އަދިވެސް އެ ފިލްމެއްގެ މަތިން ހަނދާން ނައްތާލަން އުދަނގޫ ފިލްމެއް ކަމަށްވާ 1998 ވަނަ އަހަރު ދެއްކި ކަރަން ޖޯހަރުގެ ތިނެސްކަން ލޯބީގެ ފިލްމު "ކުޗް ކުޗް ހޯ ތާ ހޭ" އަކީ ބޮލީވުޑްގައި އަދިވެސް ވަރަށް މަޝްހޫރު ފިލްމެކެވެ. 
ޝާހުރުކްޚާން، ކާޖޮލް އަދި ރާނީ މުކަރްޖީ ލީޑްރޯލުން ފެނުނު މި ފިލްމަށް 20 އަހަރު ވީއިރުވެސް އަދިވެސް މިއީ ފޭނުންގެ ފޭވަރިޓް ފިލްމެކެވެ. 
މީގެ ރީމޭކެއް އުފައްދާނަމަ މި ފިލްމަށް އެންމެ ފިޓް ވާނީ ކޮން ތަރިނެއްބާއޭ ގިނަ ބަޔަކު ހިތަށް އަރާނެއެވެ. 
ދާދިފަހުން ދިން އިންޓަވިއުއެއްގައި ކަރަން މި ވަނީ ރީމޭކަށް އޭނާ ހޮވާނެ ތަރިންނަކީ ކޮބައިކަން ހާމަކޮށްފައެވެ. 
ކަރަން ބުނާގޮތުން ކާޖޮލްގެ ރޯލަށް އެންމެ ހެޔޮވަރު ވާނީ އާލިއާ ބަޓްއެވެ. ރާނީގެ ރޯލަށް ޖާންވީ ކަޕޫރު ފިޓްވާނެ ކަމަށާއި ޝާހުގެ ރޯލަށް އެންމެ ރަގަޅުވާނީ ރަންވީރު ސިންގް ކަމަށްވެސް ކަރަން ވަނީ ބުނެފައެވެ. 
ކަރަންގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގެ 7 ވަނަ ސީޒަން ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން މިމަހުގެ 7 ވަނަ ދުވަހު ވަނީ ދައްކަން ފަށާފައެވެ. މީގެ އެންމެ ފުރަތަމަ އެޕިސޯޑުގެ މެހުމާނުންނަކީ ކަރަންގެ ފިލްމު "ރޮކޯ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ގެ 2 ތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންވީރު ސިންގެވެ. 
ކަރަންގެ ކުރިއަށްއޮތް މަސައްކަތަކީ 5 އަހަރު ފަހުން އޭނާ ޑައިރެކްޓުކުރާ ފުރަތަމަ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތެވެ. މި ފިލްމުގައި އާލިއާ އާއި ރަންވީރުގެ އިތުރުން ދަރުމެންދުރާ، ޝަބާނާ އާޒްމީ އަދި އަމީތާބުގެ އަންހެނުން ޖަޔާ ބައްޗަންވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ. 
މި ފިލްމުގެ އިތުރުން "ބްރަމަސްތްރާ"، "ލައިގާ"، "މިސްޓާ އެންޑް މިސިޒް މާހީ"، "ސެލްފީ" އަދި "ބޭދަޅަކް" އަކީ ކަރަން ޕްރޮޑިއުސްކުރާ ފިލްމުތަކެވެ.