ޚަބަރު

އައްޑޫގައި ރެޖިސްޓްރީކޮށްފައިވާ އެއްގަމާއި ކަނޑު އުޅަނދުގެ ދަފްތަރެއް އެކުލަވާލަނީ


އައްޑޫ ސިޓީގައި ގެންގުޅޭ ކަނޑު އަދި އެއްގަމު އުޅަނދުގެ ދަފްތަރެއް އެކުލަވާލުމަށް އައްޑޫ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިމަސައްކަތް ފަށާފައި މިވަނީ އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ރެޖިސްޓްރީ ވެފައިވާ އުޅަނދުތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭ ގޮތަށް ބަދަލު ގެނައުމާއެކު، އައްޑޫގައި ރަޖިސްޓްރީކޮށް ގެންގުޅޭ އުޅަނދުތަކަކީ ކޮބައިކަން ދެނެގަތުމުގެ ބޭނުމުގައެވެ. އެގޮތުން މިމަސައްކަތް ކުރިއަށް ގެންދަނީ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، އައްޑޫގައި މިވަގުތު ރެޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ މަޢުލޫމާތު ދަފްތަރު އެކުލަވާލުމަށް ޓްރާންސްޕޯޓުން ލިސްޓު ހޯދަން މަސައްކަތްކުރި ކަމަށާއި، ނަމަވެސް މިނިސްޓްރީގެ ސިސްޓަމް ފަރުމާވެފައިއިން ގޮތުން ޒޯން ވަކިން ވެހިކަލް ދެނެގަނެވުނަސް އައްޑޫގެ އަވަށްތައް ވަކިކޮށް އުޅަނދުތައް އެނގޭ ގޮތަށް މިނިސްޓްރީގެ ނިޒާމުގެ ތެރެއިން ފިލްޓަރ ނުކުރެވޭ ކަމަށެވެ. އެހެންކަމުން ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ދަފްތަރު އެކުލެވުމުގެ މަސައްކަތް ކައުންސިލުން ފެށީ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫސިޓީ ކައުންސިލުން އެއްގަމާއި ކަނޑު އުޅަނދުގެ ދަފްތަރެއް އެކުލަވާލުމަށް ނިންމާފައިވާއިރު، އުޅަނދުތަކުގެ މަޢުލޫމާތު ކައުންސިލުގެ ގޫގުލް ފޯމް ނުވަތަ 7365003 ނަންބަރަށް ވައިބަރ ކޮށްގެން ވެސް ފޯރުކޯށްދެވޭނެއެވެ. އެގޮތުން އުޅަނދުގެ ރެޖިސްޓްރޭޝަން ޕްލޭޓް ފެންނަ ގޮތަށް ނުވަތަ ރެޖިސްޓްރީ ކޮޕީއެއް ވައިބަރ ކޮށްގެން ވެސް މިކަން ކުރެވިދާނެއެވެ.

މީގެ އިތުރުން ފުލުހުންނާއި ގުޅިގެން ފާއިތުވި 5 ވަރަކަށް އަހަރު ދުވަހު އައްޑޫގައި ދުއްވާ އުޅަނދުތަކާއި ގުޅިގެން ފުލުހުންނަށް ލިބިފައިވާ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރާނެކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިހާރު ހެލްމެޓް ޤަވާއިދަށް އާންމުން ހޭލުންތެރި ކުރުމަށްގެންދާ ހަރަކާތުގެ ތެރެއިންވެސް އުޅަނދުތަކުގެ މައުލޫމާތު ފުލުހުން ކައުންސިލާއި ހިއްސާކުރާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން އެ ތަނަކުން ލިބޭ އާމްދަނީ އެތަނަކަށް ލިބޭނެ އިންތިޒާމު ޤާނޫނުގެ ތެރެއިން ހަމަޖައްސަވައި އެކަމާއި ގުޅޭ އިދާރީ ކަންކަން ސަރުކާރުން ދަނީ ކުރަމުންނެވެ.