ވިޔަފާރި

ސަރުކާރުގެ ކާމިޔާބު އިޤްތިޞާދީ ސިޔާސަތަކާއެކު މަޝްރޫޢުތައް ހިންގަމުން ދަރަނިވެސް ދެއްކޭ


ސަރުކާރުގެ ދަރަނި ބޮޑުވާ ވާހަކައަކީ މިވަގުތު ސިޔާސީ މަސްރަޙުގައި ދެކެވޭ ވާހަކަތަކުގެ ތެރެއިން ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔުން އާމާޒުކުރަން ބޭނުންކުރާ ހަތިޔާރެވެ. ހަޤީގަތަށް ބަލާނަމަ ދައުލަތަށް ލިބޭ އާމްދަނީން ރާއްޖޭގެ ހުރިހާ ކަމެއް ފުއްދާލެވޭކަށް ނެތެވެ. މިހާތަނަށް ބަލާއިރު، ބޮޑެތި މަޝްރޫޢުތައް ހިނގަނީ އެކި ޤައުމުތަކުންނާއި އެކި ޖަމާޢަތްތަކުން ދޭ ލޯނު އެހީގައެވެ. އަދި މިހާތަނަށް އައިއިރު ރާއްޖެއިން ދަނީ މި ލޯންތަައް ޤަވާއިދުން އަނބުރާވެސް ދައްކައެވެ.

ލޯނުގެ ވާހަކަ ދެއްކުމުގެ ކުރީން ހުރިހާ ފަރާތްތަކުންވެސް ހަނދާކުރަން ޖެހޭ ކަމަކީ 2020 ވަނަ އަހަރު ކޯވިޑުގެ ޢަލަމީ ވަބާއާއި ހެދި ދައުލަތަށް އާމްދަނީ ލިބުން ހުއްޓިގެން ދިޔައިރުވެސް ރައްޔިތުންނަށް އެހީވުމަށް ސަރުކާރުން ފަސް ނުޖެހި ޙަރަދުތައް ކުރިކަމެވެ. އިންކަމް ސަޕޯޓް އެލެވެންސްއިން ފެށިގެން ވިޔަފާރިތަކަށް ރިލީފް ލޯން ދީފައިވާއިރު، މި ޙަރަދުތައްވެސް މެނޭޖް ކުރީ ލޯން އެހީއާއެކުއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާލީމަ މިކަން އެނގެއެވެ.

މިނިސްޓްރީން އާއްމު 'ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް' ރިޕޯޓުގައިވާގޮތުން، ސަރުކާރުން މިއަހަރު މިހާތަނަށް 2.4 ބިލިއަން ލޯން އަނބުރާ ދެއްކުމަށް ހޭދަކޮށްފައިވެއެވެ. އެހެންކަމުން ދައުލަތުގެ ދަރަނީގެ ގޮތުގައި މިއަހަރު އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވާ މިންވަރުގެ 85 އިންސައްތައަށް ވުރެ ބޮޑު އަދަދެއް ސަރުކާރުން މިވަނީ ދައްކާފައެވެ.

ސަރުކާރުން ވިދާޅުވާގޮތުން ދައުލަތުގެ ދަރަނި ދެއްކުމުގައި ރާއްޖެއަށް އެއްވެސް ދައްޗެއް ނެތެވެ. އަދި މިވީހާތަނަށް އެއްވެސް އިރެއްގައި ރާއްޖެއިން ދަރަނި ނުދެއްކޭނެފަދަ ހާލަތަކަށް ގޮސްފައިނުވާއިރު ކުރިއަށް އޮތް ތަނުގައިވެސް ދަރަނި ދައްކަމުންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެއިތުރުން ދަރަނި ބޮޑުވެގެން ކަންބޮޑުވެ، ދަރަނި ރީސްޓްރަކްޗަރ ކުރަން ޖެހޭ ހާލަތެއްވެސް ނެތްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދެން އުފެދޭ ސުވާލަކީ ދަރަނިތައް ދައްކަމުން ސަރުކާރަށް ތަރައްޤީގެ މަސައްކަތްތައް ކުރެވޭނެކަމާމެދު އުފެދޭ ސުވާލެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެ ސުވާލުތަކަށް ޖަވާބު ލިބެއެވެ. މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ސަރުކާރުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 4.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި މިއަހަރު އެއްކޮށް 6.3 ބިލިއަން ރުފިޔާ ޙަރަދު ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ސަރުކާރުން މިއަހަރު އެންމެ ބޮޑު ހޭދައެއް ކުރަމުން ގެންދަނީ ރައްޔިތުން 'ރަށު ބަނދުން' ނެރުމަށެވެ. ދަތުރުފަތުރުގެ ނިޒާމަށް މިހާތަނަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިގޮތުން ބަނދަރުތައް ހެދުމަށް 589 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބްރިޖާއި މަގުތައް ހެދުމަށް 513 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އެއަރޕޯޓް މަޝްރޫޢުތަކަށް 420 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ޙަރަދުކޮށްފައެވެ.

މިކަންކަން ނޫނަސް ރައްޔިތުންގެ މަންފާއަށް މަގު ހެދުމާއި، ފެނާއި ނަރުދަމާ އަދި ސިއްޙީ ދާއިރާ އާއި ތައުލީމީ ދާއިރާ ކުރިއަރުވައި ތަރައްޤީ ކުރުމަށް ސަރުކާރުން ދަނީ ގިނަ ޙަރަދުތަކެއް ކުރަމުންނެވެ. އަދި އައު ޙިދުމަތްތައް ތަޢަރާފްކޮށް ޖަޒީރާ ފާގަތި ދިރިއުޅުމެއް ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އެބަ ކުރެއެވެ. މީގެ ތެރެއިން ބައެއް ބޮޑެތި މަޝްރޫޢުތަކަކީ ކުރީގައި ފާހަގަކުރި ފަދަ ލޯން އެހީތަކެވެ. ދައުލަތުން ކޮންމެ ބުރައެއްވެސް އުފުލަނީ ރައްޔިތުންގެ ހައްޤުގައެވެ. އެފަދަ ބުރައެއް އުފުލާއެކު އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ބައްލަވާފައި އުފުލާ ބުރަތަކެވެ.

ރައްޔިތުންގެ ތަރައްޤީއަށްކުރެވޭ މަސައްކަތްތަކާއިމެދު ބަޔަކު މީހުން ނަފްރަތު އުފައްދަން ވާހަކަދެއްކިޔަސް، ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާއާއި މަންފާކުރާ މަސައްކަތަކަށްވާނަމަ، ރައްޔިތުން އެކަމާއި ކަންބޮޑުވާކަށް ނުޖެހޭނެއެވެ.