ޚަބަރު

ފޭދޫ މާރާމާރީއާ ގުޅިގެން އިތުރު ކުއްޖަކު ހައްޔަރުކޮށްފި


އައްޑޫ ސިޓީ ފޭދޫގައި ހިންގި މާރާމާރީއާ ގުޅިގެން ޢުމުރުން 18އަހަރުން ދަށުގެ އިތުރު ކުއްޖަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފޭދޫގައި މިދިޔަ ބުދަ ދުވަހުގެރޭ ހިންގި މާރާމާރީގައި ލިބުނު އަނިޔާތަކަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވަނީ ސ.ފޭދޫ ސޮލިޑް، ޢުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާއެވެ. މިމައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓުން ބަލަމުންދާއިރު، މައްސަލާގައި ހިމެނޭ ދެކުއްޖަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.

އެގޮތުން މިމައްސަލާގައި ޢުމުރުން 15 އަހަރުގެ ކުއްޖަކު ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ. އޭގެކުރީރޭ ޢުމުރުން 16 އަހަރުގެ ކުއްޖަކުވެސްވަނީ ހައްޔަރުކޮށްފައެވެ. ކޯޓު އަމުރެއްގެދަށުން މި ދެކުދިން ހައްޔަރުކުރިއިރު މީގެ ތެރެއިން 16 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ކޯޓުންވަނީ ޖަހައި ދީފައެވެ.

މިމައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދާއިރު، ރަށުގެ އަމާންކަން ނަގާލުމަށް އުޅުނު ކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެ މީހުންނާއި 29 އަހަރުގެ މީހަކު ވަނީ ރޭ ހައްޔަރުކޮށްފައެވެ. މިމީހުންގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހާފައެވެ.

މިމާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާގުޅިގެންނާއި، މަސްތުވާތަކެއްޗާ ގުޅުންހުރި މާރާމާރީއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އައްޑޫގައި ހިންގި މާރާމާރީގެ ތެރެއިން އެކެއްގެ ފުރާނަ ދިއުމާއެކު ސިޓީ ކައުންސިލުންވަނީ ކުށްވެރިވާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ.