ދުނިޔޭގެ ވިޔަފާރި

ހަކަތައިގެ ދާއިރާއިން ޖަރުމަންވިލާތާއި ޔޫއޭއީ އެއްބަސްވުމަކަށް


ޖަރުމަން ވިލާތަށް ބޭނުންވާ ގޭސް ފޯރުކޮށްދިނުމަށް ޔޫއޭއީއާއި ޖަރުމަން ވިލާތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޖަރުމަންވިލާތަށް ހަކަތައިގެ ދަތިކަން ކުރިމަތިވެފައިވާއިރު އެ ޤައުމަށް ތެލާއި ގޭސް ފޯރުކޮށްދޭނެ އެހެން ފަރާތްތައް ހޯދުމަށް އެޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގަލްފް ސަރަހައްދަށް އެ ޤައުމުގެ ޗާންސެލަރ އޯލާފް ޝޮލްޒް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޔޫއޭއީއަށް ވަޑައިގެން ހަކަތައިގެ ދާއިރާއިން މިވަނީ އެއްބަސްވުމަކާއި ހިސާބަށް އައިސްފައެވެ.

ޖަރުމަންވިލާތާއި ޔޫއޭއީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖަރުމަން ޗާންސެލަރ އޯލާފް ޝޮލްޒް، ޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒައީދު އާލް ނަހްޔާނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. މި އެއްބަސްވުމަކީ ހަކަތައިގެ ރައްކާތެރިކަމާއި، ޑީކަބަނައިޒޭޝަން އަދި މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި ގުޅޭގޮތުން އެއްބާރުލުން ދިނުމާއި ގުޅޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ޖަރުމަންވިލާތުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ އިޤްތިޞާދާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ޕާލަމެންޓަރީ ސެކެރެޓަރީ ޑރ. ފްރަންޒިސްކާ ބްރެންޓްނާއެވެ. ޔޫއޭއީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ އިންޑަސްޓްރީ އެންޑް އެޑްވާންސް ޓެކްނޮލޮޖީ މިނިސްޓަރ ޑރ. ސުލްތާން އާލް ޖަބަރއެވެ.

ޖަރުމަނާއި ޔޫއޭއީ ދެމެދު މިވެވުނު އެއްބަސްވުމުގެ ދަށުން، އަބޫދާބީގެ ޤައުމީ ތެޔޮ ކުންފުނިން މިއަހަރު ފަހުކޮޅު ޖަރުމަނަށް ގޭސް ކާގޯ ފޯރުކޮށްދޭނެއެވެ. މިކާގޯ އެތެރެ ކުރާނީ ޖަރުމަނުގެ ބްރަންސްބުޓެލް އެލްއެންޖީ އިމްޕޯޓް ޓާމިނަލް މެދުވެރިކޮށެވެ. މީގެ އިތުރުން އެކުންފުނިން މިއަންނަ އަހަރަށްވެސް ޖަރުމަނުގެ ހަކަތަ ކުންފުނިތަކަށް ގޭސް ކާގޯ ޝިޕްމެންޓް ފޯރުކޮށްދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން މަހަކު 250،000 ޓަނުގެ ޑީސެލް ޖަރުމަނަށް ފޯރުކޮށްދިނުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އަދި ޑީ ކަބަނައިޒޭޝަނަށް މަގުފަހި ކުރުމަށް ލޯ ކާބަން އެމޯނިއާ ފޯރުކޮށްދޭންވެސް ވަނީ ހަމަޖެހިފައެވެ. މިއީ ހައިޑްރޮޖެން ކެރިއަރ ފިއުލްއެއްގެ ގޮތުގައި ބޭނުން ކުރެވޭ މާއްދާއެކެވެ. ޔޫއޭއީއާއި މެދު އިރުމަތީގެ ޤައުމުތަކުން މިހާރު ދަނީ ހައިޑްރޮޖެންއަށް އިންވެސްޓް ކުރަމުންނެވެ. މިއީ ސާފު ހަކަތަ އުފެއްދުމަށް އެޤައުމުތަކުން ކުރަމުންދާ މަސައްކަތެކެވެ. މި އެއްބަސްވުމުގެ ދަށުން ޖަރުމަންވިލާތުންވެސް މި މަސައްކަތުގެ ބައިވެރިވާނެއެވެ.

މީގެ އިތުރުން ވައިން ހަކަތަ އުފެއްދޭ ނިޒާމެއް ބަލްޓިކް ކަނޑުގެ ސަރަހައްދުގައި ޤާއިމް ކުރުމަށް ޔޫއޭއީގެ މަސްދާ ކުންފުނިން މަސައްކަތްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 2030 އަށް ނިންމަން ކަނޑައަޅާފައިވާ މަޝްރޫޢަކަށްވާއިރު މިމަޝްރޫޢުގެ ދަށުން 10 ގިގަ ވޯޓުގެ ކަރަންޓު އުފެއްދޭ ނިޒާމެއް ޤާއިމު ކުރުމަށް މަސައްކަތް ކުރެވޭނެއެވެ.

ޖަރުމަންވިލާތަށް ހަކަތައިގެ ދާއިރާއިން ބޮޑެތި އިންވެސްޓްމެންޓްތަކެއް ހޯދަން މަޖުބޫރުވީ ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު ޔޫރަޕަށް ރަޝިޔާއިން ފޯރުކޮށްދޭ ގޭސް މެދުކެނޑިދާނެ ކަމުގެ އިންޒާރުތައް އެ ޤައުމުން ދޭން ފެށުމުންނެވެ.