ދުނިޔޭގެ ވިޔަފާރި

ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ އެންމެ ބޮޑު އަގެއް ދައްކަން ޖެހުނީ ޖަރުމަންވިލާތަށް!


ޖަރުމަންވިލާތާއި ރަޝީޔާ އިޤްތިޞާދީ ކާރިސާއަކާއި ދިމާލަށްދާކަމަށް އޯގަނަޒޭޝަން ފޯ އެކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް (އޯއީސީޑީ)އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.

އޯއީސީޑީން ނެރެފައިވާ "ހަނގުރާމައިގެ އަގު ދެއްކުން" މި ނަމުގައި ނެރެފައިވާ ރިޕޯޓުގައި ރަޝިޔާއާއި ޔޫކްރެއިންއާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކަށް ވަނީ އަލިއަޅުވާފައެވެ. އެގޮތުން މި ރިޕޯޓު ބުނާގޮތުން ޖަރުމަންވިލާތާއި ރަޝިޔާ އިޤްތިޞާދު މިހާރު ކުރިއަރާ މިންވަރަށް ބަލާނަމަ އެ ދެ ޤައުމު ދަނީ އިޤްތިޞާދީ ކާރިސާއަކާއި ދިމާލަށްކަމަށެވެ.

ޤައުމެއް ރިސެޝަނެއް ނުވަތަ އިޤްތިޞާދީ ކާރިސާއަކަށް ދިޔަ ކަމަށް ނިންމަނީ އެ ޤައުމުގެ ޖީޑީޕީ ކުރިއަރާ މިންވަރު ޖެހިޖެހިގެން ދެ ކުއާޓާގައި ދަށަށް ދިއުމުންނެވެ.

އޯއީސީޑީ ރިޕޯޓާއި ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި، ޖަރުމަން ވިލާތުގެ އިޤްތިޞާދު މިއަހަރު ނިމޭއިރު ކުރިއަރާނެ ކަމަށް ލަފާ ކުރެވެނީ އެންމެ 1.2 އިންސައްތައެވެ. އަދި އަންނަ އަހަރު 0.7 އިންސައްތަ އެ ޤައުމުގެ އިޤްތިޞާދު ދަށަށް ދާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ޖަރުމަންވިލާތް އިޤްތިޞާދީ ކާރިސާއަކާއި ދިމާލަށް މިސްރާބު ޖެހުމުގެ އެންމެ ބޮޑު ސަބަބަކީ އެ ޤައުމަށް ބޭނުންވާ ގޭސް މިހާތަނަށް ފޯރުކޮށްދެމުން އައި ރަޝީއާއިން ކަމަށްވުމުންނެވެ. އެގޮތުން ބައެއް ރިޕޯޓުތައް ބުނާގޮތުން 2021 ވަނަ އަހަރު ޖަރުމަން ވިލާތަށް އެތެރެ ކުރި ތެލާއި ގޭހުގެ 55 އިންސައްތައަކީ ރަޝިޔާއިން އެތެރެކޮށްފައިވާ ތަކެއްޗެވެ.

ހަނގުރާމައިގެ ސަބަބުން ރަޝިޔާއާއި ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުން، ޖަރުމަން ވިލާތަށް ގޭސް ލިބުމުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވެ އިންފްލޭޝަން ވަނީ ވަރަށް ބޮޑުތަނުން މައްޗަށް ޖެހިފައެވެ. އެ ޤައުމުގެ މަރުކަޒީ ބޭންކް ބުންޑެސް ބޭންކުންވެސް ވަނީ އެ ޤައުމު އިޤްތިޞާދީ ކާރިސާއަކާއި ދިމާލަށް ދާކަމުގެ ނިޝާންތަށް ފެންނަމުންދާ ކަމަށް މިދިޔަ ހަފްތާފައި ބުނެފައެވެ.

އޯއީސީޑީ ރިޕޯޓުގައިވާ ގޮތުން ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނީ ރަޝީޔާއެވެ. ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއައި ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، މިއަހަރު ނިމޭއިރު 5.5 އިންސައްތައަށް ރަޝިޔާގެ އިޤްތިޞާދު ހީނަރުވާނެ ކަމަށް މިހާރު ލަފާ ކުރެވެއެވެ. އަދި 2023 ވަނަ އަހަރު 4.5 އިންސައްތަ ރަޝިޔާގެ އިޤްތިޞާދު ހީނަރުވާނެކަމަށް އޯއީސީޑީ ލަފާ ކުރެއެވެ.

އޯއީސީޑީން ޖުމްލަގޮތެއްގައި ބުނެފައިވަނީ ރަޝިޔާގެ މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށްވެސް އަސަރުކޮށްފައިވާކަމަށެވެ. އަދި ކޯވިޑަށްފަހު ދުނިޔޭގެ އިޤްތިޞާދު އިޔާދަވުމުގެ މަގުކޮށިފައި އޮތްވާ ރަޝިޔާގެ މި ހަނގުރާމައިން އެކަމަށް ބޮޑު އަސަރެއް ކޮށްފައިވާކަމަށް ބުނެފައެވެ.

އޯއީސީޑީ ރިޕޯޓު ބުނާގޮތުން އެމެރިކާއިން މިއަންނަ އަހަރު ކުރިއަރާނީ އެންމެ 0.5 އިންސައްތައެވެ. އަދި އިންގިރޭސިވިލާތުގެ އިޤްތިޞާދު އެއްކޮށް މަޑުޖެހި ސުމެއް އިންސައްތައިގައި މިއަންނަ އަހަރު މަޑު ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ސައުދީ ފަދަ ތެލުގެ މުއްސަނދިކަން ލިބިފައިވާ ޤައުމުތައް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ސައުދީގެ އިޤްތިޞާދު މިއަހަރު 10 އިންސައްތަ ކުރިއަރައި އަންނަ އަހަރު 6 އިންސައްތް ކުރިއަރާނެ ކަމަށް އޯއީސީޑީން ލަފާ ކުރެއެވެ.