ވިޔަފާރި

2 ވަނަ ސަދަން ބިޒްނަސް އެކްސްޕޯ ޖުލައިމަހުގެ ފަހުކޮޅު ބާއްވަނީ


2 ވަނަ ސަދަން ބިޒްނަސް އެކްސްޕޯ އަންނަ މަހުގެ ފަހުކޮޅު ބާއްވާ ގޮތަށް ނިންމައިފިއެވެ.

ސަދަން ބިޒްނަސް އެކްސްޕޯއަކީ ޓައިޓަން މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ރާއްޖެ އަދި ބައިނަލްއަޤްވާމީ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯ އޮންނާނީ ޖުލައި މަހުގެ 28 އިން 30 އަށެވެ. މި އެކްސްޕޯގެ އެގްޒިބިޝަން ކުރިއަށް ދާނީ އައްޑޫ ހައިސް ސްކޫލުގައެވެ.

އެކްސްޕޯއާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ޓައިޓަން މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، މިފަހަރު އެކްސްޕޯގައިވެސް ކުރިއެކޭ އެއްގޮތަށް މާލެއިން ދެކުނުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއް ޕްލެޓްފޯމެއްގެ ތެރެއިން ގުޅާލުމަށް ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި މިފަހަރު އެކްސްޕޯގައިވެސް ވިޔަފާރިތަކަށް އެ ވިޔަފާރިތަކުގެ ޕްރޮޑަކްޓް އެގްޒިބިޓް ކުރުމާއިއެކު، ޕެނަލް ޑިސްކަޝަންތައްވެސް ކުރިއަށްދާނެއެވެ. އަދި ބިޒްނަސް ފޯރަމެއްވެސް އެކްސްޕޯގެ ތެރެއިން ބާއްވަން ހަމަޖެހިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޓައިޓެން މޯލްޑިވްސްއިން ވިދާޅުވީ މިފަހަރު އެކްސްޕޯގައި 70 އެގްޒިބިޓަރުން ބައިވެރިވެރިވާނެ ކަމަށެވެ. މީގެ ތެރޭގައި އައިލޭންޑް ޑެސްޓިނޭޝަން ޕްރޮމޯޓް ކުރުމަށް އަރިއަތޮޅުގެ ބައެއް ރަށްތަކުން ބައިވެރިވާނޭކަމަށް ޓައިޓެން މޯލްޑިވްސްއިން ފާހަގަކުރެއެވެ. އަދި އެކްސްޕޯގެ ބިޒްނަސް އެމްބެސެޑަރއެއްގެ ގޮތުގައި މިފަހަރު ހަރަކާތްތެރިވާނީ މިސް ސާބީއާއެވެ.

ޓައިޓެން މޯލްޑިވްސް ސަދަން އެކްސްޕޯ ފުރަތަމަ ފަހަރަށް ބާއްވާފައިވަނީ 2019 ވަނަ އަހަރު އޯގަސްޓު މަހުއެވެ.