ދުނިޔޭގެ ވިޔަފާރި

ޗައިނާއާއެކު އޭޝިއާގެ އިޤްތިޞާދީ ކުރިއެރުންވެސް ދަށަށް!


ޗައިނާގެ އިޤްތިޞާދީ ދުވެލި މަޑު ޖެހުމުން، ވޯލްޑް ބޭންކުން އޭޝިއާ ސަރަހައްދުގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރި މިންވަރު ދަށްވެއްޖެއެވެ.

މީގެ ކުރީން މުޅި އޭޝިއާ ބައްރުގެ އިޤްތިޞާދީ ދުވެލި މިއަހަރު ނިމޭއިރު %5ގައި ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ލަފާ ކުރިނަމަވެސް މިހާރު އަދަދުތަކަށް ބަދަލު ގެނެސް މިއަހަރު ނިމޭއިރު ކުރިއަރާނީ އެންމެ %3.2ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ވޯލްޑް ބޭންކުން މިބަދަލު ގެނައި އެންމެ ބޮޑު ސަބަބަކީ އޭޝިއާގެ އެންމެ ބޮޑު އިޤްތިޞާދު ކަމަށްވާ ޗައިނާގެ އިޤްތިޞާދު ކުރިއަރާ މިންވަރު އަދިވެސް ބޮޑުތަނުން ދަށްވުމާއިއެކުއެވެ.

ވޯލްޑް ބޭންކުން މިހާރު ލަފާކުރާ ގޮތުގައި ޗައިނާގެ އިޤްތިޞާދު މިއަހަރު ކުރިއަރާނީ އެންމެ %2.8އެވެ. އަދި އަންނަ އަހަރު %4.5 ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. ޗައިނާގެ އިޤްތިޞާދީ ދުވެލި މިހާބޮޑަށް މަޑުޖެހިފައިވަނީ އެ ޤައުމުން ގެންގުޅޭ "ޒީރޯ ކޯވިޑް" ޕޮލިސީއާއި ހެދިއެވެ.

އެ ޤައުމުގެ އިޤްތިޞާދީ ހާލަތު ދަށްވަމުން ގޮސް މިއަހަރު އެޕްރީލް އިން ޖޫންއަށް ދެވަނަ ކުއާޓާގައި އެ ޤައުމުގެ ޖީޑީޕީ ނިސްބަތުން އިޤްތިޞާދު ހީނަރުވުމާއި ހަމައަށް ނުގޮސް އޮތީ ކިރިޔާ ކަމަށް މީޑިއާ ރިޕޯޓުތަށް ބުނެއެވެ. އެގޮތުން މިކުއާޓާގައި އެޤައުމުގެ އިޤްތިޞާދު ކުރިއެރީ %0.4 ގައެވެ.

މިއާއެކު މުޅި އޭޝިޔާ ބައްރުގެ އިޤްތިޞާދީ ދުވެލިއަށް ޖުމްލަ ގޮތެއްގައި އަސަރުކުރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ. ވޯލްޑް ބޭންކުގެ އިތުރަށް އޭޑީބީން ވެސް ވަނީ އޭޝިއާ ބައްރުގެ އިޤްތިޞާދީ ހާލަތު މީގެ ކުރިން %5.2 މިއަހަރު ކުރިއަރާނެ ކަމަށް ލަފާ ކުރިނަމަވެސް، އެއަދަދު %4.2 އަށް ތިރިކޮށް އަލުން އިޤްތިޞާދީ ކުރިއެރުން ލަފާކޮށްފައެވެ.