ވިޔަފާރި

މިހާތަނަށް އެންމެ ބޮޑަށް ފަތުުރުވެރިކަމުގެ އަގުވަޒަންކުރީ ރައީސް ސާލިހުގެ ސަރުކާރުން: އެމް.ޔޫ މަނިކު


ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިގެންދާއިރު ފަތުރުވެރިކަމުގެ ދާއިރާގެ އަގު އެންމެ ބޮޑަށް ވަޒަންކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންކަމަށް ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި، މަޓީގެ ޗެއަރޕާސަން މުހައްމަދު އުމަރު މަނިކުއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީގެ ޗެއަރޕާސަން މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކޮށް، ފަތުުރުވެރިކަމުގެ ސިނާޢަތް މިހާ ހިސާބަށް ގެނެސްދެއްވުމުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ފަތުުރުވެރިކަމުގެ ސިނާޢަތަށް މަސައްކަތްކޮށްދެއްވި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ކްރޮސް ރޯޑުގައި ބޭއްވި ރަސްމިއްޔާތު ޝަފްވެރިކޮށްދެއްވީ ރައީސުލްޖުމުހޫއްރީއްޔާ އިބްރާޙިމް މުހައްމަދު ސާލިޙްއެވެ. މި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން، ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި ވަޒީރުންނާއި ދަޢުލަތުގެ ޢިއްޒަތްތެރިންނާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މިސިނާޢަތާއި ގުޅުންހުރި ސަރުކާރާއި އަމިއްލަ އެކިފަރާތްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙިދުމަތްކޮށްދެއްވާފައިވާ އަދި މިހާރުވެސް ޙިދުމަތް ކުރަމުންދާ 112 ފަރާތެއްގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ފިލާ އަރުވާފައެވެ. މިގޮތުން، ޙިދުމަތްކޮށްދެއްވާފައިވާ ވަކިވަކި ފަރާތްތަކާއި، ޖަމީއްޔާ ޖަޢަތްތަކާއި، ސަރުކާރުގެ މުޢައްސަސާތަކުގެ އިތުރުން އެއާލައިންތަކާޢި ސިނާޢަތުގައި ޙިދުމަތްދެމުންދާ އަމިއްލަ ފަރާތްތަކުގެ އަގުވަޒަންކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދާއިރާގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ މިފަދަ ރަސްމިއްޔާތެއް އިންތިޒާމުކޮށް، ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ޝުކުރުއަދާކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިހާ ހިސާބަށް ގެނެސްދެއްވި ފަތުރުވެރިކަމުގެ ބާނީއެއްކަމަށްވާ މަޓީގެ ޗެއަރޕާސަން އަދި ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ޗެއަރމަން މުހައްމަދު އުމަރު މަނިކު ވިދާޅުވީ ކުރީގެ ސަރުކާރުތަކުންވެސް ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރިކަމަަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ފަތުރުވެރިކަމުގެ ސިނާޢަތުގެ އަގުވަޒަން ކުރި މިންވަރަށް މިހާތަނަށް އެއްވެސް ސަރުކާރަކުން އަގުވަޒަންކޮށްފައިވާ ނުވާކަމަށެވެ.

" އަޅުގަނޑު ހަމަ މިވަގުތު ފާހަގަކޮށްލަން ބޭނުންވަނީ ރާއްޖޭގެ ސަރުކާރުތައް އައިސް ގަދައަށް ހިނގައްޖެ ޓުއަރިޒަމް ޑޭ ފާހަގަކުރަމުން. އެހެންނަމަވެސް، [ރާއިސް] އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި މިފަހަރު މިދެއްވި ރެކޮގްނިޝަނެއް އަޅުގަނޑުމެންނަކަށް ލިބިފައެއް ނެތް. މީގެ ކުރީގަ "ފާޑަކަށް" ދާނީ މިކަހަލަ ކަންތައްތައް. އެހެންނަމަވެސް މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ މިއީ އަޅުގަނޑުމެން [ފަޙުރުވެރި] ވާންޖެހޭ އިންޑަސްޓްރީއެއްކަން.. ސަރުކާރުންވެސް ބަލައިގެންފިކަން. އަޅުގަނޑުމެން ހުރިހާ އެންމެވެސް ޖެހޭނެ މިކަން ޤަބޫލުކުރަން" އަފީފް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަޓީގެ ވައިސް ޗެއަރޕާސަން ޗަންޕާ ހުސައިން އަފީފް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް މިހާހިސާބަށް ގެނެސްފައި މިއޮތީ ސަރުކާރާއި ވިޔަފާރިވެރިން ކުރި ބުރަ މަސައްކަތުންކަމަށެވެ.

"އެންމެ ކުރީގައި އެއްވަނައަށް ދިއުމަކީ އުނދަގޫކަމެއް ނޫން. އެކަމަކު އެއްވަނައިގައި އަބަދު އޮތުމަކީ ވަރަށް ދަތިކަމެއް. އަޅުގަނޑު އެދެނީ އެންމެން މަސައްކަތްކޮށްގެން ދުނިޔޭގެ އެންމެ މަޤްބޫލް މަންޒިލްގެ ގޮތުގައި ރާއްޖެ ބޭއްވުން" އަފީފް ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއެއްކަމަށްވާ އަހުމަދު ނަސީމް ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުންވެސް އިންޑަސްޓްރީއަށް ވަރަށް ބޮޑަށް ޖާގަ ދެއްވިކަމަށެވެ. ނަަމަވެސް މި ސަރުކާރުން އަބަދުވެސް ހުރިހާ ކަމެއްގައި މަޝްވަރާ ކުރައްވާ ކަމަށާއި، މިއީ އިންޑަސްޓްރީ ކުރިއެރުވުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭގައި ވެރިކަން ކުރެއްވި ފަރާތްތަކުން މިކަމުގެ ތެރެއަށް މާބޮޑަށް ނުވަދެ ވިޔަފާރިވެރިންނަށް ޖާގަ ދެއްވި. ރައީސް ސާލިހުގެ ސަރުކާރުން މިކަމުގައި އަބަދުވެސް މަޝްވަރާކުރައްވާ. ކަމެއް ކުރަން ޖެހިއްޖެނަމަ މަޝްވަރާގެ އަލީގައި ނޫނިއްޔާ ގޮތެއް ނުނިންމަވާ. އެއީ އަޅުގަނޑުމެންނަށް ބޭނުންވާ ކަހަލަ ސަރުކާރަކީ. އެއީ އަޅުގަނޑުމެން ބޭނުންވާ ކަހަލަ ލީޑަރަކީ" ނަސީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެހެން ބައެއް ޖަމިއްުޔާތަކުންވެސް ރައީސް ސާލިހުގެ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަމުން ކުރައްވާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ރަން އަހަރު ފާޙަގަކުރުމަށް ސަރުކާޜުން ދަނީ ގިނަ ހަރަކާތްތައް އިންތިޒާމުކޮށް ބާއްވަމުންނެވެ. ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ އިތުރުން ސިނާޢަތުގައި ހާއްސަ އެވޯޑުތަކެއްވެސް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގައި ބާއްވާ ހާއްސަ ހަފްލާގައެވެ.