ޚަބަރު

ފޭދޫ މަގުތަކުގައި ގައު އެތުރުމުގެ މަސައްކަތް ބާރަށް ކުރިއަށް


އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އައްޑޫ ފޭދޫ ހަނި މަގުތަކުގައި ގާ އެތުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާކަމަށް ޕްލޭނިންގް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އައްޑޫ ރޯޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކީ ސަރުކާރުން އައްޑޫގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިމަސައްކަތުގެ ދަށުން މިހާރު އައްޑޫގެ ތިން ސަރަހައްދެއްގައި އެއް ފަހަރާ މަސައްކަތް ކުރެވެމުންދެއެވެ. އެއީ ފޭދޫ، ހިދަތޫ އަދި ހަނކެޑެ ވަށައިގެން އަޅާ ބްރިޖްގެ މަސައްކަތެވެ.

އައްޑޫ ރޯޑު ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ޕީއެސްއެމްއަށް ދިން ހާއްސަ ބަސްތީގަތުމެއްގައި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި އައްޑޫ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓު ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވީ، މިވަގުތު އެންމެ ބާރަށް ކުރިއަށް ދަނީ ފޭދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ފޭދޫ މަގުތުގައި ގާ އެޅުމުގެ މަސައްކަތް ފެށިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފޭދޫ މަގުތަކުގައި ގާ އެތުރުމުގެ މަސައްކަތް މިހާރު ފެށިފައިވަނީ، ފޭދޫ އަކީ އައްޑޫ އެހެން އަވަށްތަކާއި ޙިލާފަށް ފެން ހިންދާ ނިޒާމެއް މި ސަރުކާރުން މިހާރުވެސް ޤާއިމުކޮށްދީފައިވާ ރަށަކަށް ވުމުންނެވެ. އެހެންކަމުން މި މަޝްރޫއުގެ ދަށުން މަގުތަކުގައި ސިމެންތި ބޭސް ލޭޔަރއެއް އަޅައި ގައު އެތުރުމުގެ މަސައްކަތް މިވަނީ ފެށިފައެވެ. އެގޮތުން މަޝްރޫޢޫގެ ދަށުން ގައު އަތުރާނީ 3.5 މީޓަރަށް ވުރެ ހަނި މަގުތަކުގައިކަން ސޯބެ ފާހަގަކުރެއްވިއެވެ.

"އޭގެތެރެއިން ވެސް (ގައު އަތުރާ މަގުތަކުގައި) ހުންނާނެ މަގުގެ އެއް ފަޅީގައި ޕޭވްމަންޓް ހަދާފައި، މަގުގެ އެއް ފަޅީގައި ކާބްސްޓޯން ޖައްސާފައި، ނޫނިއްޔާ ވަރަށް ހަނި މަގު އެބަހުރި - ގާތްގަނޑަކަށް 1.7 މީޓަރުގެ މަގަކާއި ދިމާވި، އެހާ ވަރުގެ މަގުގައި އެއްވެސް ގޮތަކަށް ޕޭވްމެންޓް ގަލެއް ނުޖައްސާނެ. އެހެންވީމަ ފޭދޫގައި މިހާރު ހެދެމުންދާ މަގުތަކަކީ ފުދޭވަރަކަށް ހަނި މަގުތަކެއް ވީމަ ގައު އަތުރާ މަގުތައް އެ ހެދެމުންދަނީ" ސޯބެ ވިދާޅުވުއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވި ގޮތުގައި، ފުރަތަމަ މަޝްރޫއުގެ ދަށުން ނިންމީ ސިމެންތި ބޭސް ލެޔަރއެއް އަޅައި ނިންމާލުމަށް ކަމަށާއި، ނަމަވެސް މިހާރު ހަނި މަގުތަކުގައި ގައު އަތުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 3.5 މީޓަރަށް ވުރެން ފުޅާ މަގުތަކުގައި ތާރު އަޅާނެކަމަށް ވިދާޅުވިއެވެ.

ފޭދޫގެ މަގުތަކުގައި ގައު އެޅުމުގެ އިތުރަށް މަގުތަކުގައި ޔޫޓިލިޓީސް ޑަކްޓުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ކަރަންޓު ލައިން ފަދަ ޒަރޫރީ ބޭނުންތައް ބޭނުންވާ ޙިދުމަތް ގޭގެއަށް ގުޅުމަށް އަޅާ ހޮޅިތައްކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 41 ކިލޯމީޓަރުގެ މަގުގައި ތާރު އަދި ގައު ހިމެނޭހެން ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ގާތްގަނޑަކަށް 67 ކިލޯމީޓަރުގެ މަގުގައި ސިމެންޓް ސްޓެބިލައިޒްޑް (ސީ.އެސް.ބީ) ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައިވެއެވެ.

އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫއެސް ޑޮލަރގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެވެ. 77.6 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 1.1 ބިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު 730 ދުވަސް ތެރޭގައި ނިންމަންޖެހެއެވެ.