ދުނިޔޭގެ ވިޔަފާރި

ދެވަނަ ކުއާޓާގައި ބަޙްރެއިންގެ އިޤްތިޞާދު ކުރިއެރުވީ ތެލުގެ ސިނާޢަތް ނޫން އެހެން ސިނާއަތްތަކުން


ވޭތުވެ ދިޔަ 11 އަހަރާއި އަޅާ ބަލާއިރު ބަޙްރެއިންގެ އިޤްތިޞާދު މިއަހަރުގެ ދެވަނަ ކުއާޓާގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.

ބަޙްރެއިންގެ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ޤައުމުގެ އިޤްތިޞާދު ދެވަނަ ކުއާޓާގައި 6.9 އިންސައްތަ ކުރިއަށް ވަނީ ޖެހިފައެވެ. މިކުރިއެރުންތައް ހޯދާފައިވަނީ އެ ޤައުމުގެ ތެލުގެ ދާއިރާ ނޫން އެހެން ދާއިރާތަކުންނެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ ޤައުމުގެ އިޤްތިޞާދު ކުރިއަރާފައިވަނީ 5.5 އިންސައްތައެވެ.

އެގޮތުން އެ ޤައުމުގެ އިކޮނޮމިކް މިނިސްޓްރިއާއި ހަވާލާދީ މެދު އިރުމަތީގެ މީޑިއާގެ ރިޕޯޓުތައް ބުނާގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ހޮޓަލް އަދި ރެސްޓޯރެންޓް އިންޑަސްޓްރީންނެވެ. އެގޮތުން މި ސިނާޢަތުން 18.1 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ. މީގެ އިތުރުން ކޮމިއުނިކޭޝަން އިންޑަސްޓްރީން 15.1 އިންސައްތައިގެ ކުރިއެރުމެއް މިކުއާޓާގައި ހޯދާފައިވެއެވެ. މިއާއެކު އުފެއްދުންތެރިކަމުގެ ސިނާޢަތް 7.6 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިއީ ބަޙްރެއިންގެ ތެލުގެ ސިނާޢަތުން އުފެއްދުންތެރިކަން އިތުރުކުރުމުން ލިބުނު ކުރިއެރުމެކެވެ.

ބަޙްރެއިން އަކީ ގަލްފް (ޖީސީސީ)، ސަރަހައްދުގައި އެންމެ ކުޑަ އިޤްތިޞާދު އޮތް ޤައުމެވެ. މިއާއެކު އެ ޤައުމުން ތެލުގެ ސިނާޢަތަށް ބަރޯސާވާ މިންވަރު ކުޑަކޮށް 2024 ވަނަ އަހަރު ބަޖެޓް ހަމަހަމަ ކުރުމަށް ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ބަޙްރެއިންގެ އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި ކުއާޓާގެ ކުރިއެރުންތަކުން ދޭހަވަނީ ތެޔޮ ނޫން އެހެން ސިނާޢަތްތައް ކުރިއެރުވުމަށް އެ ޤައުމުން އަޅާފައިވާ ހަރުދަނާ ސިޔަސާތުތަކުގެ ފޮނި މީރުކަން ކަމަށެވެ.

ބަޙްރެއިންގެ އިޤްތިޞާދު ފުޅާކޮށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އެޤައުމުން ފެށީ މިދިޔަ އަހަރެވެ. އެގޮތުން ކޯވިޑަށްފަހު އިޤްތިޞާދު އިޔާދަ ކުރުމަށް 30 ބިލިއަން ޑޮލަރު ޕްރޮޖެކްޓުތަކަށް އިންވެސްޓް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ފޮރިން އިންވެސްޓްމެންޓުގެ ގޮތުގައި 2023 އަންނަ ވާއިރަށް 2.5 ބިލިއަން ޑޮލަރު ޤައުމަށް ގެނައުމަށް ބަޙްރެއިން ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.

މީގެ އިތުރުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ބަޙްރެއިންގެ އާމްދަނީ 52 އިންސައްތަ އިތުރުވެ، 88 މިލިއަން ޑޮލަރު ސާޕްލަސް ވެފައިވެއެވެ.