ޚަބަރު

އައްޑޫސިޓީ ހިތަދޫ ގެއެއްގައި ރޯވެ، އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދައިފި


އައްޑޫސިޓީ ހިތަދޫގެ ގެއެއްގައި ރޯވި އަލިފާންގަނޑު އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއެކު ނިވާލައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެނދުރު 12:15 އެހައި ހިސާބުގައި ކަމަށް ފުލުހުން ވިދާޅުވެއެވެ. ހިތަދޫ އަތަމާވިލާގޭގައި ރޯވި އަލިފާންގަނޑު މެނދުރު 13:00 ހާއިރު ކޮންޓްރޯލްކޮށް ވަނީ ނިވާލާފައެވެ. މި ހަދިސާގައި އެގޭ ކޮޓަރިއެއް އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަލިފާން ރޯވި ވަގުތު ކޮޓަރީގައި ބައެއް އަގު ބޮޑު ކަރަންޓު ސާމާނު ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެއެވެ. ނަމަވެސް ގޭގެ އެއްކޮޓަރި އެއްކޮށް އަނދާފައިވާއިރު، އެ ކޮޓަރި ބޭރުންވެ އަލިފާންގަނޑު ފެތުރެން ފެށިކަމުގެ އަސަރު ފެންނަން ހުރިއެވެ.

މިހަދިސާ ހިނގިިގޮތާއި ގުޅޭގޮތުން ރަސްމީކޮށް މިހާތަނަށް އެމް.އެން.ޑީ.އެފްގެ ބަހެއް ލިބިފައި ނުވާއިރު، މިއީ ކަރަންޓު ސޯޓެއްގެ ސަބަބުން ހިންގި ހާދިސާއެއް ކަމަށް އެ ސަރަހައްދުގައި ތިބި މީހުން އެމް.އެން.ޑީ.އެފް.އާއި ހަވާލާދީ ވަނީ ބުނެފައެވެ.