ޚަބަރު

އުމުރުން 16އަހަރު، ދުނިޔޭގެ ރެކޯޑެެއް ހަދަން ގަދަ ހިތްވަރެއް


ތަފާތުކަމެއް ކޮށްލައިގެން ގިނިސް ވޯލްޑު ރެކޯޑު ފޮތަށް އެރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށް އެތައްބަޔަކު ދެކެއެވެ. މި ސަބަބަށްޓަކައި ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު، މި ފޮތުން ޖާގަ ހޯދުމަށް މަސައްކަތްކުރެއެވެ. އަދި ކުރިން ހަދާފައިވާ ރެކޯޑެއް މުގުރާލައި ރެކޯޑު ފޮތުން ޖާގައެއް ހޯދުމަކީ ލިބޭ ބޮޑު ޝަރަފެކެވެ.

ޢުމުރުން 16 އަހަރުގެ މެކު ރުތަރފޯޑު އަންނަނީ މިފަދަ ރެކޯޑެއް ޤާއިމްކުރުމުގެ މަސައްކަތް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ މަސައްކަތްކުރަމުންދަނީ މަތިންދާ ބޯޓެއްގައި ދުނިޔެ ވަށާ ބުރު ޖަހާ އެންމެ ހަނގު އުމުރުގެ ކުއްޖާއަށްވުމުގެ ރެކޯޑު ހަދާށެވެ. މި ރެކޯޑު މިހާރު އޮތީ ޓްރެވިސް ލުޑުލޯ ނަމަކަށް ކިޔާ މީހެއްގެ އަތުގައެވެ. އެނާ މި ރެކޯޑު ހަދާފައިވަނީ މިދިޔަ އަހަރުތެރޭގައެވެ. އޭރު އޭނާގެ އުމުރަކީ 18 އަހަރެވެ.

މެކު ރުތަރފޯޑަކީ އިނގިރޭސިވިލާތާއި ބެލްޖިއަމްގެ ރަށްވެރިކަން އޮންނަ ކުއްޖެކެވެ. އޭނާގެ ޢާއިލާގައި ގިނައީ ޕައިލެޓުންނެވެ. މެކު އެންމެފުރަތަމަ މަތިންދާ ބޯޓެއް ދުއްވާފައިވަނީ ޢުމުރުން އެންމެ 7 އަހަރުގައެވެ. އެއީ އޭނާގެ ބައްޕައާ އެކުއެވެ. އުމުރުން އެންމެ 15 އަހަރުގައި އޭނާވަނީ ދުނިޔޭގެ އެންމެ އުމުރުން ހަނގު ޕައިލެޓަށްވެފައެވެ. އުމުރުން 19 އަހަރުގައި މެކުގެ ދައްތަ ޒާރާވަނީ މަތިންދާ ބޯޓެއްގައި ދުނިޔެ ވަށާ ބުރުޖެހި އެންމެ ހަނގު އުމުރުގެ އަންހެނާގެ ރެކޯޑު ހަދާފައެވެ.

މަތިންދާ ބޯޓެއްގައި ދުނިޔެ ވަށާ ބުރުޖެހުމުގެ ރެކޯޑު ހެދާ އެންމެ ހަނގު އުމުރުގެ ކުއްޖާއަށްވުމުގެ ރެކޯޑު ހެދުމަށް އޭނާ ދަތުރު ފެށީ މިދިޔަ މާޗުމަހުގެތެރޭ ބަލްގޭރިއާގެ ވެރިރަށް ސޯފިއާއިންނެވެ. އޭނާ މި ރެކޯޑު ޤާއިމްކުރުމަށް ދުއްވަނީ ވަރަށް ކުޑަ މަތިންދާ ބޯޓެކެވެ.

މެކު ވަނީ މިދިޔަ ހަފްތާގެ ތެރޭ ކެންޔާގެ ވެރިރަށް ނައިރޯބީއަށް ދަތުރުކޮށްފައެވެ. މެކް ބުނާގޮތުގައި އޭނާ މި ރެކޯޑު ޤާއިމްކުރުމަށް މަސައްކަތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޒުވާނުންނަށް އެމީހުންގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ހިތްވަރުދިނުމެވެ.

މެކްގެ މި ދަތުރަށް ހިތްވަރުނުދޭ ބަޔަކުވެސް އެބަތިއްބެވެ. އެގޮތުން އޭނާ މި ދަތުރުގައި ދުއްވާ މަތިންދާ ބޯޓު އުފައްދާފައިވާ ކުންފުނި، ޝާކު އެއިރޯއިންވަނީ އޭނާއެކު ޕާޓްނަރޝިޕް ޤާއިމްކުރުމަށް ދެކޮޅުހަދާފައެވެ.

އެ ކުންފުނިން ބުނީ މިފަދަ ދަތުރެއް އެހައި ޅައުމުރުގެ ކުއްޖަކު ކުރުމަކީ އޭގައި ގިނަ ހިރާސްތައް ހުރި ކަމެއްކަމަށެވެ. އެހެންކަމުން މިފަދަ ކަމަކަށް ހިތްވަރުދިނުމަށް އެކުންފުނިން ބޭނުން ނުވާ ކަމަށެވެ.

ކޮންމެއަކަސް މެކްގެ މި ދަތުރުގައި އެޕްރިކާގެ އިތުރު 4 މަންޒިލަކަށް، އިންޑިއާ ކަނޑުގެ ބައެއް ޤައުމުތަކަށް މަޑުކުރުމަށްފަހު، މެދު އިރުމަތީގެ ޤައުމުތަކަށް މިސްރާބު ޖަހާނެއެވެ. އަދި އޭޝިއާ އާއި ދެކުނު އެމެރިކާގެ ޤައުމުތަކަށް ޒިޔާރަތްކުރުމަށްފަހު އެނބުރި ޔޫރަޕަށް ގޮސް ދަތުރު ނިންމާލާނެއެވެ.