ދުނިޔޭގެ ވިޔަފާރި

އިޤްތިޞާދީ އަނދަވަޅެއްގެ ތެރޭ ޕާކިސްތާން އޮތްވާ ޤައުމުގެ މާލީ ވަޒީރު އިސްތިޢުފާ ދީފި


އިޤްތިޞާދީ ކާރިޘާއެއްގެ ތެރޭ ޕާކިސްތާން އޮތްވާ އެޤައުމުގެ ފިނޭންސް މިނިސްޓަރ މިފްތާޙް އިސްމާޢިލް މަޤާމުން އިސްތިޢުފާ ދޭން ނިންމައިފިއެވެ.

ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު ކަމާ ހަވާލުވެ ހުރި މިފްތާޙް އިސްމާޢިލް މިކަން ހާމަކޮށްފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. މިވަގުތު ޕާކިސްތާނުގެ ބޮޑުވަޒީރުގެ އަރިހުގައި އިނގިރޭސިވިލާތައް ވަޑައިގެން އުޅުއްވާ މިފްތާޙް ވިދާޅުވީ، އޭނާ އިސްތިޢުފާ ދޭން ނިންމާފައިވާކަން ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފް އަދި މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އާއިއެކު އޮތް ބައްދަލުވުމެއްގައި އަނގަބަހުން އަންގާފައިވާ ކަމަށެވެ.

މިފްތާޙް ވިދާޅުވީ، އޭނާގެ އިސްތިޢުފާ އަންނަ ހަފްތާގެ ކުރީކޮޅު ޤައުމަށް ވަޑައިގެން ލިއުމުން އަރުވާނެ ކަމަށެވެ. އޭނާ އަކީ މިވޭތުވެ ދިޔަ 4 އަހަރު ތެރޭ ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު ކަމުން އިސްތިޢުފާ ދެއްވި ފަސްވަނަ ބޭފުޅާއެވެ.

މިފްތާޙް ފިނޭންސް މިނިސްޓަރު ކަމުން އިސްތިޢުފާ ދިންއިރު، އެ ޤައުމުގެ އިޤްތިޞާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެ ޤައުމަށް ކުރިމަތިވި ޤުދުރަތީ ކާރިޘާގެ ސަބަބުން ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އޭގެ ކުރީންވެސް ޤައުމުގެ ދަރަނި ބޮޑުވެ ޤައުމު ބަނގުރޫޓް ވެދާނެ ކަމުގެ ބިރު މިއަހަރު ކުރީކޮޅުވެސް އެޤައުމަށް ކުރިމަތިވިއެވެ. މީގެ އިތުރުން މިކާރިޘާއަށް ފަހު ޤައުމުގެ އިންފްލޭޝަން މަތިވެ ބަޖެޓް ޑެފިސިޓް ވެސް ދަނީ ބޮޑުވަމުންނެވެ.

މިއާއެކު ޤައުމުގެ އިޤްތިޞާދު ހިފެހެއްޓުމަށް ޕާކިސްތާނަށް 2 ބިލިއަން ޑޮލަރުގެ އެހީތެރިކަން ދޭނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.