ވިޔަފާރި

ފަތުރުވެރިކަން އިޔާދަވީ ހަލާތާއި ގުޅޭގޮތުން ރައީސް އެޅުއްވި ފިޔަވަޅުތަކުން: މައުސޫމް


ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަވުމުގެ އެންމެ މުހިންމު އެއް ސަބަބަކީ މަޝްވަރާއާއެކު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެޅުއްވި ފިޔަވަޅުތައްކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދެކުނު ކޮރެއާގެ އުލްސަން ސިޓީގައި މިމަހުގެ 24 އިން 25 އަށް ބޭއްވި "ދި ވޯލްޑް ޓުއަރިޒަމް އިންޑަސްޓްރީ ކޮންފަރެންސް" ގައި މިނިސްޓަރ މައުސޫމް ވަނީ ޕެންޑަމިކް ތެރޭގައި ރާއްޖެ ކާމިޔާބު ހޯދިގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ކޮންފަރެންސްގެ ދެވަނަ ދުވަހު މިނިސްޓަރ ޑރ. މައުސޫމް ކޮންފަރެންސްގެ ބައިވެރިންނާއި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އަލުން އިއާދަވުމަށް މެދުވެރިވި އެންމެ މުހިންމު އެއް ސަބަބަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް އިސްވެ ހުންނަވާ ދައިރާގެ ހިއްސާދާރުންނާއި، މަސްލަހަތު އޮތް ފަރާތްތަކާއި، ސިއްޙީ ދާއިރާގެ މާހިރުންނާއި މަޝްވަރާކޮށް އެޅުއްވި ހާލަތާއި ގުޅޭ ފިޔަވަޅުތައްކަމަށެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ ދައިރާ ހުއްޓުމަކަށް އައީ ރާއްޖޭގެ ބޮޑަރުތައް ބަންދުކުރި ހިސާބުންނެވެ. އޭގެ ކުރިންވެސް ރާއްޖެ ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ދިޔައީ ދުވަހެއް ދުވަހަށް ދަށްވަމުންނެނެވެ. ބޯޑަރު އަލުން ހުޅުވުމަށްފަހު ސަރުކާރުން އެންމެ އިސްކަމެއް ދިނީ، ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ވެކްސިނޭޓް ކުރުމާއި، ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެ ރައްކާތެރި މަންޒިލަކަށް ހެދުމެވެ. މިއާއެކު ހަރުދަނާ ފިޔަވަޅުތަކެއް އެޅި ޕެންޑަމިކް ތެރޭގައިވެސް ރާއްޖެ ވަނީ ދުނިޔޭގެ އެންމެ މަޤްބޫލް މަންޒިލުގެ މަޤާމު ހާސިލުކޮށްފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ މައުސޫމް ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަން ކުރިއެރުވުމަށް ދައިރާގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމު ކަމުގެ މައްޗަށާއި، ކޮމިއުނިޓީ ބޭސްޑް ފަތުރުވެރިކަމުގެ މައްޗަށް ވަނީ އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ. މީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމާއި ގުޅޭގޮތުންވެސް ވަނީ ވާހަކަދައްކަވާފައެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އުލްސަންގެ މޭޔަރ ސޮންގ ޗަލްހޯ އާއި، އިންޓަރނޭޝަނަލް ޓޫރިޒަމް ފޯރަމް (އައި.ޓީ.އެފް) ގެ ޗެއަރމަން ޔޫ ޖިން ޔޮންގ އާއި ޔުނައިޓެޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯރގަނައިޒޭޝަން (ޔޫ.އެން.ޑަބިލިއު.ޓީ.އޯ) ގެ އޭޝިއާ ޕެސިފިކްގެ ރީޖަނަލް ޑިރެކްޓަރ ހެރީ ހްވަންގ ވާހަކަފުޅު ދެއްކެވިއެވެ. އެކި ޤައުމުތަކުގެ މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އަދި އިންޑަސްޓްރީގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވި މިކޮންފަރެންސްގައި އިކޯޓޫރިޒަމްއަށް އިޙްތިރާމްކުރުމުގެ އެމް.އޯ.ޔޫއެއްގައި ވަފުދުތަކުގެ ވެރިން ސޮއިކުރެއްވިއެވެ.

މި ކޮންފަރެންސް ހޯސްޓް ކޮށްފައިވަނީ ޔޫ.އެން.ޑަބިލިއު.ޓީ.އޯ އާއި އިންޓަރނޭޝަނަލް ޓޫރިޒަމް ފޯރަމް އާއި އުލްސަން މެޓްރޮޕޮލިޓަން ސިޓީގެ ފަރާތުންނެވެ. އަދި މި ކޮންފަރެންސް އޯރގަނައިޒް ކޮށްފައިވަނީ ކޮރެއާ ޓޫރިޒަމް އޯރގަނައިޒޭޝަން (ކޭ.ޓީ.އޯ) އަދި ކޮއިރާ ވޯރލްޑް ޓްރެވަލް ފެއަރ (ކޭ.އޯ.ޓީ.އެފް.އޭ) ގެ ފަރާތުންނެވެ. މިކޮންފަރެންސް ބާއްވާފައިވަނީ 37 ވަނަ ސިއޯލް އިންޓަރނޭޝަނަލް ޓްރެވަލް ފެއަރ އާ ގުޅުވައިގެންނެވެ.