ވިޔަފާރި

އައްޑޫ ސިޓީ ހިތަދޫ ބަނދަރުގައި ވަގުތީ މަސް މާރުކޭޓެއް ހަދަނީ


ހިތަދޫ ބަނދަރު ސަރަހައްދުގައި ވަގުތީގޮތުން މަސް ވިއްކޭނެ މަސް މާރުކޭޓެއް ހެދުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ހިތަދޫގައި ވަގުތީ މަސް މާރުކޭޓެއް ޤާއިމްކުރުމަށް ކައުންސިލުން ނިންމާފައިވަނީ ބުދަ ދުވަހު ކުރިއަށްދިޔަ ކައުންސިލުގެ 4 ވަނަ ދައުރުގެ 56 ވަނަ ޖަލްސާގައެވެ. މިޖަލްސާއަށް ހިތަދޫ ރަސްގެދަރި ދާއިރާ މެންބަރު ހުސެއިން ޒަރީރް ހުށަހެޅި، މައްސަލާގައި ވިދާޅުވީ، ހިތަދޫގައި މިވަގުތު މަސް ކަނޑައި ވިއްކަނީ ހިތަދޫގެ މަލަމަތިން އެކި ސަރަހައްދުތަކުގައި ކަމަށްވެފައި، އައްޑޫގެ މަދުރަސާތަކާއި އާންމު ގިނަ ރައްޔިތުންގެ ޝަކުވާ ސިޓީ ކައުންސިލް މެންބަރުންނަށް ލިބޭ ކަމަށެވެ.

އެހެން ކަމުން ކައުންސިލުން އަމިއްލަ ސާމާނު ބޭނުންކޮށް އިތުރަށް ކުރަންޖެހޭ ޙަރަދެއް ކުރާގޮތަށް ވަގުތީ މަސް މާރުކޭޓެއް ހިތަދޫ ބަނދަރު ސަރަހައްދުގައި ޤާއިމް ކުރުމަށް ވަނީ ހުށަހަޅާފައެވެ. މި މަސް މާރުކޭޓަކީ ހިތަދޫ ބަނދަރުގެ މަސައްކަތް ނިމި ހިތަދޫގައި ހަބަރ ކޮމްޕްލެކްސްއެއް ޤާއިމް ކުރެވެންދެން ބޭނުން ކުރާނެ ތަނެއް ކަމަށް ކައުންސިލުން ބުނެއެވެ. އަދި މިތަން ޤާއިމްކުރުމަށް ގާތްގަނޑަކަށް ކައުންސިލުގެ ބަޖެޓުން 1 ލައްކައެއްހާ ރުފިޔާ ވަނީ ހަމަޖައްސާފައެވެ.

މިމައްސަލާގައި ވާހަކަދެއްކެވި ކައުންސިލް މެންބަރުން ވަނީ މިއީ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބޭ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ސިއްޙީ މިންގަނޑުތައް ހިފަހައްޓައި ހިތަދޫ މަލަމަތީގެ އެކި ސަރަހައްދުތަކުގައި މިހާރު މަސް ވިއްކަމުންދާ ދިއުން ހުއްޓުމަކަަށް ގެނެވޭނެކަމަށެވެ. ކައުންސިލް މެންބަރުން ވަނީ މަސް ވިއްކާނެ ޖާގައެއް ނުދައްކައި އެކަން މިވަގުތު ކައުންސިލަށް ހުއްޓުވަން އުނދަގޫ ވާނެކަން ފާހަގަކޮށްފައެވެ.

އައްޑޫސިޓީ ކައުންސިލުން މިމައްސަލާގައި ކައުންސިލުގެ އަޤްލަބިއްޔަތުން ނިންމީ ބަނދަރު ސަރަހައްދުގައި ވަގުތީގޮތުން ޕަބްލިކް ވޯކްސް މެދުވެރިކޮށް މަސް މާރުކޭޓެއް ތަރައްޤީ ކުރުމަށެވެ.

ހިތަދޫގައި މިވަގުތު މަސް ކަނޑައި ވިއްކަމުން ދަނީ ހިތަދޫ ލިިންކް ރޯޑުގެ ބައެއް ސަރަހައްދުތަކުގައާއި، ހިތަދޫ ބަނދަރުގެ ބައެއް ސަރަހައްދުތަކުގައެވެ.