ވިޔަފާރި

ހަނިމާދޫ އެއަރޕޯޓް: މާލެއިން ބޭރުގައި ހިންގާ އެންމެބޮޑު އިންވެސްޓްމެންޓް


ހަނިމާދޫ އެއަރޕޯޓް މަޝްރޫޢުއަކީ މާލެ ސަރަހައްދުން ބޭރުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އާދިއްތަ ދުވަހުގެ ރޭގަނޑު ސޮއިކުރުމަށް ހަމަޖެހިފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިއީ ރާއްޖޭގެ އުތުރުގެ ބައިނަލްއަޤްވާމީ އެއަރޕޯޓެއް ތަރައްޤީކޮށް އުތުރުގެ ފަތުރުވެރިކަން ފުޅާކުރުމަށް އެ ސަރަހައްދުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައެއްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މިމަޝްރޫޢާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިމަޝްޢުއަކީ ބޮޑު ތިލަދުންމަތީގެ އިތުރުން، މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް ބޮޑު އިންޤިލާބެއް ގެނުވާނެ މަޝްރޫޢުއެއް ކަމަށެވެ. އަދި މިއީ މާލެ ސަރަހައްދުން ބޭރުގައި ރާއްޖޭގެ ތަރީޚުގައިވެސް ކުރެވޭ އެންމެބޮޑު އެއް އިންވެސްޓްމަންޓުކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި އެކުވެސް، ރާއީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ރާއްޖޭގެ އެކި ދާއިރާތަކާއި އެކި ރައްތަކަށް ގެންނަމުންދާ ތަރައްޤީއަކީ މީގެކުރީގެ އަހަރުތަކަށްވުރެ ބޮޑު އަދި ވަށައިޖެހޭ ތަރައްޤީއެއްކަމަށް އަމީރު ވިދާޅުވިއެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުއެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުތަކަށް މި އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ހަނިމާދޫ އެއަރޕޯޓަކީ ރާއްޖޭގައި އެންމެދުވަސްވީ އެއް އެއަރޕޯޓެވެ. 2012ވަނަ އަހަރު އިންޓަރނޭޝަނަލް ފެންވަރަށް އެއަރޕޯޓް އަޕްގްރޭޑް ކުރިނަމަވެސް މިއަދާހަމައަށް އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއްނުވެއެވެ. އުތުރުގެ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށްއޮތް އެންމެބޮޑު އެއް ގޮންޖެހުމަކީވެސް ހަނިމާދޫ އެއަރޕޯޓު ޒަމާނާ ފެންވަރަށް ތަރައްޤީވެފައި ނެތުންކަން އުތުރުގެ ރައްޔިތުން ދެކެއެވެ.