ވިޔަފާރި

5 ވަނަ އައިއެމްޓީއެމް ފެއަރ ޖުލައި 19އިން 20އަށް


5 ވަނަ އައިއެމްޓީއެމް ފެއަރ މިއަންނަ ޖުލައިމަހުގެ 19 އަދި 20 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް އައިއެމްޓީއެމްއިން ބުނެފިއެވެ.

މިފެއަރގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައިނަލްއަޤްވާމީ ފަތުރުވެރިވެރިކަމުގެ ދާއިރާގެ އެކި ފަންތީގެ ފަރާތްތަކާއި، ގުޅުވައި ފަތުރުވެރިކަމުގެ ދައިރާގެ ފުޅާކުރުމަށް މަގުފަހިކޮށްދިނުމެވެ. އަދި މިކަމުގެ ސަބަބުން އައު ހިޔާލުތައް ބަދަލުކުރެވި ދާއިރާގެ މުސްތަޤްބަލަށް ބޭނުންތެރި ގުޅުންތައް އުފެދިގެން ދާނެކަމަށް އައިއެމްޓީއެމް ބުނެއެވެ.

މީގެއިތުރުން ރާއްޖޭގެ މައިސް ޓުއަރިޒަމްގެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުންވެސް މި ފެއަރގެ ތެރެއިން ކުރިއަށްދާނެކަމަށް އައިއެމްޓީއެމްއިން ބުނެއެވެ.

މިއަހަރުގެ ފެއަރ ފެށުމަށް ހަމަޖެހިފައިވަނީ ސަސްޓެއިނަބަލް ޓުއަރިޒަމް ފޯރަމާއި އެކުގައެވެ. މި ފޯރަމްގެ ބޭނުމަކީ ވިލުންވެރި އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ބިނާކުރުމަށް އެކި ފަރާތްތަކުން ކުރެވެމުންދާ މަސައްކަތުގެ ތަޖުރިބާ ހިއްސާކޮށް، އީޖާދީ ޙިޔާލުތަކެއް ހުށަހަޅައި، މޫސުމީ ބަދަލުތަކަށް ހޭލުންތެރިވެފައިވާ ރަނގަޅު ފަތުރުވެރިކަމުގެ ސިނާޢަތެއް ރާއްޖޭގައި ބިނާކުރުމަށް އެހީތެރިވެދިނުމެވެ. މިއީ 2019 ވަނަ އަހަރު މި ފޯރަމް ބޭއްވުމަށްފަހު އައިއެމްޓީއެމްގެ ފެށުމުގެ ގޮތުން މި ފޯރަމް ބާއްވާ ދެވަނަ ފަހަރެވެ.

އައިއެމްޓީއެމް ނުވަތަ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓްގެ މިއަހަރުގެ ޝިއާރަކީ "އައު ހިޔާލުތަކާއި ބަދަލުތަކާއި އެކު ވިލުންވެރި ފަތުރުވެރިކަމަކަށް" މި ޝިއާރެވެ.

މި ޝިއާރަކީ ކޯވިޑަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން މަޑު ޖެހިލާފައި އޮއްވައި ސަރުކާރާއި އަދި އެމްއެމްޕީއާރްސީގެ ބުރަ މަސައްކަތުން ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި އެކަމުން އަރައިގަނެވުމާއެކު އެކަމުގެ މައްޗަށް ބިނާކޮށްފައިވާ ޝިއާރެކެވެ. އަދި މިއަހަރު ފަތުރުވެރިކަމުގެ ދައިރާގައި އިތުރު ކުރިއެރުންތައް ހޯދާނެކަމަށް ބެލެވޭކަމަށް އައިޓީއެމްއިން ބުނެއެވެ.

އައިއެމްޓީއެމްއަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރި ބޭރުގެ ފަރާތްތަކަށް އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ފެއާއެކެވެ. މިފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ލޯކަލް ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ޑައިވް ސެންޓަރުތަކާއި ލޯކަލް ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުން ބައިވެރިވާނެއެވެ.

މިއަހަރުގެ އައިއެމްޓީއެމް ފެއަރގައި 20 ޤައުމަކުން 100 ފަރާތެއް ބައިވެރިވާނެއެވެ. އަދި ރާއްޖޭގެ ރިސޯޓް، ހޮޓެލް، ސަފާރީ، ހޯމްސްޓޭއިން 800 ފަރާތުން ބައިވެރިވާނެއެވެ. މިއަހަރުގެ ފޯރަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާނީ ކޯވިޑް ޕެންޑަމިކްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ހުރި ގޮތަށް ގެންދިއުމަށެވެ.

މިއަހަރު އައިޓީއެމް ފެއަރގެ މީޑިއާ ޕާޓްނަރއަކީ ޕީއެސްއެމްއެވެ.