ދުނިޔޭގެ ވިޔަފާރި

މުވައްޒަފުން ހިފެހެއްޓުމަށް އެމެޒޯން ކުންފުނިން މުސާރައަށް ބަދަލެއް


އެމެޒޯން ކުންފުނީގެ ގުދަންތަކާއި މުދާ އުފުލުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ގަޑިއިރަކު ދޭ މުސާރަ ބޮޑު ކުރަން އެކުންފުނިން ނިންމައިފިއެވެ.

އެމެޒޯންއިން މިގޮތަށް ނިންމާފައިވަނީ، އެކުންފުނީގެ ކުރިއަށް އޮތް ފިނި މޫސުމަށް ކުންފުންޏަށް ބާރުބޮޑުވާނެ ކަމަށް ބަލައި، އަދި މިވަގުތު ވަޒީފާގެ ބާޒާރުގައި މުވައްޒަފުން ދެމެހެއްޓުމަށް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މި ބަދަލާއެކު މުދާ އުފުލުމުގައާއި އަދި ގުދަން ކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ގަޑިއިރަކު ދޭ މުސާރަ 18 ޑޮލަރުން 19 ޑޮލަރަށް ބަދަލުވާނެއެވެ.

އަދި ކުންފުނީގެ ޚަރަދު އަންނަ އަހަރު 1 ބިލިއަން ޑޮލަރު އިތުރުވެގެންދާނެ ކަމަށް އެމެޒޯންއިން ބުނެއެވެ. މީގެ އިތުރުން އެމެރިކާގައި އެމީހުން މަސައްކަތް ކުރާ ސަރަހައްދަކަށް ބަލާނަމަ މިހާރު ގަޑި އިރަކަށް ޖެހޭ މުސާރަ އެވްރެޖްކޮށް 16 ޑޮލަރާއި 26 ޑޮލަރާއި ދެމެދު އިތުރުވާނެއެވެ. ނަމަވެސް މިކަމުގެ ސަބަބުން އެކުންފުނިން ކަނޑައަޅާފައިވާ މިނިމަމް ވޭޖަށް އަދި ބަދަލު ނާންނާނެ ކަމަށް އެމެޒޯން އިން ބުނެއެވެ. އެކުންފުނިން އެމެރިކާގައި މިނިމަމް ވޭޖްގެ ގޮތުގައި ގަޑިއިރަކަށް ދޭން ނިންމާފައިވަނީ 15 ޑޮލަރެވެ.

އެމެޒޯން ކުންފުންޏަށް މުސާރަ ބޮޑު ކުރަން މަޖުބޫރުވެގެން ދިޔައީ އެމެރިކާގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވެ، ކުންފުނީގެ މުސާރަތައް ބޮޑު ކުރުމަށް މުވައްޒަފުން ގޮވާލަމުން ދިއުމާއެކުއެވެ. އެކުންފުނީގައި 1.5 މިލިއަން މުވައްޒަފުން މަސައްކަތް ކުރާ ކަމަށް އެމެޒޯން ކުންފުނިން ބުނެއެވެ. މީގެއިން ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ އެމެރިކާގައެވެ.