ވިޔަފާރި

އައު ވިސްނުމަކަށް ދުނިޔޭގެ ފަތުރުވެރިކަން ގެންދާނަމަ މިސާލަކީ ރާއްޖެ


ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1980 ވަނަ އަހަރުއެވެ. އޭގެފަހުން ކޮންމެ އަހަރަކު 27 ސެޕްޓެމްބަރުގައި މި ދުވަސް ފާހަގަކުރަމުން އަންނައިރު، މި ދުވަހަކީ މުޅި ދުނިޔޭގެ ދަތުރު ފަތުރުގެ ސިނާޢަތަށް އަދި ރާއްޖެއަށްވެސް ވަރަށް މުހިންމު ދުވަހެކެވެ. އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު މިދުވަސް ރާއްޖެއަށް މުހިންމުވާ އެތަށް ސަބަބެއް އެބަހުއްޓެވެ. މިއީ ދިވެހިންގެ ފަތުރުވެރިކަމުގެ ރަން 50 ވަނަ އަހަރެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ތީމްއަކީ "ރީތިންކިން ޓުއަރިޒަމް" އެވެ. މި ދުވަހާއި ގުޅިގެން އދ ގެ ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަންގެ ސެކެރެޓަރީ ޖެނެރަލް ޒުރާބް ޕޮލޮލިކަޝްވިލީ ދެއްވި ޙިތާބުގައި ވިދާޅުވީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރާއިރު، މީގެ ކުރީން ފަތުރުވެރިކަން ކުރިއަރުވަމުން އައި ގޮތްތަކަށް މިހާރު ބަރޯސާވެވެން ނެތް ކަމަށެވެ. އެގޮތުން ފަތުރުވެރިކަން ފުޅާ ކުރުމުގައި އައު ވިސްނުމަކަށް ދާން ޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ޕެންޑަމިކްއަށް ފަހު އަލުން ފަތުރުވެރިކަން ފެށިއިރު ބޮޑެތި ގޮންޖެހުންތަކާއި ބަދަލުތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ފަތުރުވެރިކަން ތަރައްޤީ ކުރުމުގައި މިހާރު އިންސާނުންނަށް އަދި މި ދުނިޔެއަށް ގެއްލުން ނުދީ އެކަން ކުރެވޭނެ ގޮތްތަކާއި ދިމާލަށް މިހާރު މިސްރާބު ޖަހަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަގައިމުވެސް އެފަދަ ވިސްނުންތަކެއް މި ސިނާޢަތުގައި އެންމެ ފުރަތަމަ ގެންގުޅުނު އަދި މިހާރުވެސް ގެންގުޅޭ ބަޔަކަށް ދިވެހިން ވާނެއެވެ. ޤުދުރަތީ ވެށީގެ ރީތިކަން ވިއްކައިގެން އަޅުގަނޑުމެން ފެށި މި ސިނާއަތް މިއަދު މިވަނީ ދުނިޔެވެސް ޤަބޫލުކުރާނެހާ މަތީ ފެންވަރަކަށް ގެންގޮސްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރެމުން ދާއިރު، 1972 އަހަރުން ފެށިގެން މިހާތަނަށް ރާއްޖެ އަންނަނީ މި ސިނާޢަތުގައި ކުރިއެރުންތަށް ހޯދައި ސިނާޢަތުގައި އެފަދަ ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. މިކަން ފާއިތުވި ދެ އަހަރުވެސް އެންމެ މަޤްބޫލު މަންޒިލުގެ އެވޯޑު ހާސިލު ކުރުމުން ސާބިތުވެއެވެ. ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓުން ފެށި މަސައްކަތް މިހާރު މިވަނީ ރައްޔިތުންނާއި ހިސާބަށް ގެނެސް ރައްޔިތުންނަށްވެސް އޭގެ ފައިދާ ނެގޭނެ ގޮތް ހަދާފައެވެ.

ފަތުރުވެރިކަން ނުފެށޭނެ ކަމަށް 1972 ވަނަ އަހަރު ބުނި ރާއްޖެއިން މިހާރު މި ސިނާޢަތަށް އިންޤީލާބީ ބަދަލުތަކެއް ގެނުވާފައެވެ. ކޯވިޑުގެ ބަލިމަޑުކަމަށް ފަހު ފަތުރުވެރިކަން އަލުން އިޔާދަކޮށް ކުރިން ހުރިވަރާ ގާތަށް އެހެން އެއްވެސް ޤައުމަކަށް އަދި ނުގެނެވެއެވެ. ނަމަވެސް ރާއްޖެ މިއޮތީ ގާތްގަނޑަކަށް އެހާ ހިސާބަށް ސިނާޢަތް ގެނުވާފައެވެ. މިއިން ދުވަހަކުވެސް އުއްމީދު ނުކުރާވަރުގެ ޝޮކެއް މި ސިނާޢަތަށް ކޯވިޑު ތެރޭ ލިބިގެން ދިޔަ ނަމަވެސް، ސިނާއަތް ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތަށް އެޅި ސިނާޢަތުގެ އަޑު އަހައިގެންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް މަޓީން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސުލް ޖުމުހޫއްރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވީ، ޕެންޑަމިކްގެ ޙަބަރު ލިބުމާއިއެކު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި މަޓީގެ ބޭފުޅުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު ގެނައުމާއި، ސިނާޢަތަށް ހުރި ދަތިތަށް ހައްލުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއިން މި ސިނާޢަތުގައި މިއަދު ހޯދާފައިވާ ކާމިޔާބީތަކަކީ، ސަރުކާރުން ސިނާޢަތުގެ އަޑު އަހައިގެން ހޯދާފައިވާ ކަމީޔާބީތަކެއްކަން ރައީސްގެ ވާހަކަފުޅުންވެސް އެނގެއެވެ. މިކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ބޯޑަރުތައް ބަނދުވެ ފަތުރުވެރިކަން ހުއްޓިގެން ދިޔަ އިރު ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އޭރު ސިނާޢަތުން ކުރަމުން ދިޔަ އާދޭސްތަކަށް ސަރުކާރުން އިޖާބަ ދިނީ، ރައްކާތެރި ހަރުދަނާ އަދި ސިނާޢަތަށް ގެއްލުން ނުވާފަދަ މުހިންމު ފިޔަވަޅުތަކާއެކުއެވެ.

ސިނާޢަތަށް ދިން އިސްކަމުގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވި ފަރާތްތަކާއި އެކުއެކީހެން ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށްވެސް ވެކްސިން ފޯރުކޮށްދިނެވެ. މިއާއެކު ރާއްޖެ ޕްރޮމޯޓު ކުރުމަށް ފެށީ އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައެވެ. އަދި ޕެންޑަމިކް ތެރޭ އެންމެ މަޤްބޫލު މަންޒިލުގެ ލަޤަބު ހޯދާ އެކަމަށް ކުރި މަސައްކަތް ކާމިޔާބީއާ ހަމައަށް ވާސިލުވެސް ކުރިއެވެ.

ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް މިއަދު ފާހަގަ ކުރާއިރު ރާއްޖެއިން މުޅި ދުނިޔެއަށް ދެއްކީ، ކަމެއް ދިމާވާއިރަށް މަޑުން ތިބެގެން ފަސޭހައެއް ނުލިބޭނެ ކަމެވެ. ހަމަގާއިމުވެސް ފަތުރުވެރިކަން އެހެން ވިސްނުމަކަށް ރާއްޖެއިން މިވަނީ ގެންގޮސްފައެވެ. މިހާރު ދުނިޔޭގެ ޤައުމުތަކަށް އޮތީ ރާއްޖޭގެ ފަހަތުން ފަތުރުވެރިކަމާއި މެދު ގެންގުޅޭ ވިސްނުންތައް ބަދަލު ކުރުމެވެ.