ޚަބަރު

ރައީސްގެ ލީޑަޝިޕުން ފެނުނީ އިޤްތިޞާދު ކުރިއެރުވުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މިސާލެއް: އަފީފް


ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ ގުޅުމުގެ އެންމެ ފުރިހަމަ މިސާލެއް ފެނިގެން ދިޔައީ ރައީސް އިބްރާހީމް މުހައްމަދު ސާލިޙްގެ ލީޑަރޝިޕްގެދަށުން ކޯވިޑުގެ ހާލަތުން އަރައިގަތް ދަނޑިވަޅުގައި ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްޓްރީސް (މަޓީ)ގެ ވައިސް ޗެއަރމަން ހުސެއިން އަފީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް، މަޓީން ބޭއްވި އެވޯޑް ހަފްލާގައި ވާހަކަދައްކަވަމުންނެވެ. މި ހަފްލާގައި ވާހަކަ ދައްކަވަމުން އަފީފް ވަނީ ކޯވިޑުގެ ދަތި ހާލަތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ދެއްވި އިރުޝާދުތަކާއި ގެންގުޅުއްވި ތޫނުފިލި ވިސްނުންފުޅަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ލީޑާޝިޕާއި އިރުޝާދުގެ ދަށުން މުޅި ޤައުމު އެކަތިގަނޑަކަށް ހައްދަވައި ކޯވިޑާ ދެކޮޅަށް މަސައްކަތް ފެށިކަން އަފީފް ފާހަގަކުރެއްވިއެވެ. މިކަމުން ޕްރައިވެޓް ސެކްޓަރއާއި ސަރުކާރުގެ ގުޅުމުގެ ލާމަސީލް މިސާލެއް ދައްކުވައި ދިން ކަމަށް އަފީފް ވިދާޅުވިއެވެ.

މިހަފްލާގައި އަފީފް ވަނީ ފަތުރުވެރިކަމަކީ އަބަދުވެސް ބަދަލުވަމުންދާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ ޖީލުތަކުގައި ދިމާވި ކަންކަމާއި ކުރިއަށް އޮތް ޖީލުތައް ކުރިމަތިލާން ނުޖެހުނަސް އައު ކަންކަން ފެންނަމުންދާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މިއާއެކު އިންޑަސްޓްރީގެ އެކި ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކޯވިޑުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސާލިޙް ގެންގުޅުއްވި ސިޔާސަތުތަކަށް ގިނަބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. އެގޮތުން ފަތުރިވެރިކަމުގެ ދާއިރާ އަލުން ކޮޅަށް ޖެހުމަށް އެމަނިކުފާނު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ މުހިންމުކަން ގިނަބަޔަކު ފާހަގަކުރެއެވެ. ކޯވިޑާއެކު މުޅިން ހުއްޓުނު ފަތުރުވެރިކަން އަލުން އިއާދަކޮށް ކޮޅަށްޖެހުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ކޯވިޑުގެ ތެރޭ ރާއްޖެ ވަނީ ދެފަހަށް ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ ލަޤަބުވެސް ހާސިލުކޮށްފައެވެ.

މީގެ އިތުރުން މިއަހަރު ރާއްޖޭގެ އިޤްތިޞާދުވާނީ އެޝީއާ ބައްރުގެ އެންމެ ބާރަށް ކުރިއަރާ އިޤްތިޞާދަށްކަމަށް އައިއެމްއެފް ވަނީ މިދިޔަ އަހަރު ފަހުކޮޅު ބުނެފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އާރާސްތުވަމުންދާކަން ވޯލްޑް ބޭންކުވެސް ވަނީ މީގެ ކުރީން ފާހަގަކޮށްފައެވެ.