ދުނިޔޭގެ ވިޔަފާރި

ދެއަހަރަށް ވުރެ ގިނަ ދުވަހަށްފަހު ޖަޕާނުގެ ބޯޑަރު އެއްކޮށް ހުޅުވާލަނީ


ޖަޕާނަށް ދުވާލަކަށް އެތެރެވެވޭ ލިމިޓު އުވާލައި، ވިސާއާއި ނުލާވެސް ޖަޕާނަށް އެތެރެވެވޭ ގޮތަށް އަންނަ އޮކްޓޯބަރު މަހު ޖަޕާނު ބޯޑަރު ހުޅުވާލާނެ ކަމަށް ޖަޕާނުން ބުނެފިއެވެ.

ޖަޕާން ބޯޑަރުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ބުރާސްފަތި ދުވަހު އެ ޤައުމުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވީ، އަންނަ އޮކްޓޯބަރު މަހު 11 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް އެއްކޮށް ޤައުމު ހުޅުވާލާނެ ކަމަށެވެ. އެގޮތުން މިހާރު ޓްރެވެލް އެޖެންސީއެއް މެދުވެރިކޮށް މެނުވީ ޖަޕާނަށް އެތެރެވޭވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ދުވާލަކު ޖަޕާނަށް އެތެރެވެވޭ މީހުންގެ އަދަދުވެސް އުވާލާނެ ކަމަށް ވިދާޅުވިއެވެ. މިއާއެކު އެ ޤައުމަށް އޮން އެރައިވަލް ވިސާ މިހާރު ލިބޭނެއެވެ.

މީގެ އިތުރުން އެ ޤައުމުގެ ރައްޔިތުންނަށް އެ ޤައުމު ތެރޭގައި ދަތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ މީހަކަށް 11،000 ޔެން ގެ ސަބްސިޑީއެއް ދޫކުރުމަށްވަނީ ނިންމާފައެވެ. މިއީ ހޮޓަލްތަކާއި ޕާކުތަކާއި ކޮންސާޓްތަކަށް ޑިސްކައުންޓް ލިބޭ ފަދަ ސަބްސިޑީއެއް ކަމަށް ޖަޕާން ސަރުކާރުން ބުނެއެވެ.

ޖަޕާން ބޯޑަރުން ލުއިތަކެއް ދޭން ފެށީ މިއަހަރު ޖޫން މަހުގެ ތެރޭގައެވެ. އޭރު ދޭން އެންމެ ފުރަތަމަ އެ ޤައުމަށް ފަތުރުވެރިންނަށް އެތެރެވެވެނީ ޓުއަރތަކުގައި އެކަނިއެވެ. އޭގެ ފަހުން މިމަހުގެ ކުރީކޮޅު، ޓްރެވެލް އެޖެންސީއެއް މެދުވެރިކޮށް ޖަޕާނަށް އެތެރެވޭވޭގޮތަށް ލުއި ދީފައިވެއެވެ.

ޖަޕާން ބޯޑަރު އަލުން ހުޅުވާލިއިރު 2019 ވަނަ އަހަރު އެ ޤައުމަށް 31.88 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެޤައުމުގެ ސަރުކާރުން މިފަހަރު މިދިން ލުއިތަކަށް އެޤައުމުގެ އެއަލައިންއިން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ވަނީ މަރުހަބާ ކިޔާފައެވެ.