ދުނިޔޭގެ ވިޔަފާރި

އިނގިރޭސި ވިލާތުގެ ޓެކްސް ރޭޓް ދަށްކުރުމުން ޢާމްދަނީގެ ފަރަގު ބޮޑުވެދާނެ: އައިއެމްއެފް


އިނގިރޭސިވިލާތުން މިހާރު ތާޢާރަފްކޮށްފައިވާ ޓެކްސް އުނިކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން އާންމުންގެ މެދުގެ އާމްދަނީގެ ފަރަގު ބޮޑުވެގެން ހިނގައިދާނެ ކަމަށް އައިއެމްއެފްއިން ބުނެފިއެވެ.

އަލަށް އިނގިރޭސި ސަރުކާރާ ހަވާލުވި، ބޮޑު ވަޒީރު ލިޒް ޓްރަސްގެ ދަށުން މާލީ ވަޒީރު ކަމާއި ހަވާލުވެވެޑައިގެންނެވި ކްވާސީ ކްވާޓެންގް ވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަށް ހާމަކޮށްފައެވެ. އެގޮތުން އިނގިރޭސި ސަރުކާރުންވަނީ ޖުމުލަ ގޮތެއްގައި ބޮޑުތަނުން ޓެކްސް ރޭޓް ދަށްކުރުމަށް ނިންމާފައެވެ. އަދި މިކަމަށް ބޭނުންވާ މެދު ރާސްތާގެ ކުޑަ ބަޖެޓެއް އެކުލަވާލާފައިވާއިރު މިއީ އުފުލެމުންދާ ހަކަތައިގެ އަގުތަކުގެ ސަބަބުން ރައްޔިތުންނަށްވާ ގެއްލުން ކުޑަކޮށް އިޤްތިޞާދު ކުރިއެރުވުމަށް ފުރުސަތު ފަހިކޮށްދިނުމަށް ގެންގުޅޭ ސިޔާސަތުތަކެއް ކަމަށް އިނގިރޭސި ސަރުކާރުން ބުނެއެވެ.

މިއީ 1972ވަނަ އަހަރަށް ފަހު އިނގިރޭސި ސަރުކާރުން ޓެކްސް ރޭޓަށް މިހާ ބޮޑު ބަދަލެއް ގެންނަ ފުރަތަމަ ފަހަރު ކަމަށް މީޑިއާ ރިޕޯޓުތަށް ބުނެއެވެ.

މިކަމާއި ގުޅިގެން އައިއެމްއެފާ ހަވާލާދީ ރޮއީޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާންމުކޮށް ޓެކްސް ރޭޓް ދަށް ކުރުމުން މިކަމުގެ ނުސީދާ ފައިދާ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް ކުރާނެ ކަމަށްވަނީ ބުނެފައެވެ. މީގެ ސަަބަބުން އާމްދަނީގެ ފަރާޤު ރައްޔިތުންގެ މެދުގައި އިތުރުވެގެންދާނެ ކަމަށް އައިއެމްއެފްއިން ބުނެއެވެ.

މީގެ ބަދަލުގައި އައިއެމްއެފްއިން ލަފާ ދެނީ، ޓެކްސް ރޭޓް ދަށް ކުރާނަމަ، ވަކި ވިޔަފާރިތަކަށާއި ވަކިފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަކޮށްގެން ދަށް ކުރުމެވެ. މީގެ ސަބަބުން އިޤްތިޞާދަށް އަންނަ ލޮޅުން ކުޑަވާނެ ކަމަށް އައިއެމްއެފްއިން ބުނެއެވެ.

އިނގިރޭސި ސަރުކާރުން ޓެކްސް ރޭޓަށް ގެނައި ބަދަލު އިއުލާން ކުރުމާއެކު ބްރިޓިޝް ޕައުންޑުގެ އަގު ވަނީ ފާއިތުވި 37 އަހަރު ދަށްނުވާ މިންވަރަށް ދަށަށް ވެއްޓިގެން ގޮސްފައެވެ. މިއީ މިހާ ބޮޑު ބަދަލަކަށް އާމްދަނީ އިޔާދަ ކުރާނެ ސީދާ ގޮތެއް ނެތުމުން މާކެޓަށްއެރި ލޮޅުމެއްކަމަށް އިޤްތިޞާދީ މާހިރުން ވަނީ ބުނެފައެވެ.

އިނގިރޭސި ސަރުކާރުން ބުނާގޮތުގައި މިހާރު އޮތްގޮތަށް އޮވެއްޖެ ނަމަ އިނގިރޭސި އިޤްތިޞާދީ ދުވެލި ބޭނުންވާ މިންވަރަށް ކުރި ނާރާނެއެވެ. ނަމަވެސް މިހާރު ސިޔާސަތައް ގެނައި ބަދަލާއެކު އާމަޒަކީ މެދު ރާސްތާގައި %2.5ގެ އިޤްތިޞާދީ ދުވެލި ހިފެހެއްޓުންކަމަށް ސަރުކާރުން ހާމަކުރެއެވެ.