ދުނިޔޭގެ ވިޔަފާރި

އެޕަލްގެ އައިފޯން 14 އުފެއްދުމުގެ މަސައްކަތް އިންޑިއާއަށް!


ދުނިޔޭގެ އެންމެ ބޮޑު އެއް ސްމާޓް ފޯން ކުންފުނި ކަމަށްވާ އެޕަލްއިން އައިފޯން އުފެއްދުން އިންޑިއާއަށް ބަދަލުކުރުމަށް ނިންމާފައިވާކަން ހަމަކޮށްފިއެވެ.

އެޕަލް ކުންފުންޏާއި ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ އެކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯން 'އައިފޯން ފޯޓީން' އިންޑީއާގައި އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. މިއީ އެޕަލްގެ އުފެއްދުންތައް އުފެއްދުމުގައި ޗައިނާއަށް ބަރޯސާވެފައިވާ މިންވަރު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެއްކަމަށް ރޮއިޓާސްއިން ބުނެއެވެ.

އެކުންފުނީގެ އެންމެ ފަހުގެ އައިފޯން ފޯޓީން އަކީ ޒަމާނީގެ ގިނަ ފީޗާސްތަކާއި އެކު ތަޢާރަފްކޮށްފައިވާ ފޯނެކެވެ. އެގޮތުން ސެޓެލައިޓް ކޮމިއުނިކޭޝަން ފަދަ އައު ޙިދުމަތްތަށް އެކުންފުނިން ތަޢާރަފްކޮށްފައިވާއިރު، މާކެޓުގައި އައިފޯން ފޯޓީންއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

މިދާއިރާ ދިރާސާ ކުރާ ޖެޕީ މޯގަންގެ އެނަލިސްޓުންނާއި ހަވާލާދީ ރޮއީޓާސްއިން ބުނެފައިވަނީ، އެޕަލް ކުންފުނިން އައިފޯން ފޯޓީންގެ އުފެއްދުމުގެ 5 އިންސައްތަ މިއަހަރު ނިމުމުގެ ކުރީން އިންޑިއާއަށް ބަދަލު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި 2025 ވަނަ އަހަރު އަންނަންވާއިރަށް އެކުންފުނިން އުފައްދާ ކޮންމެ 4 ފޯނަކުން 1 ފޯނަކީ އިންޑިއާގައި އުފައްދާ ފޯނަކަށް ވެގެންދާނެ ކަމަށް ޖެޕީ މޯގަންގެ އެނަލިސްޓުން ބުނެއެވެ.

މިވަގުތު އެޕަލް ކުންފުނީގެ ހުރިހާ އުފެއްދުންތަކުގެ 90 އިންސައްތަ އުފެއްދުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ކާރުޙާނާ ތަކުގައެވެ. ނަމަވެއް މިކަން ބަދަލުކޮށް އައިފޯން އުފެއްދުން އިންޑިއާއަށް ބަދަލު ކުރުމުގެ މަސައްކަތް އެކުންފުނިން މިވަނީ ފަށާފައެވެ.