން ދިޔައެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް ޤާބިލް ދިވެހިން ބިނާކޮށް ނެރުމަށް އެޅިގެން ދިޔަ މުހިއްމު ބިންގަލެވެ. މިހާރު އެތަން މިވަނީ ޤައުމީ ޔުނިވާސީޓީގެ ފެކަލްޓީއަކަށް ބަދަލުވެފައެވެ.

ރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވެފައި ދަތުރުކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. ނަމަވެސް 1993 ވަނަ އަހަރު ފެށުނު ސީޕްލޭން ޙިދުމަތް ވެގެން ދިޔައީ ސިނާޢަތަށް ގެނައި އިންޤިލާބީ ބަދަލަކަށެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ރާއްޖޭގައި މިހާރު އޮތްއިރު، މިއީ ރާއްޖޭގެ ކަންކޮޅުތަކަށް ފަތުރުވެރިކަން ފޯރުވުމަށް ހުޅުވުނު ފުރަތަމަ ދޮރެވެ. ފަތުރުވެރިޔާ އެއާޕޯޓުން ސީދާ ރިސޯޓާއި ހަމައަށް ފޯރުކޮށްދޭ ވަސީލަތަކަށް ސީޕްލޭން ވެގެން ދިއުމުން، ޖަޒީރާ ރާއްޖޭގެ އޮތް ދަތުރުފަތުރުކުރުމުގެ ގޮންޖެހުމަށް ބޮޑު ލުޔެއް ލިބިގެން ދިޔައެވެ.

ރިސޯޓްތަކާއި ސަފާރީތަކާއެކު ފަތުރުވެރިކަން ކުރިއަށްދިޔަނަމަވެސް ރަށްރަށުގެ ރައްޔިތުންނާއި ހިސާބަށް ފަތުރުވެރިކަން އޭރުވެސް އައިސްފައެއް ނުވެއެވެ. ނުވަތަ އެކަމުގެ ނަފާ އެންމެ އެކަށީގެންވާ ގޮތެއްގައި ރަށްފުށުގެ ރައްޔިތުންނަށް ލިބިފައެއް ނުވެއެވެ.

އެކަން ބަދަލުކޮށްލީ ރާއްޖޭގެ އާންމުން ދިރިއުޅޭ ރަށްތަކަށް ފަތުރުވެރިން ގެނައުމަށް ގެސްޓް ހައުސް ވިޔަފާރި 2010 ވަނަ އަހަރު ތައާރަފްވެގެންދިޔަ ހިސާބުންނެވެ. އޭރު އެންމެންނަށްވެސް ޤަބޫލުކުރެވިފައި އޮތީ ފަތުރުވެރިން ހަމައެކަނި ބޭނުންވަނީ ރިސޯޓުތަކުގެ ރީތި ބީޗުތައް ކަމަށެވެ. ނަމަވެސް ދިވެހިންގެ ސަޤާފަތާއި ދިވެހިންގެ ހަޤީގީ މެހެމާންދާރީ ދައްކުވަން ލިބުނު މި ފުރުސަތުގެ ބޭނުން ހިފައި، ރާއްޖޭގައި ފަތުރުވެރިކަން ވަރަށް ބާރަށް މިއަދު ދަނީ ކުރިއަރަމުންނެވެ.

އިންޓްގްރޭޓެޑް ޓުއަރިޒަމް ކޮންސެޕްޓް ތަޢާރަފްކުރެވި، ގެސްޓް ހައުސްގެ ގޮތުގައި ފާއިތުވި 12 އަހަރު ތެރޭ 803 ތަން ރެޖިސްޓްރީ ކުރުވުމަކީ މި ސިނާޢަތް މަދު ދުވަސްތަކެއް ތެރޭ ކުރިއަރައި ދިޔަ މިންވަރު ހާމަވާ ކަމެކެވެ. މިހާރު ސަރުކާރުން ރަށްރަށުގައި ޓުއަރިޒަމް ޒޯންތައްވެސް އެބަ ތަރައްޤީ ކުރެއެވެ. މިއީވެސް ހުރިހާ ބާވަތެއްގެ އަދި ހުރިހާ ފަންތިއެއްގެ ފަތުރުވެރިކަމަށް މަގުފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެކެވެ.

މިއަދު ރައްޔިތުންގެ ޖީބު މުއްސަނދި ކުރުމަށް ހޯމް ސްޓޭ ވަނީ ތަޢާރަފްކޮށްފައެވެ. މިހާރު އަމިއްލަ ގޭގައިވެސް ފަތުވެރިން ބޭތިއްބޭ ހިސާބަށް ސިނާޢަތް ވަނީ ތަރައްޤީވެފައެވެ.

ރާއްޖޭގައި ހުރިހާ ފަންތިއެއްގައިވެސް މިހާރު ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަށް އެބަދެއެވެ. ސިނާޢަތާއި ކޮންމެވެސް ގޮތަކަށް ނުގުޅޭ އާއިލާއެއް ރާއްޖޭގައި ނެތޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. އަދައިގެ ގޮތަކަށް ފެށި ސިނާއަތް ދުނިޔޭގެ އެންމެ އުހަށް ފޯރިއިރު 50 އަހަރުތެރޭ ބޮޑެތި ކުރިއެރުންތަކެއް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ހޯދާފައިވާކަމާމެދު ޝައްކެއް ނެތެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް އައު ޕްރޮޑަކްޓްތައް ތައާރަފްކުރަމުންދާއިރު މައިސް ޓުއަރިޒަމް އާއި ސްޕޯޓްސް ޓުއަރިޒަމް ފަދަ ކޮންސެޕްޓުތައް އޭގެތެރޭގައި ހިމެނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ހާމަކޮށްދީ، ސާބިތުކޮށްދެނީ ދިވެހިންނަށް ކޮންމެ ބާވަތެއްގެވެސް ފަތުރުވެރިކަން ކުރެވިދާނެކަމެވެ. އާދައިގެ ގޮތަކޮށް ފެށި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިއަދު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ ސިނާއަތަށްވެފައިވާއިރު އަޅުގަނޑުމެން ކުރަން އޮތް މަސައްކަތަކީ ލިބިފައިވާ ކުރިއެރުން ދަމަހައްޓާއި، މި ސިނާއަތަށް އިތުރު ކުރިއެރުމާއި ކާމިޔާބީ ހޯދުމެވެ.